ދަރިން ހިނައި ޠޯހިރުނުވެ، ނަމާދުނުކުރާނަމަ މައިންބަފައިން ފާފަވެރިވާނެތޯއެވެ؟ މިސުވާލު އަޅުގަނޑު މިކުރަނީ އަޅުގަނޑުގެ އެކުވެރިއަކު މިކަންކަމުގައި އިހްމާލުވާތީ ނަޞޭޙަތް ދިނުމުންވެސް އިޞްލާޙްކުރަން ނުއުޅޭތީއެވެ. މިއަދުނޫސް މެދުވެރިކޮށް ޖަވާބެއް ލިބިއްޖެނަމަ އިޞްލާޙްވުމަށް އިތުރު ބާރަކަށްވެދާނެތީއެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޖަވާބު ކިޔުންތެރިޔާއަށް އެނގިލައްވާފައި ތިއައޮތީ ހަމަ ރަނގަޅަށެވެ. ދަރިންނަށް ހިނައި ޠޯހިރުވާން ދަސްކޮށްދިނުމާއި ދަރިންލައްވައި ނަމާދުކުރުވުމަކީ މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެވާޖިބު އަދާނުކުރާނަމަ އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު އުފުލަންޖެހޭނެއެވެ. އެކަންކަން ބަޔާންކޮށްދީ ވަރަށް ގިނަ ލިޔުންތައް މިހާރުވެސް ލިޔެވިފައިވާނެއެވެ.
ދަރިންނަށް ހިނައި ޠޯހިރުވާން ދަސްކޮށްނުދީ ނަމާދުނުކުރުވައި އަދި ތިމާމެންވެސް ނަމާދުނުކޮށް އުޅޭނަމަ އެއުޅެވެނީ ނަރަކަ ބޯމަތީގައި ބަހައްޓައިގެންކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. މާނައަކީ އެހައިވެސް ބިރުހުރި ކަމެކެވެ.
ނަމަވެސް ތިއަފަދަ މައްސަލަތައް ކުރިމަތިވެއެވެ. ތިރީގައި އެވަނީވެސް އެފަދަ ޙާލަތެއް ދިމާވި ކުއްޖެއްގެ ވާހަކައެކެވެ.
ސްކޫލެއްގެ ސާނަވީ ގްރޭޑެއްގެ ދަރިވަރަކު، އޭނާ އެންމެ އިތުބާރުކުރާ މުދައްރިސަކާއި ސުވާލުކުރިއެވެ. "ސަރއެވެ! ޕީރިއަޑް ރަނގަޅުވީމާ ހިނައިގަންނަން ޖެހޭނެތޯއެވެ؟ އަޅުގަނޑު ފެންވަރަމެވެ. އޯކޭވާނެ ނޫންތޯއެވެ؟"
ސަރ އޭނާއަށް އެކަންކަން އޮތް ގޮތް ކިޔައިދިނެވެ. އަދި އެކަންކަން ސްކޫލުން ކިޔަވައިދިން ނޫންތޯ އާއި މަންމަ އކަންކަން ނުކުރުވާތޯ ސުވާލުކުރިއެވެ. ޖަވާބަކީ "ކިޔަވައިދިން ހަނދާނެއް ނެތެވެ. މަންމަ އެބާވަތުގެ ވާހަކައެއްވެސް ނުދައްކައެވެ."
"ނަމާދުކުރަންތޯ؟" ސުވާލުކުރުމުން ބުނީ ނުކުރާކަމަށެވެ. އަދި މަންމަވެސް ބައްޕަވެސް ދުވަހަކުވެސް ނަމާދުނުކުރާކަމަށެވެ. ނަމަވެސް ރޯދަހިފާކަމަށެވެ.
ކޮންމެއަކަސް ސަރ އެދަރިވަރާއި ވަރަށް ގާތް ގުޅުމެއް އުފައްދައި ދަރިވަރު ލަދުގަންނާނެތީ އެހެންކުދިންނަށް ސިއްރުން އުނގަންނައިދިން ކަންކަމުގެ ސަބަބުން މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިއަދު އެކުއްޖާއަކީ ހިނައި ޠޯހިރުވެ ނަމާދުކޮށް އިސްލާމް ދީނަށް ޢަމަލުކުރުމުގައި ނަމޫނާ ދަރިވަރެކެވެ. މާޝާ ﷲ
މިމައުލޫމާތު މިއަދުނޫހާއި ހިއްޞާކުރީ އެދަރިވަރެވެ.
މިފަދަ ކިތައް މައިން ބަފައިން މިއަދުތިބޭނެތޯއެވެ. ނަމާދުކުރަން ފަރުވާކުޑަކޮށްލެވިފައި ތިބިއެވެ. ދަރިން ލައްވައި ނަމާދުކުރުވަން އިހްމާލްވެގެންތިބިއެވެ. ޢިލްމްވެރިން މިފަދަ މައިންބަފައިން ސިފަކުރައްވަނީ ނަރަކަ ބޯމަތީގައި ބަަހއްތައިގެން ދުނިޔޭގައި އުޅޭ ބައެއްގެ ގޮތުގައެވެ.
ރޯދަ ހިފަނީ ހިތުގައި އިސްލާމްކަން އޮތުމުންނެވެ. ނަމަވެސް ނަމާދުނުކުރާނަމަ އޮންނާނީ ކޮން އިސްލާމްކަމެއްތޯއެވެ؟ ވަގުތު ފާއިތުނުވަނީސް އަވަހަށް ތައުބާވަމާތޯއެވެ!