ދުޢާކުރުމުގެ އަދަބުތަކާ ދުޢާ އިޖާބަވުމުގެ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 15ސ
ދުޢާކުރުމުގެ އަދަބުތަކާ ދުޢާ އިޖާބަވުމުގެ ސަބަބުތައް-

ދުޢާ އަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ! ދުޢާކުރުމަކީ އެހަތިޔާރުގެ ބޭނުންކުރުމެވެ. އަދި ދުޢާކުރުމަކީ ދުޢާކުރާ މީހާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ސީދާގޮތުގައި ކުރެވޭ މުޢާމަލާތެކެވެ. އެއްވެސް މެދުވެރިއަކަށް ބޭނުމެއް ނުވާނެއެވެ. 

އެއީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަންބޮޑުކަމެވެ. ހަމަ އެއާއިއެކު ތިމާއަށް ބޭނުމެއް ޖެހިއްޖެނަމަ ދުޢާކުރަން ވަކިތަނަކަށް ދާކަށް ނުޖެހުނެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރަންވީއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އަޑުއައްސަވާވޮޑިގެންވެއެވެ. 

ހަނދާނަށް ގެންނާށެވެ. އެ 3 މީހުން ވަނީ ފަރުބަދައެއްގެ ހޮހޮޅައަކަށެވެ. ބޮޑު ހިލައެއް ފުރޮޅިގެން އައިސް ހޮހޮޅައިގެ ދޮރު ބަންދުވީއެވެ. އެ 3 މީހުން ވަގުތުން ދުޢާކުރީއެވެ. ވަގުތުން ޢިޖާބަކުރެއްވެވީއެވެ. މިއީ ޙަދީޘްފުޅުން ސާބިތުވާ ކަންކަމެވެ. މިފަދަ އެތައް ކަމެއް މިހާރުވެސް ދަނީ ހިނގަމުންނެވެ. ވަގުތުން ދުޢާ ޢިޖާބަކުރައްވަވާ އެތައް ކަމެއްގެ ވާހަކަތައް ކޮންމެ ދުވަހަކު މީހުން އެގެންދަނީ ހާމަކުރަމުންނެވެ. 

އަހަރެމެންނަށް އޮތީ ސަބަބުތަކުގައި ހިފެހެއްޓުމާއިއެކު ދުޢާކުރުމެވެ. އިން ޝާ ﷲ ޢިޖާބަ ކުރައްވަވާނެއެވެ. 

ދުޢާކުރުމުގެ އަދަބުތަކާއި، އަދި ދުޢާ އިޖާބަވުމުގެ ސަބަބުތައް: 

– ﷲ ތަޢާލާ އަށް އިޚްލާޞްތެރިވުން

– ﷲ ތަޢާލާއަށް ހަމްދާއި ޘަނާއިން ފެށުން އަދި މާތްނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ފަށާއިރުއާއި ނިންމާލަމުން ޞަލަވާތްކިޔެވުން

– ﷲ ތަޢާލާ ދުޢާ އައްސަވާވޮޑިގެންވާކަމާއި، އިޖާބަކުރައްވާނެކަމުގެ ޔަޤީންކަން އޮތުން

  ދުޢާކުރުމުގައި އަވަސްވެ ދެމިހުރުމާއި، އަދި އިޖާބާއިގައި އަވަސްވެނުގަތުން.

(قَال صلى الله عليه وسلم : مَا مِن مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا))، قَالُوا : إِذًا نُكْثِرُ ؟ ، قَالَ : ((اللَّهُ أَكْثَرُ))

(ރިވާކުރެވިގެންވަނީ  الترمذي، 5/ 566، އަދި 5/ 462،  އަދަދު 3573،  އަދި الإمام أحمد، 3/ 18،  އަދަދު 11150، އަދި މި ޙަދީޘް ޞައްޙަކުރައްވާފައި ވަނީ شئخ الألباني ގެ صحيح الجامع الصغير 5/ 116 ގައި ،  އަދި صحيح سنن الترمذي 3/140 ގައި.) 

