ޖުނުބުވެރި ޙާލަތަށް ދެވޭއިރު ތިބެނީ ވަރުބަލިކަމެއްގައެވެ. ގިނަ ބައަކަށް ކަންނެތްވެ ނިދެނީއެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ.
ޖުނުބުވެރިވެފައިވާ ދެމަފިރިން ނިދުމުގެ ކުރިން ވުޟޫކުރަންވާނެއެވެ. މިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅުތައް މިތަނުގައި ޒިކުރުކޮށްލާނަމެވެ. އަދި މިވުޟޫގެ ޙުކުމްވެސް ބަޔާންކޮށްދެވޭތޯ ބަލާނަމެވެ.
- އުއްމުލް މުއުމިނީން ޢައިޝާ رضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ.
(قَالَتْ: كَانَ رَسُوْلُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ [يَأْكُلَ أَوْ ] يَنَامَ وَهُوَ جُنُبٌ غَسَلَ فَرْجَهُ وَتَوَضَّأَ وُضُوْءَهُ لِلصَّلَاةِ)
- މާނައީ: ” އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޖުނުބުވެރި ޙާލުގައި ހުންނަވަނިކޮށް، ކޭންބެއްލެވުމަށް ނުވަތަ އަވަހާރަފުޅުލެއްޕެވުމަށް ބޭނުންފުޅުވެވަޑައިގެންފިނަމަ، އެކަލޭގެފާނުގެ ޢައުރަ ގުނަވަން ދޮންނަވައެވެ. އަދި ނަމާދަށް ވުޟޫކުރައްވާފަދައިން ވުޟޫކުރައްވައެވެ."
- އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.
(أَنَّ عُمَرَ قَالَ: يَا رَسُولَ اللهِ أَيَنَامُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: نَعَمْ. إِذَا تَوَضَّأَ)
މާނައީ: ” ހަމަކަށަވަރުން ޢުމަރުގެފާނު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންބޭކަލުންގެ ތެރެއިން މީހަކު ޖުނުބުވެރި ޙާލުގައި ވަނިކޮށް ނިދިދާނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އާދޭހެވެ. ވުޟޫކުރުމަށްފަހުގައެވެ."
އެހެން ރިވާޔަތެއްގައި ވެއެވެ.
(تَوَضَّأْ وَ اغْسِلْ ذَكَرَكَ ثُمَّ نَمْ )"
މާނައީ: ” ވުޟޫކުރައްވާށެވެ. އަދި ޢައުރަގުނަވަން ދޮންނެވުމަށްފަހު ނިދިކުރައްވާށެވެ."
އެހެން ރިވާޔަތެއްގައިވެއެވެ.
(نَعَمْ. لِيَتَوَضَّأْ ثًمَّ لِيَنَمْ حَتَّى يَغْتَسِلَ إِذَا شَاءَ)
މާނައީ: ” އާދޭހެވެ. ވުޟޫކުރެއްވުމަށްފަހު ނިދިކުރައްވާހުށިކަމެވެ. ހިނައިގަތުމަށް އެދިއްޖެއުމަށް ދާންދެނެވެ."
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
(نَعَمْ. وَ يَتَوَضَّأُ إِنْ شَاءَ)
މާނައީ: " އާދޭހެވެ. އަދި އޭނާ ބޭނުންނަމަ ވުޟޫކުރާށެވެ."
- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު