ޚަބަރުގައިވާ ފޯޓޯގައި އެވަނީ އާނުގަނޑެއްގައި ހަރުލާފައި އިންދާ ފެނުނު ކަސްބޮލެއްގެ ފޮޓޯއެކެވެ. މީގެ 2،3 އަހަރުކުރިން ފޮޓޯ ފެނުމުން ގިނަ ބައަކު ކަންބޮޑުވެގެން އުޅުނެވެ. ބިރުންވެސް އުޅުނެވެ. ސުވާލަކީ މިއަދު އެހަނދާން ހުރީ ކިތައް މީހުންގެ ހެއްޔެވެ؟
މިކަން ފާހަގަމިކުރަނީ ކޮންމެހެން އެ ކަށްބޯ މުހިންމުވެގެނެއް ނޫނެވެ. މިފަދަ ކޮންމެ ކަމަކީވެސް ތިމާގެ މަރާއިމެދު ވިސްނާލަން ލިބޭ ފުރުޞަތަކަށްވާތީއެވެ. މަރުވާނެ ކަމާއި މަރުވާނެ ޙާލަޓާއި ތަނެއް އެކަކަށްވެސް ނުއެނގޭނެއެވެ. ކޮންމެ ތަނެއްގައި މަރުވި ނަމަވެސް މަރުވުމާއިއެކު އެވަނީ އެމީހާގެ ޢަމަލުތައް ހުއްޓިފައެވެ. އިތުރު އެންމެ ޢަމަލެއް ކުރުމުގެ ފުރުޞަތުވެސް ގެއްލިފައެވެ. އެމީހަކަށް އެވަނީ ޤިޔާމަތްވެފައެވެ.
"އާނުގަނޑު ތެރެއަށް ވަދެ އިންދިފައި، ހަރުލާފައި އޮތް ކަށްބޮލެއް! ސުވާލަކީ ކިހިނެއް ބާއޭ އެހެން އެވީ؟" އެކަން މެދުވެރިވި ގޮތް މިއަދު ނުއެނގިދާނެއެވެ. ނަމަވެސް މުހިންމީ ތިމާގެ މަރާއިމެދު ކޮންމެ މީހަކުވެސް ވިސްނައިގެން ހުރުމެވެ. ކޮންމެ ވަޤުތަކު ކޮންމެ ތަނެއްގައިވެސް މަރު އައިސް ތިމާއާއި ބައްދަލުކޮށްފާނެ ކަމަށް ބިރުވެތިވެގެން ހުރުމެވެ.
އަޅުގަނޑުމެން އެއްވެސް މީހަކީ އެމީހަކު މަރުވާނެ ތަނަކާއި ވަޅުލެވޭނެތަނެއް ނުއެނގޭތަނުގައި ވަޅުލެވޭނެކަންވެސް އެނގޭނެ މީހެއް ނޫނެވެ. ވީނުވީއެއް ނުއެނގި ގެއްލިވެސްދާނެއެވެ. ކަނޑުވެ ނުފެނިވެސްދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ހަމަވެދާނެ ކަމެކެވެ.
ދުނިޔެއަށް އާދެވުމުން 100 އިންސައްތަ ޔަޤީންކަން އޮތް ހަމައެކަނި ކަމަކީ މަރުވާނެ ކަމެވެ. މަރުވުމުން އިންސާނާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދިއައީއެވެ. އޮތީ މަރަށް ފުރިހަމައަށް ތައްޔާރުވުމެވެ. އެކަމަށް ކުރަން އޮތްކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމެވެ. ޙަޔާތުގެ ދުވަސްތައް ވޭތިކުރުމެވެ.