ދުޢާ އިޖާބަކުރެއްވުމުގައި ވަނީ ތިން ގޮތެކެވެ. ޙަދީޘްއިން ދޭހަވާފަދައިން ދުޢާކުރާ މީހާ ދުޢާކުރާހިނދު ފާފަޔަކަށް ނޭދި އަދި ރަޙިމުގެ ގުޅުމެއް ކަނޑާލުމަށް ނޭދޭމީހާއަށް ފުރަތަމަ ގޮތަކީ އެދުޢާއެއް އިޖާބަކުރެއްވުމެވެ. ދެވަނަ    ގޮތަކީ އިޖާބަ ޤިޔާމަތްދުވަހާ ހަމައަށް ލަސްކުރައްވައި އޭގެ ބަދަލުގައި ޘަވާބާއި ދަރުމަ ދެއްވުމެވެ. ތިންވަނަ ގޮތަކީ އޭނާއަށް ދިމާވާ މުޞީބާތަކުން މިންޖުކުރެއްވުމެވެ.

ދުޢާކުރާއިރު ހިތް ޙާޟިރުކޮއްގެންހުރެ ދުޢާކުރުން.

އުފާ ފާގަތިކަމާއި މުޞީބާތާއި ދަތި ޙާލުގައިވެސް ދުޢާކުރުން.

ހަމައެކަނި ﷲ ތަޢާލާއަށް ދުޢާދެންނެވުން.

މުދަލާއި އަނބިދަރިންނާއި ނަފްސުގެ މައްޗަށް ބަދުދުޢާ ނުކުރުން.

މެދުމިނެއްގެ އަޑަކުން ދުޢާކުރުން.

ފާފަތަކަށް އިޢްތިރާފްވެ، އެކަމުން ތައުބާވެ އިސްތިޣްފާރުކޮށް އަދި ﷲ ތަޢާލާގެ ނިޢްމަތްތަކަށް އިޢްތިރާފްވެ ޝުކުރުވެރިވުން.

އަމިއްލަ ނަފްސަށް ބޮޑު ތަކުލީފަކަށް ވާގޮތަށް ދުޢާނުކުރުން.

މަޑުމޮޅިކަމާއި ޚުޝޫޢަތްތެރިކަމާއި ބިރުވެތިކަމާއި އެކީ ﷲ ޙަޟްރަތުން އެދިދެންނެވުން.

މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަކުން ތައުބާވެ އެޙައްގު އަދާކުރުން.

ދުޢާ ތިންފަހަރު ތަކުރާރުކުރުން.

ޤިބުލައަށް ކުރިމަތިލުން.

ދުޢާކުރުމުގައި ދެއަތް އުފުލުން.

ބުރަކަމަކަށްނުވާނަމަ ދުޢާކުރުމުގެ ކުރިން ވުޟޫކުރުން.

މާބޮޑަށް ތަފްސީލުނުކޮށް ޖުމްލަވީ ކުރު ޢިބާރާތަކުން ދުޢާކުރުން. މިސާލަކަށް ސުވަރުގޭގެ ނުވަތަ ނަރަކައިގަވާ އެއްޗެތި ވަކިވަކިން ނަންގަތުމުގެ ބަދަލުގަ ސުވަރުގެ ވަންތަވެރިއެއް ކަމުގައި ލެއްވުމަށް ނޫނީ ނަރަކައިން މިންޖުކުރެއްވުމަށް ދުޢާކުރުން.

އެހެންމީހަކަށް ދުޢާއެއް ކޮށްދޭއިރު އެންމެ ފުރަތަމަ ތިމާގެ ނަފުސުން ފެށުން.

ދުޢާކުރާއިރު ވަސީލަތެއްގެ ގޮތުގައި الله ގެ ރިވެތި އިސްމުފުޅުތަކާއި މަތިވެރިވެގެންވާ ސިފަތަށް ބޭނުން ކުރުން، ނުވަތަ ތިމާއަށް ކުރެވިފައިވާ ޞާލިޙް ޢަމަލެއް މެދުވެރިކޮށް، ނުވަތަ ދުނިޔޭގަ ދިރިހުރި ޞާލިޙް މީހެއް މެދުވެރިކޮށް ދެންނެވި ދާނެ.

ކައިބޮއި ހަދާ އެއްޗިއްސާއި ލައި އަންނައުނަކީ ހަލާލު އެއްޗެތިކަމުގާއިވުން.

ނުބައި ކަމަކަށް ނުވަތަ ރަޙިމުގެ ގުޅުން ކަނޑާލުމަށް ދުޢާނުކުރުން.

ރަނގަޅު ކަންތަކަށް އަމުރުކޮށް ނުބައި ކަންތަށް މަނާކުރުން.

ހުރިހާ ނުބައި ކަމަކުން ދުރުވެގަތުން.

 

- އައްޝައިޚް އަޙްމަދު ޝުޢައިބް

 

 

 

މިއަދު އޮންލައިން