މުސްލިމުންގެ ގޮތުގައި ތިބެވެން އޮތީ ކާފިރުންގެ މިންގަނޑުން ހައްދުފަހަނައަޅައި ގޮސްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
މުސްލިމުންގެ ގޮތުގައި ތިބެވެން އޮތީ ކާފިރުންގެ މިންގަނޑުން ހައްދުފަހަނައަޅައި ގޮސްގެން!

އިސްލާމް ދީނުގައި އޮތް މަގުން އިސްލާމް ދީނަށް ޢަމަލުކުރަން މީހަކު މަސައްކަތް ފަށައިފިނަމަ އެމީހަކަށް އެކި ނަންނަމުން ކިޔައި ފުރައްސާރަކުރާ ބައަކު އުޅެއެވެ. އެމީހުންގެ ޢަޒުމް ގުޑުވާލަން މަސައްކަތްކުރެއެވެ. 

މިޘާލަކަށް ބުނާނަމަ ބަންގިގޮވުމުން ކުރަންހުރި މަސައްކަތް ހުއްޓާލާފައި ނަމާދަށްދާ މީހުންނަކީވެސް ހަރުކަށި ފިކުރު ނުވަތަ ހައްދު ފަހަނައަޅާފައިވާ މީހުން ކަމަށް އެބަބުނެއެވެ. ސުންނަތަށް ޢަމަލުކުރާނަމަ އެއީ އަދި މާބޮޑަށް ހައްދުފަހަނައެޅުން ކަމަށްވެސް އެބަ ދެކެއެވެ. 

އެހެންކަމުން މިގެނެސްދެނީ ހައްދަުފަހަނައެޅުމަކީ ކޮބައިކަން ބަޔާންކުރެވިފައިވާ ލިޔުމެކެވެ.  

ހައްދުފަހަނައެޅުން: ޖުމައިލް އަޙްމަދު  

މީހަކު ހުރީ ހައްދުފަަހަނަ އަޅައިފައިތޯ ނޫންތޯ ކަނޑައަޅާނީ މުޖުތަމަޢުއަކުން ނޫނެވެ. ހައްދަކީ ޤުރްއާނާއި ސުންނަތެވެ. އެ ހައްދު ކަނޑައަޅަން އެނގޭނީވެސް ޤުރްއާނާއި ސުންނަތާއި މިންކޮށްފައެވެ.  ހަވާއަށް ތަބާވާ މުޖުތަމަޢުތަކުން  މީހުން ލޭބަލް ކުރުމުގައި ގެންގުޅޭ މިންގަނޑަކީ އެއިރެއްގެ ޓްރެންޑް ތަކެވެ. އެހެންކަމުން ލޖބޓއަށް ތާއީދުނުކުރާ މީހުންނަކީ ހައްދުފަހަނައަޅައިފައިވާ މީހުންކަމަށް ދުނިޔޭގެ ބަޔަކު މިހާރު ޤަބޫލުކުރެއެވެ. 

ފިރިހެނުން ތުނބުޅި ނުބޭލުމަކީ ހައްދުފަހަނައެޅުން ކަމަށް ބައެއްމީހުންނަށް ހީވެއެވެ. އަންހެނުން މޫނު ބުރުގާ އެޅުން އެއީ ހައްދުފަހަނައެޅުން ކަމުގައި ބައެއް މީހުންނަށް ހީވެއެވެ.  ދެޖިންސު މައްސުނި ނުވުން އެއީ ހައްދުފަހަނައެޅުންކަމުގައި ބައެއް މީހުން ޤަބޫލުކުރެއެވެ. ނަމަވެސް މިކަންކަމަކީ އަބަދު މިހެން ޤަބޫލުކުރެވިފައި އޮތް ކަންކަމެއް ނޫނެވެ. ތުނބުޅި އަކީ ފަހަކާއި ޖެހެންދެން ފިރިހެންވަންތަ ސިފައެކެވެ. އަންހެނުން މޫނު ނިވާކުރުމަކީ ފަހުގެ ޤަރުނުތަކާއި ޖެހެންދެން ހުޅަނގުގެ ޤައުމުތަކުަގައިވެސް އޮތް ކަމެކެވެ. ހިލޭ އަންހެނުންނާއި ފިރިހެންުންގެ ދޭތެރޭ އޮންނަން ޖެހޭ ލިމިޓަކީ މާކުރީއްސުރެ ޤަބޫލުކުރެވިފާ ކަމެކެވެ. 

މިގޮތަށް ޤަބޫލުކުރެވޭ ކަންކަން އަބަދުވެސް  ދަނީ ބަދަލުވަމުންނެވެ. މިއަދު މީހުންމެރުން ގޯސްވެފައި މާދަން ރަނގަޅު ވެދާނެއެވެ. މިއަދު ރާ  އޯކޭ ވެފައި، މާދަން ގޯސް ވެދާނެއެވެ. ނަމަވެސް އިސްލާމީ ޝަރީޢަތް 1400 އަހަރު ކުރިން ބާވައިލެއްވި ހިސާބުން އެޝަރީއަތުގެ ޙުކުމްތައް އެއީ އެންމެން އަމަލުކުރަން ޖެހޭ މިންގަނޑެވެ. އެއީ އިލާހީ ހައްދެވެ.މުޖުތަމަޢުތަކުން ކޮންމެ ގޮތަކަށް ދެކުނަސް  އެ ޝަރީޢަތުގައި ވާ ގޮތާ ޚިލާފް ވާނަމަ އެއީ ހައްދު ފަހަނައެޅުމެވެ. 

إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ 

ހަމަކަށަވަރުން ﷲ އާއި، އެކަލާނގެ رَسُول އާ އާ خِلاف ވެ، ދެކޮޅުވެރިވާ މީހުން ވަނީ ދެރަވެ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ. 

ހައްދުފަހަނައެޅުމަކީ އިސްލާމްދީނުގެ ހައްދުތައް ފަހަނައަޅައިދިޔުމެވެ. ހައްދުފަހަނައެޅުމުގެ މަޝްއޫރު ނެރެޓިވް ކަމުގައި މިއަދު ވެފައިވާ ހުޅަނގުގެ ނެރެޓިވް  އިން ހައްދުފަހަނައެޅުން ހުއްޓުވުމަށް އެކިގޮތްގޮތުން އެތަކެއް އިދާރާތަކުން މަސައްކަތްކުރަމުންދާއިރު ހަޤީޤީ ހައްދުފަހަނައެޅުމުން މުޖުތަމަޢު ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ މަދު ބަޔަކެވެ. ހަޤީޤީ އިޞްލާޙަށް މަސައްކަތްކުރާ މީހުންނަކީ އެއީއެވެ. އެމީހުން އެ މަސައްކަތްކުރަނީ ދާއިމީ  ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ގޯތި ތަކެއް އާޚިރަތުގައި އެމީހުންނަށާއި އެހެންއެންމެނަށް ހޯދަދެވޭތޯއެވެ. 

- ޖުމައިލް އަޙްމަދު

 

މިއަދު އޮންލައިން