ބައިވެރިޔާ ކުށްކުރުމުން ޝަކުވާނުކޮށް މަޑުން ތިބޭ މީހުން އަޅާފިޔަވަޅު މާވަރުގަދަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބައިވެރިޔާ ކުށްކުރުމުން ޝަކުވާނުކޮށް މަޑުން ތިބޭ މީހުން އަޅާފިޔަވަޅު މާވަރުގަދަވާނެ!

ވަކި ބައަކު ކަމަށް ބުނާކަށް ނެތީމެވެ. އަނހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް ބައަކު ތިބޭނެއެވެ. އެމީހުން ހިތްހަމަނުޖެހޭ ކަންތައްތައް ޢާއިލީ ދިރިއުޅުގައި ފެނުނަސް އެމީހުން ކެތްތެރިވާނެއެވެ. މައްސަލަތައް ޖައްސައި ޒުވާބުކުރުން ފަދަ ކަންކަމެއް ނުކުރާނެއެވެ.

އެމީހުން އެގޮތަށް މަޑުން ތިބެނީ އެކަންކަމުން އެމީހުންނަށް އުނދަގޫނުވާތީއެއް ނޫނެވެ. އަދި އަސަރުނުކުރާތީއެއްވެސް ނޫނެވެ. އެމީހުން މަޑުން އެތިބެނީ ދިރިއުޅުމުގެ ތެރެއިން އެމީހުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނެ ކަމުގެ އުންމީދުގައެވެ. މައްސަލަތައް ޙައްލުވާނެ ކަމުގެ ޔަޤިންކަމުގައެވެ.

އެކަމަކު ބުނަންހެއްޔެވެ؟ މުޅި ޢުމުރު އެގޮތަށް މަޑުން ތިބޭނެ ކަމަށް ހީނުކުރާށެވެ! ދޫދިނުމުން މައްސަލަތައް ޙައްލުނުކުރެވި ގިނަދުވަސްތައްވާނަމަ، އަނެކާ ކުރާ ކުށް ތަކުރާރުކުރަމުން ގެންދާނަމަ ވަކިހިސާބަކުން ހަށިފޮޅައިލާނެއެވެ. އެކަން ކުރާނީވެސް މާގިނަ ވާހަކަތަކެއް ދައްކާފައެއް ނޫނެވެ. ހަމަކުއްލިއަކަށެވެ.

ވީމާ ތިމާއަށް ނުރަނގަޅު ކަންކަން ކުރެވުމުން ބައިވެރިޔާ ޒުވާބުނުކޮށް ނުވަތަ ޝަކުވާނުކޮށް ހުރުމަކީ އެކުށް ތަކުރާރުކުރަން ލިބޭ ހުއްދައެއް ކަމަށް ދެކެގެންނުވާނެއެވެ. ބުނަންހެއްޔެވެ؟ ގިނަ ފަހަރު ކުރިން މިބުނި ގޮތަށް ބައިވެރިޔާ މަޑުން ހުންނަނަމަ ކުށެއް ކުރުމުން ޝަކުވާ ކުރާ މީހުންނަށްވުރެ މާހަރުކަށި ފިޔަވަޅު އަޅާނެއެވެ. އެގޮތުން ގިނަ ފަހަރު ފެންނާނީ ލަގެޖް ހިފައިގެން ނުކުމެގެންދާތަނެވެ. ނުވަތަ ލަގެޖް ދީފައި ނެރެލާތަނެވެ.

ގިނަ ފަހަރު ލަނޑު ލިބެނީ މިބުނި ކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. ކޮންމެ ކަމެއް ކުރިޔަސް ފުދިގެން ހުރުމަކީ އެއްވެސް މީހަކު ޢުމުރަށް ކުރާނެ ކަމެއް ނޫންކަން ވިސްނަންވާނެއެވެ. ކިތަންމެ ނިކަމެތި މީހާވެސް އެގޮތަކަށް ނުހުންނާނެއެވެ. އެޅެން އޮތް ފިޔަވަޅެއް އަޅާނެއެވެ. ވީމާ ދެމަފިރިންވެސް މިކަންކަމަސް ސަމާލުކަންދޭންވާނެއެވެ. ހަަމޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. --އަލަފް / މިއަދުނޫސް

މިއަދު އޮންލައިން