ކައިވެނި އުފާވެރިކަމުގަ ދަމަހައްޓާނެ ގޮތް- ތަޖުރިބާކާރު މަންމައެއްގެ އަގުހުރި ނަޞޭޙަތެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކައިވެނި އުފާވެރިކަމުގަ ދަމަހައްޓާނެ ގޮތް- ތަޖުރިބާކާރު މަންމައެއްގެ އަގުހުރި ނަޞޭޙަތެއް-

ޒަވާޖީ ޙަޔާތުގައި އެކަކު އަނެކަކަށް ދޫދިނުމަކީ ވާންޖެހޭ ޤުރްބާނީއެކެވެ. ޒަވާޖީ ޙަޔާތަކަށް ފަށަންވާނީ އެޤުރްބާނީވާން ތައްޔާރަށް ތިބެގެންނެވެ. އެ ޤުރްބާނީ ވުމަކީ ތިމާގެ ކޮޅު ދެރަވުން ކަމަށް ދެކެގެން ނުވާނެއެވެ.  

ޒަވާޖީ ޙަޔާތުގެ އެންމެ މުހިންމު ކަމަކީ ދިރިއުޅުން ކާމިޔާބުކުރުމެވެ. އެކަކު އަނެކަކަށް ދޫދިނުމަކީ މައްސަލަތައް ޙައްލުވުމުގެ ތަޅުދަނޑިއެވެ. ނުވަތަ ޒަވާޖީޙަޔާތް ކާމިޔާބުކުރަން ކުރަން އޮތް އެންމެ މުހިންމު ކަންތަކެވެ. ވީމާ އެކަންކުރަން ފަސްޖެހޭނަމަ އެމީހަކީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން މަސައްކަތްކުރާ މީހަކަށް ނުވާނެއެވެ!  

އަހުރެންގެ ކޮއްކޮ ކައިވެނިކުރަން ތައްޔާރުވަމުން އައިދުވަސްވަރު ގޭގައި މިމަޢޫޟޫއަށް ބަޙުސްކުރެވުނެވެ. ބަޙުސްގައި ކޮއްކޮ ބުނީ އޭނާގެ ކޮޅު ބަލިވާގޮތަށް ދޫދޭން ބޭނުންނުވާކަމަށެވެ. އެހެން ބުނުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅުގެ ކޮޅު މޮޅުވުން ތިއަ މާނަކުރަނީ ރަނގަޅަކަށް ނޫނެވެ. ޙަޤީޤަތުގައި ދަރިފުޅުގެ ކޮޅު މޮޅުވުންކަމަށްވާނީ ދަރިފުޅުގެ ސަބަބުން ކައިވެނި އުފާވެރިކަމުގައި ދެމެހެއްޓުމެވެ.  

ދިރިއުޅުން ކާމިޔާބުކުރެވޭނީ މަސްބާނާ އުޞޫލުން ކަންކަންކޮށްގެންނެވެ. ބުޅީގައި އެން އަޅާފައި ބުޅި އެއްލުމުން ނޫނީ ބަހެއް ނުބޭނޭނެއެވެ. ހަމައެފަދައިން ދިރިއުޅުމުގެ ކަންކަމުގައި ދޫދޭނަމަ ތިމާ ބޭނުންވާ ގޮތަށް ކަންކަން ޙާޞިލުކުރަން ފަސޭހަވެގެންދާނެއެވެ.  

އަނބިމީހާއަށް ކުށެއް ކުރެވުމުން އަދަބުދޭނަމަ ދިރިއުޅުމުގައި އުފާވެރިކަމެއް ނުލިބޭނެއެވެ. ދޫދީ މާފުކުރާނަމަ ލޯބިއިތުރުވާނެއެވެ. ގިނަ ކައިވެނިތައް އެހާފަސޭހައިން ރޫޅެމުން އެދަނީ މިބުނިމަގުން އެކަކު އަނެކަކަށް ދޫނުދޭތީއެވެ. ވީމާ ދޫދިނުމުން ދަރިފުޅުގެ ކޮޅު ދެރަވާކަމަށް ވިސްނައި ދޫދޭން ބޭނުންނުވާނަމަ ރަނގަޅުވާނީ ކައިވެނިނުކޮށް އެކަނިހުރުމެވެ."

މަންމަގެ ނަޞޭޙަތް ކޮއްކޮ ޤަބޫލުކުރިއެވެ. ކައިވެނިކޮށް ޢަމަލުކުރިއެވެ. ކޮއްކޮމެންގެ ކައިވެންޏަށް މިހާރު 20 އަހަރުވެއްޖެއެވެ. އެދެމަފިރިންގެ ޙަޔާތަކީ ވަރަށް ކާމިޔާބު އުފާވެރި ޙަޔާތެކެވެ.  

މިއީ ކައިވެނި އުފާވެރިކަމުގައި ދެމެހެއްޓޭނެ ގޮތް ބަޔާންކޮށް ޢިލްމުވެރިއަކު ދައްކަވާފައިވާ ވާހަކަފުޅެއްގެ ކުރު ޚުލާޞާއެކެވެ.

 

- އަލަފް / މިއަދުނޫސް

 

 

 

މިއަދު އޮންލައިން