ތިމާ މަރުވުމުން ބައިވެރިޔާ އެހެން މީހަކާ ކައިވެނިނުކުރަން ބާރުއަލައިގެންނުވާނެ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތިމާ މަރުވުމުން ބައިވެރިޔާ އެހެން މީހަކާ ކައިވެނިނުކުރަން ބާރުއަލައިގެންނުވާނެ ބައެއް ސަބަބުތައް-

މަރުވުމުން ބައިވެރިޔާ މީހަކާ ކައިވެނިކޮށްފާނެ ކަމާއިމެދު ވަރަށް ގިނަ މީހުން ކަންބޮޑުވެއެވެ. އެހެންވެ އިތުރު ކައިވެންޏެއް ނުކުރާނެ ކަމަށް ވަޢުދުކުރުވުން ފަދަ ކަންކަންވެސް ކުރެއެވެ. ނަމަވެސް މިއީ އެގޮތަށް ކަންތައް ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމުގެ އިޚްތިޔާރު ދޫކޮށްލަންވާނީ ބައިވެރިޔާއަށެވެ.  

މިސާލަކަށް ފިރިމީހާ މަރުވީއެވެ. ޢިއްދަވެސް ހަމަވީއެވެ. އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ދިރިއުޅެވޭނެ ތަނަވަސްކަން ހޯދިފައެއް ނެތެވެ. އަނބިމީހާއާއި އަޅާލައި އެހީތެރިވާނެ މީހަކު ނެތެވެ. އެޙާލަތުގައި ހިތާއި ދެކޮޅަށްވެސް ކައިވެނިކުރަން އަނބިމީހާއަށް މަޖުބޫރުވާނެއެވެ. ޒަރޫރީ ބޭނުންތައް ޙަލާލު ގޮތުގައި ފުއްދައިގެން އަނބިމީހާ ދިރިއުޅެންޖެހޭނެތީއެވެ. ދަރިން ތިބިނަމަ އެކުދިންގެ ކަންކަން ބަލަހައްޓަން ޖެހޭނެތީއެވެ.  

ހަމަ އެއާއިއެކު ޤަބޫލުކުރަންޖެހޭނެ އެހެންކަމެއްވެސް އެބައޮތެވެ. އެއީ އިންސާނުން އުފައްދަވާފައި މިވަނީ ކަންތައްތަކަކަށް ބޭނުންވާނެ ގޮތަށެވެ. އެއިގެ ތެރޭގައި އެއްދާންކުރުންވެސް ހިމެނެއެވެ. އެކަމަށް އެކިމީހުން ބޭނުންވާނީ އެކިވަރަށެވެ. ޙަރާމް ގޮތުގައި އެކަން ނުކޮށް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ވީމާ އެއީވެސް ބައިވެރިޔާއަށް ކައިވެނިކުރަން މަޖުބޫރުވާނެ ޙާލަތެކެވެ.  

ވީމާ ދެމަފިރިންވެސް މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. މަރުވުމުން އިތުރު ކައިވެންޏެއް ނުކުރަން ބާރުއަޅައިގެން ނުވާނެއެވެ. އެއިގެ ބަދަލުގައި ބާރުއަޅަންވީ ޙަރާމް ގޮތުގައި އެއްވެސް ކަމެއް ނުކުރުމަށެވެ. ޙަރާމް ގޮތުގައި އެއްވެސް އެއްޗެއް ނުހޯދުމަށެވެ. ފާފައެއް ނުކުރުމަށެވެ. ޙަޤީޤީ ލޯބިވުމަކީ އެއީއެވެ.  

ދެމަފިރިން އެންމެ ބޮޑަށް މަސައްކަތްކުރަންވީ ވީހައި ގިނައިން އަޅުކަންކުރުމަށެވެ. ޚާއްޞަކޮސް ދެމަފިރިން އެކުގައި ރޭއަޅުކަން ކުރުމަށެވެ. އެއިރުން ކުރިން މަރުވި މީހާއަށް ކައްވަޅުގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. ދުނިޔޭގައި ހުރި މީހާއަށް ދުނިޔޭގައިވެސް އަދި މަރުވުމުންވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން