ދުނިޔެއަށް އުފަންވާ އެއްވެސް މީހަކު މަރުނުވާނެކަމަށް އެބުނާ ބަހުގެ ޙަޤީޤަތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ދުނިޔެއަށް އުފަންވާ އެއްވެސް މީހަކު މަރުނުވާނެކަމަށް އެބުނާ ބަހުގެ ޙަޤީޤަތަކީ ކޮބައިތޯ؟

ﷲ ތަޢާލާ ދުނިޔެއަށް އުފަން ކުރައްވަވާ އެއްވެސް މީހަކު މަރުނުވާނެ ކަމަށް ބުނެވިފައި ހުންނަ ލިޔުންތަކުގައި އެބުނަނީވެސް ހަމަ ޙަޤީޤަތެވެ. ސަބަބަކީ މަރުވުމަކީ މީހާގެ ފުރާނަ ހަށިގަނޑާއި ވަކިވުމެވެ. އެފުރާނަ ދިރިހުރެއެވެ. މަރުގެ މަލާއިކަތާ ކުރައްވަވާ ކަމަކީ ފުރާނަ ހަށިގަނޑުން ބޭރުކުރެއްވެވުމެވެ. އެއަށްފަހު އެފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވައެވެ.  

ވީމާ މީހާއަކީ މީހާގެ ހަށިގަނޑު ކަމަށް ނުބަލައި މީހާއަކީ އޭނާގެ ފުރާނަކަމަށް ބަލައިފިނަމަ ފުރާނަ ދުވަހަކުވެސް މަރެއް ނުވެއެވެ. ދުނިޔެއަށްފަހު ޤިޔާމަތާއި ހަމައަށް ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމުގައި އޭނާގެ ފުރާނަވާނީ ﷲ ތަޢާލާ ލެއްވެވި ރަޙްމަތުގައެވެ. އެކަން ބިނާވެގެންދާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ. ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުނު ނަމަ އެމީހެއްގެ ފުރާނަ ވާނީ ހެޔޮ ރަޙްމަތުގައެވެ. ނޫންނަމަ ޢަޛާބުގައެވެ.  

އެއަށްފަހު ޤިޔާމަތްވުމުން، ތާޅަފިލި ފުމެލެއްވެވުމުން ކައްވަޅުން ތެދުވަންޖެހޭނެއެވެ. އެއިރު އެމީހަކު ތެދުވާނީ އެމީހާ ދުނިޔޭގައި އުޅުނު ހަށިގަނޑުހިފައިގެނެއް ނޫނެވެ. އެހަށިގަނޑުވާނީ ވެއްޔާއިއެކުވެ ފަނާވެގެން ގޮސްފައެވެ. ވީމާ ކައްވަޅުން ތެދުވާނީ ﷲ ތަޢާލާ ދެއްވަވާ ތަފާތު ހަށިގަނޑެއްގައެވެ. މިކަންކަން ހިނގާނެ ގޮތް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަންކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ވީމާ ދުނިޔޭގައި މީހަކު މަރުވުމަކީ އޭނާގެ ޙަޤީޤީ ނިމުމެއް ނޫނެވެ. އެމީހަކަށް ނިމިގެން އެދަނީ ދުނިޔޭގެ ޙަޔާތެވެ. އެހިސާބުން އެފެށެނީ އޭނާގެ ދެވަނަ ޙަޔާތަށެވެ. މިކަންކަމަކީ ވިސްނައި ފިކުރުކުރާ މީހަކަށް އެނގޭނެ ކަންކަމެވެ. މިޘާލަކަށް މަރުވެ ވަޅުލެވޭތަނުން މަލާއިކަތުން ވަޑައިގެން 3 ސުވާލުކުރައްވަވާނެކަން އެބައެނގެއެވެ. އެ 3 ސުވާލަށް ޖަވާބުދޭންޖެހޭނެކަންވެސް އެބައެނގެއެވެ. ވީމާ ހަމައެކަނި އެކަމަށް ވިސްނައިލިނަމަވެސް އޭނާގެ ފުރާނަ ދިރިދެމިހުންނަކަން އެއޮތީ ވަރަށް ފަސޭހައިން އެނގޭށެވެ.  

ދުނިޔޭގައި ތިބެގެން، ތިބެވޭހައި ދުވަހަކު މަސައްކަތްކުރަންވީ ދެވަނަ ޙަޔާތަށް ތައްޔާރުވުމަށެވެ. 3 ވަނަ ޙަޔާތަށް ކުރިމަތިލުމަށެވެ. އެއީ އާޚިރަތް ދުވަހަށް ކުރިމަތިލާން ތައްޔާރުވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަންޖެހޭނެ ވަޤުތައް ތައްޔާރުވުމަށެވެ. ތިމާ ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތައް މީޒާނުގައި ކިރައިލެވޭނެ ވަޤުތައް ތައްޔާރުވުމަށެވެ. އެއިމްތިޙާނުން ފާސްވެއްޖެނަމަ އެމީހަކަށް ސުވަރުގެއެވެ. ފޭލްވެއްޖެނަމަ ނަރަކައެވެ.  

ދުނިޔޭގައި ހުންނަން ލިބޭ މަދު ވަޤުތުކޮޅުގައި ކުރާ ކޮންމެ ޢަމަލަކީ ހެޔޮ ޢަމަލަކަށް ހަދަން މަސައްކަތްކުރަންވީ އެހެންވެގެންނެވެ. ފާފައެއް ނުކުރަން މަސައްކަތްކުރަންވީވެސް އެސަބަބަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އެއްވެސް މީހެއްގެ ފުރާނަ މަރެއް ނުވޭ! މަރުވަނީ ހަށިތައް! އެންމެ މުހިންމީ މަރުވުމުން ދެން ވާނެ ގޮތެއް!: ބޮކްސިންގ ޗެމްޕިއަން މުޙައްމަދު ޢަލީ  

މިއީ މަޝަހޫރު ބޮކްސިން ޗެމްޕިއަން އަލްމަރުޙޫމް މުޙައްމަދު ޢަލީ ދައްކަވާފައިވާ ވާހަކަކޮޅެއްގެ ޚުލާޞާއެކެވެ. މުޙައްމަދު ޢަލީ ވިދާޅުވެފައިވާ ބަސްފުޅުތަކަކީ ގިނަގިނަގިނައިން ހަނދާންކުރަންޖެހޭ ވަރަށް ޢިބްރަތްތެރި ވާހަކަފުޅަކަށްވުމުން ހަނދާން އައުކޮށްލީއެވެ.   

އަހަރެމެން މި ބޭނުންކުރާ ހުރިހާ ތަކެއްޗަކީވެސް ކޮންމެވެސް މީހަކު އުފެއްދި ތަކެއްޗެކެވެ. އެއްވެސް މީހަކު އުފެއްދުމުން ނޫނީ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. އިމާރާތެއް ވެސް ހުންނާނީ ކޮންމެވެސް މީހަކު އިމާރާތެއް އެޅުމުންނެވެ. އެއްވެސް އިމާރާތެއް އަމިއްލައަކަށް ނުއެޅޭނެއެވެ. ވީއިރު އިރާއި ހަނދާއި ކައުނުގައިވާ ތަކެތި އުފައްދަވައި އެތަންތަނުގައި ލެއްވެވީ ކޮން ފަރާތަކުން ހެއްޔެވެ؟  

މިހިރީ ބިއްލޫރި ތަށްޓެކެވެ. މިއީ އެއްވެސް މީހަކު އުފެއްދި އެއްޗެއް ނޫން ކަމަށް ބުނެފިނަމަ މުޙައްމަދު ޢަލީ އަކީ ބޮޑު މޮޔައެއް ކަމަށް ނުބުނާނަން ހެއްޔެވެ؟ މިއީ ބޮޑު އިމާރާތެކެވެ. މިއީ އެއްވެސް މީހަކު އެޅި އިމާރާތެއް ނޫން ކަމަށް ބުނެފިނަމަ މުޙައްމަދު ޢަލީ އަކީ ބޮޑު މޮޔައެއް ކަމަށް ނުބުނާނަން ހެއްޔެވެ؟ 

އެއްވެސް މީހަކު މަރެއް ނުވެއެވެ. މަރުވަނީ އެމީހެއްގެ ހަށިގަނޑެވެ. އެމީހެއްގެ ފުރާނަ ދިރިހުރެއެވެ. މިއަދު މިފެންނަނީ އަހަރެމެންގެ ހަށިތަކުން ކުރާ އަމަލުތައް އިމްތިޙާން ކުރައްވަވާތަނެވެ. އަހަރެމެންކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދުނިޔޭގައި އަހަރެމެންނަށް މިލިބޭ އެއްވެސް ނިޢްމަތަކީ ދާއިމަށް ލިބޭ އެއްޗެއް ނޫނެވެ. ވީމާ އަހަރެމެންގެ ދާއިމީ މަންޒިލަކީ ސުވަރުގެ ކަމަށް ހަދަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.  

އިނގިރޭސިވިލާތަށް ބަލައިފި ނަމަ އެތައް ބައިވަރު ރާނީން މަރުވެ ހިނގައްޖެއެވެ. އެކަކު ދިއުމުން އަނެކަކު ރަނިކަން ކުރަނީއެވެ. މިފަދަ ކަންކަމުން މިއެނގެނީ އަހަރެމެން އެއްވެސް މީހަކީ ދާއިމަށް ދުނިޔޭގައި ހުންނާނެ މީހެއް ނޫން ކަމެވެ. ވީމާ އެންމެ މުހިންމީ އަހަރެމެން މަރުވުމުން އަހަރެމެންނަށް ދެން ވާނެ ގޮތެކެވެ. ސުވަރުގެދާން ބޭނުން މީހާއަށް އޮތީ ﷲ ތަޢާލާއަށް އީމާންވެ ހެޔޮ އަމަލުތައް ކުރުމެވެ.  

މިއަދު އޮންލައިން