ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ގަދަނުވާނެކަމަށް ބަލައި އިންތިހާއަށް އަނިޔާވެރިވި ފިރިއަކަށް ކެންސަރުޖެހުމުން ހިލޭ އަންހެނެއްގެ ގޮތުގަ ހުރެ އެހީތެރިވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ގަދަނުވާނެކަމަށް ބަލައި އިންތިހާއަށް އަނިޔާވެރިވި ފިރިއަކަށް ކެންސަރުޖެހުމުން ހިލޭ އަންހެނެއްގެ ގޮތުގަ ހުރެ އެހީތެރިވި އަންހެނެއްގެ ވާހަކަ-

ދެމަފިރިން އެކުގައި ޙަޔާތުގެ ދަތުރުކުރަމުންދާއިރު ބަލިޙާލެއްގައި ކުރިން ޖެހޭނީ ކާކަށް؟ ކޮންވަޤުތަކު؟ ކަމެއް ނުއެނގޭނެއެވެ. އެފަދަ ޙާލެއްގައި ޖެހިއްޖެނަމަ އެމީހަކަށް އަޅާލައި އެހީތެރިވުމަކީ އެކަމުގެ ސަބަބުން ސުވަރުގެވެސް ދެއްވެވުން އޮތް، އެހައިވެސް މަތިވެރި ޢަމަލެކެވެ. 

ހިތާމައަކީ ބައެއް މީހުންނަށް އެކަމަށް ވިސްނައިވެސް ނުލައި ބަލިވި މީހާއާއިމެދު އިހާނެތި ގޮތްގޮތަށް ކަްނކަންކުރެވޭކަމެވެ. ފަރުވާކޮށްނުދެވޭތަނުގައި ހިތުގައި ޖައްސުވައި ރޮއްވާ ކަމެވެ. މިފަދަ ގޮތްގޮތަށް ކަންކަން ކުރާ މީހުންނަށް ފަހުން ކަރުނައަޅަން ޖެހޭކަން އެއީވެސް ލޯތަކަށް ފެންމުން އަންނަ ކަމެކެވެ. 

ތިރީގައި އެވަނީ އެފަދަ ގޮތެއް މެދުވެރިވި ފިރިއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ! ރަނގަޅު ފިލާވަޅެއް ލިބިލައްވާނެއެވެ. 

އަޅުގަނޑުގެ މައިންބަފައިންނަކީ އެހާ ތަނަވަސް ބައެއް ނޫން ނަމަވެސް އަޅުގަނޑަށް ކިޔަވައިދިނެވެ. ކިޔެވުމުން ރަނގަޅު ވަޒީފާއެއްވެސް ލިބުނެވެ. ލިބުނު މުސާރައިން ފައިސާ އެއްކޮށްގެން ފްލެޓަކަށް އެޑްވާންސް ދައްކައި ފްލެޓެއްވެސް ހޯދީމެވެ. އެދުވަސްވަރު ބައްދަލުވި ޒުވާނަކާއި ގުޅި ކައިވެނިވެސް ކުރީމެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު އަޅުގަނޑަށް ސްޓްރޯކެއް ޖެހުނެވެ. ގަދަވިއެވެ. ނަމަވެސް ޑޮކްޓަރު ބުނީ ސިކުނޑިއަށް ލޭއެޅި ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން ދިގު މުއްދަތަކަށް ބޭސްކާންޖެހޭނެ ކަމަށާއި އެކުގައި ފަސޭހަވުމުގެ ފުރުޞަތުވެސް ވަރަށް ކުޑަ ކަމަށެވެ.

ކުރީކޮޅު ފިރިމީހާ ވަރަށް ރަނގަޅެވެ. ނަމަވެސް ކާންޖެހުނު ބޭހުގެ ސަބަބުން އިސްތަށިފައިބާ ސިފަހަޑިވުމުން އޭނާ ބަދަލުވާން ފަށައި މުޅިން އެހެން މީހަކަށް ބަދަލުވިއެވެ. ބޭސް ކެއުމުން ބޮލަށް އެނބުރުން އަރާތީ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ޖެހެނީ އޮށޯވެގެން އޮންނާށެވެ. ފިރިމީހާ އާއިއެކު އެއްދާނެއްވެސް ނުކުރެވެއެވެ. ވަރުބަލިވާވަރުންނެވެ. ކުރު ގޮތަކަށް ބުނާނަމަ ފިރިމީހާގެ އެއްވެސް ބޭނުމެއް ފުއްދައި ނުދެވޭވަރަށް ބަލިވިއެވެ. 

ނަތީޖާއަކަށްވީ އަޅުގަނޑު ބެލުމުގެ ނަމުގައި އަންހެނަކު ގެއަށް ގެނެސް އަންތބެއްގެ ގޮތުގައި އަޅުގަނޑުގެ ކުރިމަތީގައި ގެންގުޅެން ފެށުމެވެ. ފައުޅުގައި ކަންކަންކޮށް އަޅުގަނޑަށް މަންޒަރުތައް ދައްކަން ފެށުމުން ކެތް ނުކުރެވިގެން މައިންބަފައިން ގާތު އެދިގެން އެގެއަށް ބަދަލުވީމެވެ. 

އަޅުގަނޑުގެ އެއް ބޭބެއަކީ މެދުމިނުގެ ތަނަވަސް މީހެކެވެ. އަދި އަޅުގަނޑުމެންނަށް ވަރަށް ހެޔޮވެސް މީހެކެވެ. އޭނާ އަޅުގަނޑުގެ ކަންކަން ކޮށްދީ ބޭސްފަރުވާކޮށްދޭން ފެށިތަނާ މަޑުމަޑުން ޝިފާލިބެމުން އައިސް އެކުގައި ބަލިން ފަސޭހަވިއެވެ. 

