ރަމަޟާން މަސް ފާއިތުވެގެން ދިއުމުން މިހާރު ހިފަމުން މިދަނީ ގެއްލުނު ރޯދަތަކާއި ސުންނަތް ރޯދަތަކެވެ. މިރޯދަތައް ހިފާއިރުވެސް ވިސްނާލުން މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.
"ރޯދައަކީ އެރޯދަ ހަލާކުކޮށްނުލާހައި ހިނދަކު އެމީހާއަށްޓަކައި އައްޑަނައެއް" ކަމަށާއި ޚިޔާނާތްތެރިވުމާއި (ތެދުވެރިކަން ނެތި ކަންކަން ކުރުމާއި) ނެތިމޮށުމަކީ ރޯދަ ހަލާކުކޮށްލާނެ ކަންކަން ކަމަށް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ސުންނަތް ރޯދަ ހިފިނަމަވެސް މިކަންކަްނ ނުކުރަން ސަމާލުކަންދޭންވާނެއެވެ. ހިފާ ރޯދަ، ރޯދައަކަށްވާނީ އެއިރުންނެވެ.
އެއްގޮތަކުން ވިސްނާނަމަ ރޯދަހިފުމަކީ އެންމެ ބޮޑު ޤުރްބާނީއެއްވެގެން ކުރާ އަޅުކަމެވެ. ސަބަބަކީ ޙައްޖުވުމުގެ ތެރޭގައިވެސް ކައިބޮއިހެދެއެވެ. ބަނޑުހައިވުމާއި ކަރުހިއްކުން ފިލުވެއެވެ. ނަމަވެސް ރޯދަވެރިޔާއަށް މިއިން އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
ވީމާ ރޯދަ މިހިފަނީ އިންސާނާއަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކުން ދުރުހެލިވެތިބެގެންނެވެ. އެފަދަ ބޮޑު ޤުރްބާނީއެއްވެގެން ހިފާ ރޯދަ، ރޯދައެއް ކަމަށް ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ އެއީ ކޮންފަދަ ބޮޑު ދެރައެއް ހެއްޔެވެ؟
ގިނަ ބައަކު ރޯދަމަހު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ނަމަވެސް ސުންނަތް ރޯދައަސް ތިބޭއިއރު ޣީބަބުނުން ފަދަ ކަންކަން ނުކުރަން އެހައި ބޮޑަށް ސަމާލުކަމެއް ނުދެއެވެ. ވީމާ މިއީ އިޞްލާޙްކުރަންޖެހިފައިވާ ކަންކަން ކަމަށްވާތީ ހަނދުމަކޮށްލައިދިނީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން