ހަނދާނުގަ ބަހައްޓަންޖެހޭ ކަމެއް!: އަނބިމީހާ އުފަލުގައި ބަހައްޓަން އިސްލާމް ދީން ބާރުއަޅާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 53ސ
ހަނދާނުގަ ބަހައްޓަންޖެހޭ ކަމެއް!: އަނބިމީހާ އުފަލުގައި ބަހައްޓަން އިސްލާމް ދީން ބާރުއަޅާ!

ފިރިހެނެއްހެ ހަޔާތުގެ އެންމެ މުހިއްމު އެއް މީހަކީ އޭނާގެ އަނބިމީހާކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. އެހެންކަމުން އަނބިމީހާ ދެކެ ވާ ލޯބި ހާމަކޮށް، އުފަލުގައި ބޭތިއްބުމަށް ފިރިން މަސައްކަތް ކުރަން ޖެހޭ ކަމަށް މާތްވެގެންވާ އިސްލާމް ދީނުގައި ވެސް އަންގަވާފައިވެ އެވެ.

މި ހިއްސާކޮށްލަނީ އިސްލާމީ ރިވެތި އާދަތަކުގެ ތެރެއިން އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ފިރިމީހާއަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. 

އަނބިންނާ މެދު ހިތްހެޔޮކޮށް ކަންތައް ކުރުން: 

އަހަރެމެންގެ މާތް ނަބިއްޔާ، މުޙައްމަދު ރަސޫލުﷲ (ޞއވ) ވަނީ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާ މެދު ވަރަށް ހިތްހެޔޮކޮށް ކަންތައްތައް ކުރައްވާފަ އެވެ. އަދި އަންގަވާފައި ވަނީ އަނބިމީހާ އާއި މަންމައާމެދު އިންސާފުން ކަންތައް ކުރާށެވެ. 

އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުން: 

ފިރިހެނުން އުޅޭނީ އަބަދުވެސް ކޮންމެވެސް މަސައްކަތަކާ މަސްއޫލުވެގެންނެވެ. އެހެން ކަމުން ގިނަ ފަހަރު އަނބިމީހާއަށް ދޭންވާ ސަމާލުކަން އޮންނަނީ ނުދެވިފަ އެވެ. ބިޒީކޮށް އުޅެމުންވެސް ވަގުތު ކޮޅެއް ހޯދާލާ އަންހެނުންނާއި ވާހަކަ ދައްކާލާ، ނުވަތަ އަނބިމީހާ ދައްކާ ވާހަކަ އަޑުއަހާލަން ވާނެ އެވެ. އޭގެ ސަބަބުން ދެމަފިރިންގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ އެވެ. 

އަނބިމީހާގެ އަގު ވަޒަން ކުރުން:

އަނބިމީހާއަކީ ފިރިމީހާގެ ނޯކަރުންނެއް ނޫނެވެ. އެހެން ކަމުން އޭނާ ކުރާ މަސައްކަތް ބަލައިގަނެ، އޭގެ އަގު ވަޒަން ކުރަންވާނެ އެވެ. އަނބިމީހާގެ ވެސް އިހުސާސުތަކެއް ވާނެ ކަން ދަނެ، އޭނާ އަށް އިހުތިރާމު ކުރަން ވާނެ އެވެ. 

ގޯސްކޮށް ކުރެވޭ ކަންތައްތަކުގެ ބަދަލުގައި ރަނގަޅު ކަންތަކަށް އިސްކަން ދިނުން: 

އަބަދުވެސް އަނބިންނަށް ގޯސްކޮށް ކުރެވޭ ކަންތައްތަކުގައި ހިފާ، އެވާހަކަ ދައްކާ ނަމަ ކައިވެނި ރޫޅުން އޮތީ މާ ދުރުގައެއް ނޫނެވެ. މިއީ މާތްﷲ ނުރުއްސަވާ އަމަލުތަކުގެ ތެރެއިންވާ އަމަލެކެވެ.

އަނބިމީހާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެންމެންގެ ތެރޭގައި ފަލީހަތް ކުރުމުގެ ބަދަލުގައި ލޯތްބާއި މަޑުމައިތިރިކަމާއި ދެމީހުން އެކަނި ތިބޭ ގަޑިއެއްގައި އޭނާއަށް އެކަން ވިސްނައިދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. 

އަނބިމީހާގެ އުފަލަށްއެދި ދުޢާ ކުރުން: 

އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ނަމާދުކޮށް މާތްﷲގެ ހަޞްރަތުގައި ދުއާ ކުރަންވާނެ އެވެ. އެއް އިންސާނަކަށް އަނެއް އިންސާނާއަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ހެޔޮ ދުއާ އެވެ.

އަނބިމީހާ ތިމާގެ ގެ ބަލަހައްޓައިދޭ އުސޫލުން އޭނާގެ ސިއްހަތު ރަނގަޅު ގޮތުގައި ދެމިހުރުމަށް ދުއާ ކުރަންވާނެ އެވެ. 

ގޭތެރޭ މަސައްކަތުގައި އެހީވެ، ހަދިޔާ ދިނުން: 

ކޮންމެ ދުވަހަކު އެއް މަސައްކަތެއް ކުރަން ޖެހުމަކީ ބުރަ އަދި ފޫހިވެސް ކަމެކެވެ. އެހެން ނަމަވެސް ޝަކުވާއެއް ނެތި އަނބިން އެދަނީ އެކަންތައް ކުރަމުންނެވެ. އެކަމުގެ ޝުކުރެއްގެ ގޮތުން އަނބިމީހާ ކުރާ މަސައްކަތުގައި އަތްގާތް ކޮށްދީ އެހީވެ ހެދިދާނެ އެވެ. އަހަރެމެންގެ މާތް ނަބިއްޔާ ވެސް ގޭތެރޭގެ މަސައްކަތްތަކުގައި އަނބިކަނބަލުންނަށް އެހީތެރިވެ ވަޑައިގަތެވެ. މިއީ ދެމަފިރިންގެ ދެމެދު ލޯބި އިތުރުވާނެ ކަމަކެވެ. 

އެހެން މީހުންގެ ކުރިމަތީގައި އަނބިމީހާއަށް ތައުރީފު ކުރުން: 

އަނބިމީހާ އުފާކޮށްދިނުމަށް އެހެން މީހުންގެ ކުރިމަތީގައި އަނބިމީހާއަށް ތައުރީފު ކުރާށެވެ. އެގެ ސަބަބުން އުފާވުމުގެ އިތުރަށް ފިރިމީހާއަށް އަނބިމީހާ ވެސް ކުރާ އިހުތިރާމު ވެސް ބޮޑުވެގެން ދާނެ އެވެ.

މަސްދަރު: حياتنا مع الله أجمل

މިއަދު އޮންލައިން