ގަދަވުމުން ބޭބެ ގޮވައިގެން އަޅުގަނޑުގެ ފްލެޓަށް ދިއައީމެވެ. ވަރަށް އަވަހަށް އަޅުގަނޑުމަރުވެދާނެ ކަމަށް ބަލައި އެއިރު ފިރިމީހާވަނީ އެއަންހެންމީހާ އާއި ކައިވެނިވެސްކޮށްފައެވެ. އޭނާ އުންމީދުކޮށްގެން ހުރީ އަޅުގަނޑު މަރުވުމުން ފްލެޓް އޭނާއަށް ލިބޭނެ ކަމަށެވެ. 

އޭނާ އަޅުގަނޑާއިމެދު ކަންކަންކުރި ގޮތުން އެގޭގައި ދެމަފިރިން ބައިތިއްބާކަށް ޤަބޫލެއް ނުވެވުނެވެ. އެއިރު އަޅުގަނޑުގެ ޙާލަތުހުރިގޮތުން އަޅުގަނޑަށް އަނިޔާވެރިނުވެ ރަނގަޅަށް ކަންކަން ކުރަމުން ދެވަނަ ކައިވެންޏެއް ކުރިނަމަ ވެސް އަޅުގަނޑު ރުހުނީމުހެވެ. މަރުވެއްޖެނަމަ ފްލެޓާއި މުދައު ދޭންވެސް ވަޞިއްޔަތްކުރީމުހެވެ. 

ނަމަވެސް އަޅުގަނޑު އުޅެނީ ބަލިކަމަށް ހެދިގެން ކަމަށާއި އަޅުގަނޑަކީ ކަންނެތް މީހަކު ކަމަށް ބުނެ އެއްޗެތި ގޮވިއެވެ. އެނދު ކައިރީގައި ބަހައްޓާފައި ހުންނަ ބޯފެންފުޅި ހުސްވުމުން ފެންފުޅިއެއް ދެނީވެސް ކަރުހިކި ކުޑަދޫ ބޭރަށް ނުކުންނަވަރުވުމުންނެވެ. އެކަންކަން ހަނދާންވުމުން ވަރަށް އަސަރުކުރިއެވެ. އެހެންވެ ދެމީހުން ގެއިން ނެރެލީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ދެމަފިރިއަކު އެކުގައި ދިރިއުޅެނިކޮށް ކޮންމެ ފަދަ ޙާލަތެއްވެސް ކުރިމަތިވެދާނެ ކަމާއި އެފަދަ ޙާލުގައި ބައިވެރިޔާއަށް އަނިޔާވެރިވާނަމަ އެމީހަކީ އިންސާނެއްކަމަށް ޤަބޫލުނުކުރެވޭނެ ކަމެވެ. ޑޮކްޓަރުންނަކަށްވެސް އެހެންމީހަކަށްވެސް އެއްވެސް މީހަކު މަރުވާނެ ދުވަހެއް ނުއެނގޭނެއެވެ. އެފަދަ ބަސްތައް ބުނަނީ ބަލީގެ ޙާލަތައް ބަލައިގެންނެވެ. އެޙާލަތު ބަދަލުކުރައްވަވާނީ ކޮންވަގުތަކު ކަމެއް ނުއެނގޭނެއެވެ. 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުގެ ފިރިމީހާގެ ކިބައިން އެދިމާވިފަދަ އެއްވެސް ކަމެއް އެއްވެސް އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ކުރިމަތިނުވުމެވެ. 

އަޅުގަނޑުގެ މިހާރުގެ ޢުމުރަކީ 45 އަހަރެވެ. ދެވަނަ ކައިވެނިމަތީގައި ދިރިއުޅެމުން މިދަނީ އުފާވެރިކަމާއިއެކުގައެވެ. އެންމެ ބޮޑަށް އުފާވާ އެއްކަމަކީ އަޅުގަނޑުގެ ކުރީގެ ފިރިމީހާއަށް އެހީތެރިވެވޭކަމެވެ. އޭނާއަށް ވަނީ ކެންސަރުޖެހިފައެވެ. ބަލީގައި މަރާއި ހަނގުރާމަކުރަނީއެވެ. ހަފްތާއަކު އެއްދުވަހު އަޅުގަނޑުމެން ދެމަފިރިން އޭނާއަށް ޒިޔާރަތްކުރަމުއެވެ. ވެވެން އޮތްވަރަކުން އެހތެރިވެސްވަމެވެ. އޭނާއަށްޓަކައި ހެޔޮދުޢާވެސް ކުރަމުއެވެ. 

މިވާހަކަކޮޅު ދަންނަވާލުމުގެ ބޭނުމަކީ ކަލަގޮވުމެއް ނޫނެވެ. ކޮންމެ މީހަކަށް ނަމަވެސް ކޮންމެ ވަގުތަކުނަމަވެސް ކިތަންމެ ބޮޑު ބައްޔެއްވެސް ޖެހިދާނެކަން ހާމަކުރުމެވެ. ވީމާ ބަލިޙާލުގައި ތިބޭ މީހުންނަށް އަނިޔާވެރިނުވެ އެހީތެރިވާންޖެހޭނެކަން ހާމަކުރުމެވެ. ޚާއްޞަކޮށް ދެމަފިރިން އެކުގައި އުޅެނިކޮށް ބަލިވެއްޖެނަމަ ބަލިވި މީހާއަށް ވީހާބޮޑަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ފާހަގަކުރުމެވެ.

 

- ނަޝްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން