ސަމާލުވާންޖެހޭ ކަމެއް!: ކުފުރުވާ ފަދަ ބަހެއް މީހަކު ބުނުމުން އެބަސް އެގޮތަށް މީހުންގެ ތެރޭގައި ފެތުރުމަކީވެސް ހަމަ ކުފުރުގެ އަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ސަމާލުވާންޖެހޭ ކަމެއް!: ކުފުރުވާ ފަދަ ބަހެއް މީހަކު ބުނުމުން އެބަސް އެގޮތަށް މީހުންގެ ތެރޭގައި ފެތުރުމަކީވެސް ހަމަ ކުފުރުގެ އަމަލެއް!

އިސްލާމް ދީނަށް ޢަދާވާތްތެރިވެ ނުބައި ބަސްތައް ބުނާ މީހުން ހުރިހާ ޒަމާންތަކެއްގައިވެސް އުލެއެވެ. އެފަދަ މީހުންގެ އެންމެ ބޮޑު އެއް މަސައްކަތަކީ ދީނުގެ ކަންކަން މީސްތަކުންނަށް އޮޅުން އަރާގޮތަށް ހާމަކުރުމާއި ދީނާއި ދެކޮޅު ބަސްތައް ބުނެ ފެތުރުމެވެ. 

އިސްލާމް ދީނުގެ ޢަދާވާތްތެރިން ބުނާ ނުބައިބަސްތައް ހާމަކުރުމަކީ ވަރަށް ބޮޑަށް ސަމާލުކަންދީގެން ކުރަނޖެހޭނެ ކަމެކެވެ. ނޫންނަމަ އެކަމުގެ ސަބަބުން ތިމާވެސް ފާފަވެރިވުން އޮތީ ދާދި ގާތުގައެވެ. 

ކުފުރުގެ ބަސްތައް މީހުން ބުނުމުން އެކަން ކުށްވެރިކުރަން ހާމަކުރާ ވާހަކަތަކުގައި ކުފުރުގެ ހަމައެ ބަސް ހަމައެގޮތަށް ހިމަނައެވެ. ލިޔާ ޓްވީޓްތަކަށް އޭނާގެ ޓްވީޓް އެބަ ޓެގްކުރެއެވެ. މިއީ ވިސްނާނުލައި ކުރެވެމުން އަންނަކަމަކަށްވާތީ އިތުރަށް ވިސްނައިލާށެވެ! 

ކުފުރުވާ ފަދަ ބަހެއް މީހަކު ބުނުމުން އެބަސް އެގޮތަށް މީހުންގެ ތެރޭގައި ފެތުރުމަކީވެސް ވާނީ ހަމަ ކުފުރުގެ އަމަލަކަށެވެ. އެފަދަ ބަހެއް މީސްތަކުންނަށް ޢާންމުކޮށްގެން ނުވާނެއެވެ. އެފަދަ ބަހެއް ނުބުނުމަށް ނަޞޭޙަތް ދިނުމުގައިވެސް ޢާންމުންނަށް އެބަސް ފެތުރުމުން އެކަން ވާނީ އެބަސް ބުނި މީހާއަށް ކުރެވޭ ތާއީދަކަށެވެ. ދެވޭ ހިތްވަރަކަށެވެ. 

ނުއެނގި ތިބެ ނަމަވެސް މިފަދަ ކަންކަން ބައެއް މީހުން އެބަ ކުރެވެއެވެ. ބައެއް މީހުން އެކަން ކުރަނީ ހަމަ ޤަޞްދުގައި އެކަމަށް ހިތްވަރު ދިނުމަށެވެ. އަނެއްބައަކަށް އެކަން ކުރެވެނީ ނުއެނގުމެއްގެ ތެރޭގައި ތިބެގެންނެވެ. 

ރަސޫލް () އަށް ނިޞްބަތްކޮށް މީހަކު ފުރައްސާރަކުރުމުން އޮތީ ހަމަ އެ ބަސްތައް ލިޔެ ޓްވީޓް ކުރުމެއް ނޫނެވެ. އެކަން ނުކުރަން ބުނަން ބޭނުންވާ ނަމަ އެވާހަކަތައް ނުލިޔެ ބުނަން ނުއެނގޭ މީހުން ރަނގަޅުވާނީ ދަސްކޮށްގެން ޓްވީޓް ކުރުމެވެ. ނޫން ނަމަ އެކަމާއި ނުބެހި ހުރުމެވެ. އެފަދަ ބަސްތައް ލިޔެ ޕްރަމޯޓް ކުރުމަށްފަހު އެކަންކުރި މަޤްޞަދު ދުނިޔެއަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އޮޅުވައެއް ނުލެވޭނެއެވެ. 

އިސްލާމް ދީނުގެ ޙުކުމްތަކަށް ފައުޅުގައި ގޮންޖަހައި ބަސްބުނަމުން ގެންދާ މީހުން މިބާވަތުގެ ކަންކަން ކުރާއިރު އަމިއްލަ ބޮލުގައި ޒިންމާ ނުއެޅޭނެ ކަމަށް ބަލައިގެން އެބަ ކަންކަން ކުރެއެވެ. ޢާންމު ބަހުރުވައިންނަމަ "ލާދީނީ" ވާހަކައެއް ބުނީމާ ހަމަ އެމީހާ އެބުނި އިބާރާތުން ލިޔުމަށްފަހު އެބަސް ކުށްވެރި ކުރަން އުޅޭކަމަށް ދައްކުވަންވެސް ބައަކު އެބަ މަސައްކަތް ކުރެއެވެ. ނަމަވެސް އެއީ ބުއްދި ހަމަޖެހޭ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. 

މިފަދަ ކަންކަން ކުރެވެނީ ނުއެނގި ތިބެ ކަމަށްވާނަމަ އެފަދަ ކަންކަން ކުރުން އަވަހަށް ހުއްޓައިލާށެވެ! ސޯޝަލްމީޑިއާގައި ހާމަކުރެވިފައިވާ އެފަދަ ބަސްތައް އަވަހަށް ޑިލޓްކޮށްލާށެވެ. ކުރެވިފައިވާ ކަންކަމަށް އަވަހަށް ތައުބާވާށެވެ! ތައުބާވުމުގެ ފުރުޞަތު ބަނދުވުމުގެ ކުރިން ފުރުޞަތުގެ ބޭނުން ހިފާށެވެ! އެންމެ ބުއްދިވެރި ގޮތަކީ އަވަހަށް ތައުބާވުމެވެ. 

- މިއީ ރާއްޖޭގެ ދީނީ ޢިލްމްވެރިންގެ ތެރެއިން 3 ބޭކަލަކު ދެއްވި މައުލޫމާތަށް ލިޔެފައިވާ ލިޔުމެކެވެ. 

 

 

 

މިއަދު އޮންލައިން