ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން އެދޭނަމަ މަސައްކަތް ކުރިއަށްގެންދަން އޮތް ތަރުތީބު-: : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދަރިން ރަނގަޅު ގޮތުގަ ތަރުބިއްޔަތުކުރަން އެދޭނަމަ މަސައްކަތް ކުރިއަށްގެންދަން އޮތް ތަރުތީބު-: : މުފްތީ މެންކް

ދަރިންގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމާއި ބޮޑަށް އަންނަނީ ނުރަނގަޅު ބަދަލުތައްކަން ގިނަ ބައަކު ޤޢަބޫލުކުރެއެވެ. އެހެންކަމާއިއެކުވެސް މައްސަލައިގެ ޙަޤީޤީ ޙައްލާއިމެދު ވިސްނަނީވެސް މަދުމީހެކެވެ. އެމީހުން ބުނާ ގޮތުން ވިސްނާނެ ވަޤުތުވެސް ނުވަނީއެވެ. ނަމަވެސް މިއީ އެހެން ބުނެ އެހައި ފަސޭހައިން ބޯދަމައިގަނެވެން އޮތް ކަމެއް ނޫނެވެ.  

މިހާރަކަށް އައިސް ހުރިހާ ބެލެނިވެރިންވެސް ބުރަކޮށް މަސައްކަތްކުރަނީ ދަރިންނަށް ތައުލީމް ދިނުމަށެވެ. ދަރިންގެ އަޚްލާޤް ރަނގަޅުކުރުމަށް މަސައްކަތްކުރެވެނީ ވަރަށް ކުޑަކޮށެވެ. ވީމާ ބޮޑަށް މަސައްކަތް މިކުރެވެނީ އިސްކަން ދޭން ޖެހޭ ތަރުތީބަކުން ނޫނެވެ. އިސްކަން ދޭންވީ ދަރިންގެ އަޚްލާޤް ރަނގަޅު ކުރުމަށެވެ. ތަޢްލީމް ދިނުން ގެންނަންވީ އެއިގެ ފަހަތުންނެވެ.  

އެންމެ ފުރަތަމަ ކަމަކަށް މައިންބަފައިންގެ އަޚްލާޤް ރަނގަޅުކުރާށެވެ! ދެމްފިރިންގެ މެދުގައި އޯގާތެރިކަމާއިއެކު މުޢާމަލާތުކޮށް ދަރިންނަށް ނަމޫނާ ދައްކާށެވެ! ބާރަށް ބަސް ނުބުނާށެވެ! އެކަކު އަނެކަކަށް ނުރުހުމުގެ ބަސްތައް ރައްދު ނުކުރާށެވެ! އަދި ދަރިންނާއިމެދުގައިވެސް އެފަދައިން ކަންކަން ކުރާށެވެ! 

ދަރިއަކު ގޯސްކޮށް ކަމެއް ކުރި ނަމަވެސް ފުރަތަމަވެސް ކުރާކަމަކީ ދަރިފުޅު ކުށްވެރިކުރުމެއް ނޫނެވެ. ދަރިފުޅަށް ކުރެވުނު ގޯސް ކަންތައް ފާހަގަކޮށް އެކަން ކުރުމުން މަންމަ ނުވަތަ ބައްޕަ ވަރަށް ދެރަވެއްޖެ ކަމަށް ބުނާށެވެ! އަދި އެފަދަ ކަމެއް ތަކުރާރުނުކުރުމަށް މަޑުމައިތިރި ކަމާއިއެކު ނަޞޭޙަތް ދޭށެވެ. އެއިރުން ދަރިފުޅަށް ކުރާ އަސަރު މާބޮޑުވާނެއެވެ. ދިންއ ނަޞޭޙަތް ޤަބޫލުކުރެވެން މާފަސޭހަވާނެއެވެ.  

އިތުރު ގޮތަކަށް އަމަލުކުރަން ވާނީ މިބުނި ގޮތަށް ކަންކަން ކުރުމުން ވެސް އިޞްލާޙް ނުވި ނަމައެވެ. އިޞްލާޙް ނުވާނަމަ އުމުރާއި ގުޅޭ ވަރަށް ފިޔަވަޅު އަޅަން ފަށާށެވެ! ދަރިން އިޞްލާޙް ކުރުމަކީ މައިންބަފައިންގެ އެންމެ ބޮޑު ވާޖިބެވެ.

ގިނަ ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުންގެ ދަރިންގެ އަޚްލާޤުގެ މައްސަލައެވެ. އެމީހުން ބޭނުންވާ ފެންވަރަށް ދަރިންގެ އަޚްލާޤް ރަނގަޅު ނުވުމުގެ މައްސަލައެވެ. މި މައްސަލަ ބޮޑީ ކޮން ޤައުމެއްގައިކަން ބުނެވެން ނެތް ހިސާބަށް މި މައްސަލަ މިވަނީ ބޮޑުވެފައެވެ. 

ދަރިންގެ އަޚްލާޤް ރަނގަޅުކުރަން އެދޭ މީހާ ފުރަތަމަ ރަނގަޅުކުރަންވީ ތިމާގެ އަޚްލާޤެވެ. ﷲ ތައާލާ ނަހީ ކުރެއްވެވި ކަންކަން މައިންބަފައިން ކުރާކަން ދަރިންނަށް އެނގޭނަމަ ގިނަ ކުދިންނަށް ޤަބޫލުކުރެވޭނީ އެކަމަކީ ހުއްދަ ކަންކަމުގައެވެ. އެކަމަށް ދެކޮޅު ހަދަން ބޭނުންވާ އުމުރުގެ ދަރިން، ނުވަތަ އެ ވިސްނުމުގެ ދަރިން މައިންބަފައިންނާއިމެދު ދެކޭނީ ހަމަ ކުނިގަނޑެއްގެ ގޮތުގައެވެ. އެއްވެސް ޤަދަރެއް ނުކުރާނެއެވެ.  

"ދަރިންނަށް އޯގާތެރިވާށެވެ! އަދި އެކުދިންނަކީ ފުރިހަމަ އަޚްލާޤެއް ލިބިފައިވާ ބައަކަށް ހަދާށެވެ!" މިއީ އިބްން މާޖާ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެކެވެ. މި ޙަދީޘްފުޅާއިމެދު ފުންކޮށް ވިސްނައިލާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން