މިއަހަރުގެ ރަމަޟާން މަސް ފެށުނީންސުރެ މިއަދުނޫހުގައި މިއައީ ކިޔުންތެރިން ޖަވާބުދެއްވުމަށް ސުވާލުތަކެއް ޝާއިޢުކުރަމުންނެވެ. ސުވާލުތައް ހަށަހަޅާފައިވާނީ ޖަވާބު ލިބިލައްވާނެވެސް ގޮތަށެވެ. އެގޮތަށް އެކަންކުރީ ކިޔުންތެރިން އިމްތިޙާނުކުރުމުގެ ބަދަލުގައި ހޭލުންތެރިކަން އިތުރުކުރުވަން ކުރި މަސައްކަތަކަށްވާތީއެވެ.
އިނާމަކަށް މައިލޯ ކޭސްލިބިލެއްވި ފަރާތްތަކުގެ ތެރެއިން މައިލޯ ކޭސް ނުގެންދަވާ ހުރި ފަރާތްތަކުގެ ކޭސްތައް ރަމަޟާން މަސް ނިމުމުން (ގެންދަން ދިން މުއްދަތު ހަމަވުމުން) އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށްޓަކައި މިހާރު ވަނީ ރޯދަވީއްލަން މިސްކިތްތަކަށް ހަދިޔާކޮށްފައެވެ.
އެހެންކަމާއިއެކުވެސް މައިލޯ ކޭސް ލިބިލެއްވި ކިޔުންތެރިންގެ ތެރެއިން އިނާމު ނުގެންދެވި ހުރި ކިޔުންތެރިން ޝައްވާލް މަސް ނިމުމުގެ ކުރިން އެދިލއްވައިފިނަމަ ކޮންމެ ކިޔުންތެރިއަކަށް 2 ފުޅި ހުވަނދު ހަދިޔާކުރަން ވަނީ ނިންމައިފައެވެ. ކުޑަކުދިންގެ އެކި ސައިޒުގެ 5 ގަމީހާއި ހުވަނދު ލިބިލެއްވި ކިޔުންތެރިންނަށް ދެވިފައިވާ މުއްދަތަކީ ޝައްވާލް މަހުގެ 15 އާއި ހަމައަށް ނަމަވެސް ޝައްވާލް މަސް ނިމެންދެން އިނާމު ދިނުމަށްވެސް ވަނީ ނިންމައިފައެވެ. އިނާމު ހޯއްދަވަން 7788020 އަށް އެސްއެމްއެސް ނުވަތަ ވަޓްސްއަޕް އިން މެސެޖްކޮށްލައްވާށެވެ!
އެކަންކަން އެގޮތަށް ހަމަޖެއްސީ ކިޔުންތެރިން ދެއްވި ތަރްޙީބް ބޮޑުވުމުން ޝުކުރުއަދާކުރުމުގެ ގޮތުންނެވެ.
ހަމައެއާއިއެކު އުފާވެރި އިތުރު ޚަބަރެއްވެސް އަރުވާނަމެވެ. އެއީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ސުވާލެއް ޝާއިޢުނުކުރިނަމަވެސް ހަފްތާއަކު އެއްފަހަރު އިނާމު ލިބޭ ސުވާލެއް ހުށަހަޅަން މަސައްކަތްކުރާނެ ކަމުގެ ޚަބަރެވެ. އިންތިޒާރުކުރައްވާށެވެ!
އަދިވެސް އެއްފަހަރު ސުވާލުތަކަށް ޖަވާބުދެއްވި ހުރިހާ ކިޔުންތެރިންނަށް މިއަދުނޫހުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ-
ޢަބްދުއްލަޠީފް / މިއަދުނޫސް