އަބަދުވެސް ބުނާ ފަދައިން ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް އަބަދުވެސް މައްސަލަތައް ޖެހޭނެއެވެ. މައްސަލައަކަށްވާ އެއް ސަބަބަކީ ބައެއް ފަހަރު ޖެހޭ ކުދިކުދި މައްސަލަތައްވެސް އެއީ މާބޮޑެތި މައްސަލަތަކުގެ ގޮތުގައި ވިސްނޭކަމެވެ.
އެހިނދު ވިސްނައިލާށެވެ! އެއްވެސް މީހަކީ ހުރިހާ ކަމެއް ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނާނެއެވެ. މަރުވެ، ޤިޔާމަތްވެ، ސުވަރުގެ ވަދެވުމާއި ހަމައަށްވެސް އުޅެންޖެހޭނީ މައްސަލަތަކުގެ ތެރޭގައި ކަމެވެ.
މައްސލަ ޖެހުނީ ކޮންމެ މީހެއްގެ ސަބަބުން ކަމަށްވީނަމަވެސް އަނެކާ ވިސްނާލަންވީ ތިމާގެ ކިބައިގައިވެސް އުނިކަންތައްތަކެއް ހުންނާނެ ކަމެވެ. ބައިވެރިޔާ ތިމާއާއިއެކު ދިރިއުޅެނީ ތިމާގެ ކިބައިގައި ހުރި އުނިކަންތައްތަކާއިއެކުގައި ކަމެވެ. އެކަންކަން ޤަބޫލުކޮށްގެންކަމެވެ.
ނަމަވެސް ގިނަ ފަހަރަށް ކަންކަންމެދުވެރިވާ ގޮތަކީ ވިސްނައިލެވެނީ ކޮންމެވެސް ދެމަފިރިއަކު އެއުޅެނީ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އުފަލުގައި ކަމަށެވެ. ނަމަވެސް އެއީވެސް ޙަޤީޤަތެއް ނޫނެވެ. އެދެމަފިރިންގެ މެދުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. އެކަން އެމީހުން ހާމަނުކުރަނީއެވެ. ހާމަނުކުރާތީ އެހެން މީހުންނަށް ނުއެނގެނީއެވެ.
އަޑަށް ބާރުލައި ބުނާނަމެވެ! މައްސަލައެއް ޖެހޭއިރަށް ދެމީހުންނަށް އެކުގައި ދިރިނުއުޅެވޭނެ ކަމަށް ނުނިންމާށެވެ. އަދި އެއީ އެހައި ބޮޑު ކަމަކަށް ނުހަދާށެވެ! މައްސަލަ ޙައްލުކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރުމަކީވެސް އަޅުކަމެކެވެ. މާފުކޮށް އިޞްލާޙްވާން ފުރުޞަތު ދިނުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ލޯބިން ތަޤްވާވެރިކަމާއިއެކު ދިރިއުޅުމަށް އިސްލާމް ދީން ބާރުއަޅައެވެ. އަދި އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާ ކަމެއްވެސްމެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން