ހޭލުންތެރިވާންޖެހޭ ކަމެއް!: ހިތްހަމަ ނުޖެހޭއިރަށް ތަންމަތި ވަކިކުރުމާ އެނދުގެ ދެފަރާތުގަ ދެފަރާތަށް އެނބުރި ނިދުމަކީ ޝައިޠޯނާ ކުރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހޭލުންތެރިވާންޖެހޭ ކަމެއް!: ހިތްހަމަ ނުޖެހޭއިރަށް ތަންމަތި ވަކިކުރުމާ އެނދުގެ ދެފަރާތުގަ ދެފަރާތަށް އެނބުރި ނިދުމަކީ ޝައިޠޯނާ ކުރުވާ ކަމެއް!

ދެމަފިރިންގެ ދެމެދުގައި ކިރިޔާ މައްސަލައެއް ޖެހިލާއިރަށް ދެމީހުން ދެ އެނދުގަ ނުދުމާއި އަދި އެއް އެނދުގައި ނިދިނަމަވެސް ދެމީހުން ދުރުގައި ދެފަރާތަށް އެނބުރި ތިބެގެން ނިދުމަކީ ކަނޑައެޅިގެން ޝައިޠޯނާ ކުރުވާ ކަމެކެވެ.  

ޝައިޠޯނާ އެކަން ކުރުވަނީ ދެމީހުން އެކުގައި ތިބިނަމަ ވާހަކަ ދައްކައި މަޝްވަރާކޮށްގެން ކަންކަން ޙައްލުކޮށްފާނެތީ އެފުރުޞަތު ނުދޭންވެގެންނެވެ. ވީމާ އެކަމަށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންވާނެއެވެ.  

ކައިވެނިކުރަނީ ދެމަފިރިން އެކުގައި ނިދައި އެކުގައި ދިރިއުޅުމަށެވެ. ކައިވެނިކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ހަމަ އެއީއެވެ. ވީމާ ކަމެއްދިމާވާއިރަށް ދެމީހުން ދެފަރާތަށް އެނބުރި ތިބޭކަށް ނުޖެހެއެވެ. އޮތީ ކުރިމަތިލައި ރިވެތި ގޮތުގައި މަޝްވަރާކޮށް އެކަމެއް ޙައްލުކުރުމެވެ.  

މައްސަލައެއް ކުރިމަތިވުމުން އެކަމަށް ދެމަފިރިން މަޝްވަރާކޮށް ޙައްލުހޯދާނަމަ ދެމަފިރިންގެ މައްސަލަތައް ޙައްލުވެ އުފަލުގައި ދިރިއުޅެވޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ކަމެކެވެ. އެކަން އެހެން އެވަނީ އެގޮތަށް ކަންތައް ކުރުމުން ދެމަފިރިންގެ ދެމެދަށް ވަދެގަތުމުގެ ފުރުޞަތު ޝައިޠޯނާއަށް ނުލިބޭތީއެވެ.  

ވީމާ ކިތަންމެ ބޮޑު މައްސަލައެއް ކުރިމަތިވިނަމަވެސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ ނުވަތަ އެކެއްގެ ބަލިހާލު ހުރިގޮތުން ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދެމީހުން ވަކިން ނުނިދާށެވެ! ދެމަފިރިން ގުޅުން ކަނޑުވައި މައްސަލަތައް ހޫނުކުރަން ޝައިޠޯނާ ދޭ ވަސްވާސްތަކުގައި ނުޖެހޭށެވެ. ޝައިޠޯނާއަކީ އިންސާނުންގެ މައްޗަށްހުރި އެންމެ ބޮޑު ޢަދާވާތްތެރިޔާކަން ކީރިތި ޤުރްޢާނުން އެނގެން އޮތުމުން އެކަން ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން