ދަރިންގެ ކުރިމަތީގައި ދެބަސްވާންޖެހިއްޖެނަމަ ދަރިންނަށް ފިލާވަޅަށްވާނެގޮތަށް އެކަންކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަރިންގެ ކުރިމަތީގައި ދެބަސްވާންޖެހިއްޖެނަމަ ދަރިންނަށް ފިލާވަޅަށްވާނެގޮތަށް އެކަންކުރާނެ ގޮތް-

ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެންޖެހިފައިވާއިރު ކިތަންމެ ބޮޑަށް ބަލައިގެން އުޅުނަސް ދަރިންގެ ކުރިމަތީގައިވެސް ދެމަފިރިންނަށް ހޫނުކޮށް މުޢާމަލާތުކުރަންޖެހޭ ޙާލަތެއް އަދުވެދާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް އެކަން ނިންމަންވާނީ ދަރިންނަށް ފިލާވަޅަކަށްވާނެ ގޮތަށެވެ.

ކުށްކުރެވުނު މީހާ މާފަށް އެދެންވާނެއެވެ. މާފަށް އެދުމުން މާފުކުރަންވެސްވާނެއެވެ. އަދި އެހިސާބުން އެކަން ނިންމާލައި އެކަކު އަނެކަކު ދެކެ ލޯބިވާކަން ދަރިންގެ ކުރިމަތީގައި ބަހާއި ޢަމަލުން ހާމަކުރާށެވެ! އަދި އެމައްސަލަ އެހިސާބުން ނިމުނީކަމާއި ހަސަދައެއްގެ ގޮތުގައި އެކަން ނުބާއްވާނެކަންވެސް ހާމަކުރަންވާނެއެވެ.

އެއިރުން ކުދިންނަށްވެސް އެގޮތް ދަސްވާނެއެވެ. ބޮޑެތިވެގެން އަމިއްލަ ދިރިއުޅުމުގައި އުޅޭއިރު އެގޮތަށް ޢަމަލުކުރަން ދަސްވާނެއެވެ. އެއާއި ޚިލާފަށް އެކަކުއަނެކަކަށް ދޫނިދީ ރުޅިވެރިކަމުގައި ނިންމާލައިފިނަމަ ދަރިންނަށް ދަސްވާނީ އެގޮތެވެ. އެއިރުން ކުދިން ބޮޑެތިވުމުން އެކުދިންވެސް ޢަމަލުކުރާނީ އެގޮތަށެވެ.

އެންމެ ރަނގަޅު ގޮތަކީ ކަމަކާއިމެދު ދެމަފިރިންގެ މެދުގައި ޚިޔާލުތަފާތުވިނަމަވެސް އަދި މައްސަލައެއް ޖެހުނަސް ދަރިންގެ ކުރިމަތީގައި އެކަމުގެ ވާހަކަ ނުދެއްކުމެވެ. ކުރިން މިބުނި ފަދައިން ބައެއް ޢާއިލާތަކަށް ގެދޮރުގެ ކަންކަން ދަތިވެ ކުޑަތަނަކޮޅެއްގައި އުޅެންޖެހިފައިވުމުން ބަލައިގެން އުޅުނަސް އެފަދަ ޙާލަތުކުރިމަތިވަނީއެވެ. ކުރިން މިބުނި ފަދައިން އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ މިބުނި މަގުން ޢަމަލުކުރުމުން ކުދިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ އަދި ފައިޑާވެސްކުރާނެއެވެ.

ހަމައެއާއިއެކު ރުޅިއައިސްފައި ހުންނަ މީހާއަށް އަނެކާ ފެނުމުން ފެންނަ ވަޤުތު އެއްޗެއް ބުނެވުނަސް ދަރިންގެ ކުރިމަތީގައި ރައްދުނުދޭށެވެ. ޖަވާބުވެސް ނުދޭށެވެ. އެކަމަށް ފަހުގެ ވަޤުތެއްގައި މަޝްވަރާކުރާނީ ކަމަށްބުނެ މައްސަލަ އޮއްބައިލާށެވެ.

މިބުނި ކަންކަމަށް ސަމާލުކަންދިނުމަކީ ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުންވެސް ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމެކެވެ.

--އުސްތާޛާ ހީނާ ޚާން މުޚްތާރުގެ ވާހަކަފުޅަކުން

 

މިއަދު އޮންލައިން