ހަމައެކަނި ބޭރުފުށުގެ ސިފަ ރީތިވެގެން ކައިވެނިކުރުމަކީ ތިމާގެ ދިރިއުޅުމަށް އަމިއްލައަށް ހޯދައިގަންނަ ވަރަށް ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހަމައެކަނި ބޭރުފުށުގެ ސިފަ ރީތިވެގެން ކައިވެނިކުރުމަކީ ތިމާގެ ދިރިއުޅުމަށް އަމިއްލައަށް ހޯދައިގަންނަ ވަރަށް ބޮޑު އަނިޔާއެއް!

އެމީހެއްގެ ކިބައިގައި އަންހެނުން އަޅައިގަންނަ ފަދަ ސިފަތަކެއް ބޭރުފުށުން ފެންނަން ނެތްނަމަ އެމީހަކާއިއެކުގައި އުޅެން ބޭނުންވާނެ އަންހެނުން ނުތިބޭނެކަމަށް ބުނާ ބުނުމަކީ ދޮގެކެވެ. އެއީ އެއްވެސް ޙާލެއްގައި އެގޮތަށް އޮންނަ ކަމެއް ނޫނެވެ.  

ރަނގަޅަށް ހޯދައިބަލާށެވެ! ހުރިހާ އަންހެނުން ކައިވެނިކޮށްގެން ތިބެނީ މާރީތި ފިރިހެނުންނަކާއެއް ނޫނެވެ. އަދި ކައިވެނިކުރުމަށްފަހު އެކުގައި އުފަލުގައި ދިރިއުޅެނީ ދެމީހުންގެ ވެސް ހުރި ބޭރުފުށުގެ ސިފަ ރީތިވެގެނެއް ނޫނެވެ.  

ކައިވެނިކުރެވުމާ، އުފަލުގައި ދިރިއުޅުން ބިނާވެގެންދަނީ ދެމީހުންގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤްގެ މައްޗަށެވެ. ތަޤްވާވެރިކަމުގެ މައްޗަށެވެ. ބޭރުފުށުގެ ސިފަ ކިތަންމެ ހުތުރުނަމަވެސް އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތަކާއި ތަޤްވާވެރިކަން ހުރިނަމަ އުފަލުގައި ދިރިއުޅެވޭނެއެވެ.  

ދެން އޮތީ ބޭރުފުށުގެ ސިފަ ރީތިވުމުން ކައިވެނިކުރަން ފަސޭހަވުމެވެ. އެއީ އަދި މުޅިން ތަފާތު ކަމެކެވެ. މިޘާލަކަށް ފޮތީގައި އެއްވެސް ފެންވަރެއް ނެތަސް ރީތިވެއްޖެނަމަ ގަނެގެން ހެދުންލާ ބައަކު އުޅޭނެއެވެ. ކަމުނުގޮސްގެން ކިތަންމެ އަވަހަކަށް އެއްލާލަން ޖެހުނަސް ގަންނާނެއެވެ. 

ހަމައެކަނި ބޭރުފުށުގެ ސިފައަށް ބަލައިގެން ކައިވެނިކުރުމަކީވެސް ހަމައެފަދަ ކަމެކެވެ. އެލިބިގަންނަނީ ވަޤުތީ ހިތްހަމަޖެހުމެކެވެ. ދިރިއުޅުމުގައި އެނަގަނީ ވަރަށް ބޮޑު ރިސްކެކެވެ. އަދި ތިމާގެ އަމިއްލަ ދިރިއުޅުމަށް އެދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ!  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން