ޤިޔާމަތް ދުވަހު ﷲ ތަޢާލާ ކޮންމެ މީހަކާއިވެސް ސުވާލުކުރައްވަވާނީ އެމީހަކު ކުރަންޖެހޭ، އެމީހެއްގެ މައްޗަށް ވާޖިބުކުރެއްވެވި ކަންތައްތަކާއިމެދުގައެވެ. ވީމާ ކޮންމެ މީހަކަށްވެސް ފުރަތަމަ ކަމަކަށް އޮތީ އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމެވެ. އެކަމުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ.
ކިތަންމެ ރަނގަޅަށް ދަރިންނާއިމެދު ކަންކަންކުރިނަމަވެސް ދަރިންގެ ލޯބި ނުލިބުން ޢާންމުކަމަކަށް ވެފައިވާކަމުގެ ޝަކުވާ ވެއްޖެއެވެ. އެހެނަސް އެއީ މައިންބަފައިން ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. މާނައަކީ ދަރިންނަށްޓަކައި މައިންބަފައިން އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވިފައިވާނަމަ މައިންބަފައިންގެ ވާޖިބު އެވަނީ އަދާކުރެވިފައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވުމުގެ ފުރުޞަތު އެވަނީ ހޯދިފައެވެ.
ދަރިންގެ ޙައްޤުތައް އަދާކުރަންވީ ދަރިންގެ ކިބައިން އެއްވެސް ކަމަކަށް ނިޔަތްގަނެގެނެއް ނޫނެވެ. އެއީ ﷲ ތަޢާލާ މައިންބަފައިންގެ މައްޗަށް ވާޖިބުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. އެވާޖިބު އަދާކުރުމުގެ ގޮތުންނެވެ.
ދަރިންގެ ލޯތްބާއި އަޅައިލުން ލިބުމަށް މައިންބަފައިން އުންމީދުކުރާނެއެވެ. ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީވެސް އެއީއެވެ. ވީމާ އެކަމަށް އުންމީދުކޮށް ދަރިންގެ ޙައްޤުތައް އަދާކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ދަރިން ލިބުމުން މައިމީހާގެ ބޮލަށް ދަރިންކޮޅު ޖަހާފައި ފިލައިގެން ސަލާމަތެއް ނުވެވޭނެއެވެ.
ދަރިންގެ ޙައްޤުތައް:
1-ހެޔޮލަފާ ޞާލިޙް މަންމައެއް ކުއްޖާއަށް ހޯދައިދިނުން (ކުއްޖާ އުފަންވުމުގެ ކުރިން)
2- ކުއްޖާ އުފަންވުމާއެކު ކަދުރު ފަދަ ފޮނި އެއްޗަކުން ތަޙްނީކުކުރުން (ސުންނަތެއް)
3- ކުއްޖާއަށް އިސްލާމީ ރިވެތި ނަމެއް ކިޔުން، މިސާލަކަށް: ޢަބްދުﷲ ނުވަތަ ޢަބްދުއްރަޙްމާން އާމިނަތު، ފާޠިމަތު ފަދަ
4- ކުއްޖާގެ ޢުމުރުން 7 ވަނަ ދުވަހު އެކުއްޖާގެ ބޯ ބޭލުމާއި ބޮލުގެ އިސްތަށީގެ ބަރުދަނަށް ރިހީގެ އަގު ޞަދާޤާތްކުރުން (ސުންނަތެއް)
5- ޢަޤީޤާ ކަތިލުން (މުސްތަޙައްބުކަމެއް)
6- ޚިތާނުކުރުން
7- ކުއްޖާއަށް އިސްލާމީ ތަޢުލީމު ދިނުމާއި އިސްލާމީ ތަރުބިއްޔަތު ދިނުން
8- ރިވެތި އަޚުލާޤުގެ ފޭރާމުން އެކުއްޖާ ޒީނަތްތެރިކުރުން
9- އެކުއްޖާގެ މައްޗަށް ޚަރަދުކުރުން، އަންނައުނު ހޯދައިދިނުމާއި ކާންދިނުމާއި ބަލިވުމުން ބޭސްފަރުވާ ކުރުމާއި އަދިވެސް އެކުއްޖާއަށްޓަކައި ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުން (ބައްޕަގެ މައްޗަށް)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން