ކައިވެންޏަކީ މާތް الله ދެއްވާ ނިޢުމަތެކެވެ. އެކަލާނގެ އަޅުތަކުންނަށް ލައްވާ ރަޙުމަތެކެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެތްކެކެވެ. އެކަލާނގެ ރަޙުމަތްވަންތަކަމުގެ ތެރޭގައި، މުނާސަބު ގޮތެއްގައި އަންހެން ޖިންސު ހެއްދެވިއެވެ. އެއީ އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަމާއި، ލޯތްބާއި، އޯގާވެރިކަން ލިބިގަތުމަށެވެ. ފިރިހެނަކު އަންހެނަކާ ކައިވެނި ކުރާނީ އެ އަންހެން މީހާ ދެކެވާ ލޯބިން ނުވަތަ ހިތުގައި އުފެދޭ ކުލުނެއްގެ ސަބަބުން، ނުވަތަ އެއަންހެން މީހާގެ ފަރާތުން ދަރިންލިބުމަށް އެދިގެންނެވެ. މިކަންކަމުގައި ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތްތަކެއް ވެއެވެ. ކައިވެންޏަށް މާތް الله ނަންދެއްވާފައިވަނީ (މާނަ) "ގަދަވެގެންވާ ޢަހުދު" މިފަދައިންނެވެ. އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުމެވެ.
މާތް الله ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. -- މާނައީ: "އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ عَهْدُ ހިފާފައެވެ." އަނބިމީހާއާއި ފިރިމީހާވެސް ކާވެނީގެ ޢަޤްދަށް ރައްކާތެރިވާންވާނެއެވެ. އެކަކު އަނެކަކުގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެއެވެ. ކަންމިހެންއޮތްކަމުގައިވީނަމަވެސް ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިޢުމަތަށް ފުރަގަސްދީ ކާފިރުވެ، ވަރި މިބަހަށް ފަރުވާ ކުޑަ ކުރަނީ ކީއްވެގެން ހެއްޔެވެ؟
ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދެއެވެ. ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ، ބުނެއެވެ. މީގެ އިތުރަށް މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނެއެވެ. މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރެއެވެ. އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫނެވެ.
ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވެއެވެ. ދެހާސް އެކާވީހު ގައި އެގާރަ ސަތޭކަ ނުވަދިހަ ތިންވަރި، ދެހާސް ބާވީހުގައި ތޭރަ ސަތޭކަ ސާޅީސް ހަ ވަރި، ދެހާސް ތޭވީހުގައި ބާރަ ސަތޭކަ އައްޑިހަ އެއްވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން ދައްކައެވެ. މި މަޢުލޫމާތުތަކުން އެނގޭގޮތުގައި ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ"[1]
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް ޢާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވެއެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކީރިތި މާތް ނަބިއްޔާ z ޙަދީޘް ކުރައްވާފައިވެއެވެ. (لَيْسَ الشَّدِيدُ باِلصُّرَعَةِ، إِنَّـمَا الشَّدِيْدُ الَّذِيْ يـَمْلِكُ نَفْسَهُ عِنْدَ الْغَضَبِ)[2] މާނައީ: "ވަރުގަދަ މީހާއަކީ އޮޅުލައި ގަދަވާ މީހާއެއް ނޫނެވެ. ނަމަވެސް ވަރުގަދަ މީހާއަކީ ރުޅިއަންނަ ހިނދު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހާކަން ކަށަވަރެވެ."