ދެމަފިރިން އުފަލުގަ އުޅެން ކުރާ ކަންކަމުގެ ވާހަކައާ އުފާވެރިކަން ލިބޭ ސަބަބުތަކާ އުފާވެރިކަން ލިބޭ މިންވަރު އެންމެ ގާތް އެކުވެރިޔާ ގާތު ބުނެވުމުން އެސްފީނާޖެހި ކުރިމަތިވި މައްސަލައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދެމަފިރިން އުފަލުގަ އުޅެން ކުރާ ކަންކަމުގެ ވާހަކައާ އުފާވެރިކަން ލިބޭ ސަބަބުތަކާ އުފާވެރިކަން ލިބޭ މިންވަރު އެންމެ ގާތް އެކުވެރިޔާ ގާތު ބުނެވުމުން އެސްފީނާޖެހި ކުރިމަތިވި މައްސަލައިގެ ވާހަކަ-

ޒަވާޖީ ޙަޔާތަށް އެންމެ ބޮޑަށް ގެއްލުންދޭ ކަންކަމުގެ ތެރޭގައި ހަސަވެރިކަމާއި އެސްފީނާ އަދި ސިޙުރު ހިމެނެއެވެ. މި 3 ކަންތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ގެއްލުން ލިބެނީ ޙަސަދަވެރިކަމުންނެވެ. ހިތުގައި އުފެދޭ ޙަސަދަވެރިކަން ދޫކޮށްނުލައި ދަމަހައްޓާނަމަ އެކަން އެސްފީނާއަށް ބަދަލުވެގެންދެއެވެ.

މީގަ އޮތް އެންމެ ބޮޑު ދެރައަކީ ޙަސަދަވެރިކަން ހިތުގައިލެވޭއިރު އެކަން ކުރަނީ ކޮންމެހެން އަނެކާއަށް ގެއްލުންދޭކަށްވެސް ނޫނެވެ. ތިމާއަށް ނުލިބޭ ކަންތައްތަކެއް އަނެކާއަށް ލިބޭތީ ނުވަތަ ތިމާއަށްވުރެ އުފަލުގައި އަނެކާ ދިރިއުޅޭތީ ޙަސަދަލެވެނީއެވެ. ތިމާގެ ބައިވެރިޔާ ތިމާއަށް ނުދޭމިންވަރަށް ލޯބި އަނެކާގެ ބައިވެރިޔާ އޭނާއަށް ދޭތީ ހިތުގައި ޙަސަދަލެވެނީއެވެ. ދެން އެކަން ދެމިއޮންނަމުން އައިސް އެސްފީނާއަށް އަދި ސިޙުރަށްވެސް ބަދަލުވެގެންދަނީއެވެ. 

ލޮބުވެތިއެކުވެރިންނޭވެ! ބައިވެރިޔާގެ ކިބައިން ތިމާއަށް ލޯބިލިބޭމިންވަރު ދުނިޔެއަށް ހާމަކުރުމުގެ ބޭނުމެއް ނެތެވެ. އެކަން ނުކުރާށެވެ! މިކަމުން ކުރިމަތިވާ މައްސަލަތައް ވަރަށް ބޮޑެވެ. ހަމައެއާއިއެކު ބައިވެރިޔާގެ ކިބައިން ތިމާއަށް ލޯބި ލިބޭ މިންވަރުވެސް ހާމަނުކުޜާށެވެ! އެކަންކުރީމާ ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން ޙާދިށާއެއްވެސް ކިޔައިދޭނަމެވެ. 

އެދެމަފިރިންނަކީ ވަރަށް ރަނގަޅަށް ކަންކަން ރާވަިގެން ތަރުތީބުން ކުރަމުންގެންދާ ދެމަފިރިންނެވެ. އެއްދާންކޮށް ގުޅުން ހިންގަނީވެސް ކުރިއަށް ރާވައިގެން ވަކިރޭތަކެއްގައެވެ. އެގޮތަށް އެކަންކުރުމުން ދެމަފިރިންނަށް ލިބޭ ހިތްހަމަޖެހުން އިތުރުވެއެވެ. 

މިވާހަކަ އަނބިމީހާއަށް ބުނެވުނީ އޭނާގެ އެކުވެރިންގެ ތެރެއިން ޚާއްޞަ އެކުވެރިއެއްގެ ގާތުގައެވެ. އެއިގެ ދުވަސްކޮޅެއްފަހުން ދެމަފިރިން ރާވާ އެއްވެސް ރެއަކު ގުޅުން ހިންގޭނެ ގޮތެއް ނުވެއެވެ. ކޮންމެވެސް ހުރަސްތަކެއް އެޅެނީއެވެ. މައްސަލަ ޙައްލުކުރެވުނީ ރުޤްޔާކޮށްގެންނެވެ. އެތައް މަސައްކަތަކުންނެވެ. 

ވީމާ މިބާވަތުގެ ވާހަކަތައް ކިތަންމެ ގާތް އެކުވެރިއަކަށްވެސް ޙިއްޞާނުކުރާށެވެ. ޙިއްޞާކުރުމުން މިވާގޮތަކީ އެފަދަ އުފާވެރިކަން ތިމާއަށް ނުލިބޭނަމަ ޙަސަދަލެވެނީއެވެ. އެކަން އެހެން އެވަނީ އަނެކާއަށްޓަކައި ހެޔޮ ދުޢާ ނުކުރެވޭތީއެވެ. 

މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ. ދިރިއުޅުން ކުރިއަރާނީ ޒަވާޖީ ހަޔާތުގައި ހިތްހަމަޖެހުން ލިބޭވަރަކުންނެވެ. ހަމައެއާއިއެކު ތަޤްވާވެރި ދިރިއުޅުމެއް އުޅެވޭނީވެސް ޒަވާޖީ ޙަޔާތުގައި ހަމަޖެހުން އޮތްވަރަކުންނެވެ. މިއީ ގުޅިލާމެހިފައިވާ ދެކަންތަކެވެ. މިބާވަތުގެ ވާހަކަތައް ދައްކަން ޖެހެނީ މިސަބަބަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން