اللهُ تَعَالَى އެކަލާނގެ އަޅުތަކުން ޚަލްޤު ކުރައްވާފައިވަނީ ސިފަޔާއި، ޠަބީޢަތާއި، ރިޒުޤުތަކުގައި ތަފާތު ވަނިވިގޮތުގައެވެ. ރިޒުޤު ހޯދުމާއި ދެއްވުމުގައި ވެސް އެ ތަފާތު ކުރައްވާފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވ. --- މާނައީ: "އަދި ﷲ، رِزْقُ ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ."
މާތް الله އަހަރެމެން އިންސާނުންނަށް ވަނީ ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް ދެއްވާފައެވެ. މީގެތެރެއިން މުދާވެރިކަމާއި ތަނަވަސް ކަމަކީ، މާތް الله އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެކެވެ. މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް الله އެވެ. އެހެންކަމުން، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން، އެމުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، اللهގެ މަގުގައި ހޭދަކުރަން ޖެހެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. --- މާނައީ: "އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللهގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!" މާތް الله އަންގަވާފައިވާގޮތަށް މުދަލާއި ފައިސާއިން ހޭދަކުރުމީ ސުވަރުގެއަށް ވާޞިލުވުމުގެ މަގެކެވެ. ރަސޫލާ z ޙަދީޘް ކުރައްވާފައި ވެއެވެ. (اِتَّقُوا اللّٰهَ رَبَّكُمْ، وَصَلُّوْا خَمْسَكُمْ، وَصُوْمُوْا شَهْرَكُمْ، وَأَدُّوْا زَكَاةَ أَمْوَالِكُمْ، وَأَطِيْعُوْا ذَا أَمْرِكُمْ، تَدْخُلُوْا جَنَّةَ رَبِّكُمْ)[1] މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް تَقْوَى ވެރިވާށެވެ! އަދި ފަރްޟު ފަސްނަމާދުކުރާށެވެ! އަދި رَمَضَان މަހު ރޯދަހިފާށެވެ! އަދި މުދަލުން ޒަކާތްދޭށެވެ! އަދި އަމުރުވެރީންގެ އަމުރަށް ކިޔަމަންވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ސުވަރުގެއަށް، ތިޔަބައިމީހުން ވަންނަހުށްޓެވެ."
ޒަކާތް ދިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ---[2] މާނައީ: "އަދި އެއުރެންނީ، زكاة ދޭމީހުންނެވެ." اِبْنُ كَثِيْر رَحِمَهُ اللهُ ވިދާޅުވިއެވެ. "މުދަލު ޒަކާތަށް ޒަކާތުގެ ނަމުން ނަންދެވުނީ ޒަކާތް ދިނުމުގެ ސަބަބުން ޒަކާތްދޭ މީހާ ޙަރާމް ކަންކަމުން ޠާހިރު ކޮށްދޭތީއެވެ. އަދި އެމުދާ އިތުރުވެ އެއަށް ބަރަކާތް ލެއްވި ގިނަ މަންފާތަކެއް ލިބުމުގެ ސަބަބެއް ކަމުގައި ވާތީއެވެ. އަދި ﷲ އަށް ކިޔަމަން ތެރިކަން އަދާކުރުމުގައި އެ މުދާ ބޭނުން ކުރުމުގެ ތައުފީޤު ލިބޭތީއެވެ."[3]
މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެކެވެ. الله تَعَالَى ވަޙީ ކުރައްވާފައި ވެއެވެ. ---[4] މާނައީ: "އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ."
މުސްލިމް އަޚުންނޭވެ! ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. އަޑުއަހާށެވެ! މާތް الله ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ. "އަދި ދަހިވެތިވެ، الله ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ."[5]
މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫނެވެ. މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރަން ޖެހެއެވެ. ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހެއެވެ. މާތް الله ގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމީ ކުރަންޖެހޭ ކަންކަމެވެ. މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެއެވެ. ވީމާ، މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައި ނަސޭހަތްތެރިވަމެވެ. ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައި ވެއެވެ. ޒަކާތް ދެއްކުމަށް އިންކާރުކޮށް، ޒަކާތް ދެއްކުމަށް ދެކޮޅު ހެދި މީހުންނާ ބެހޭގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ. "الله ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ މުދަލުން އަދާކުރަންޖެހޭ ޙައްޤެކެވެ."
ޒަކާތުގެ ވާހަކަ ދައްކާއިރު ފާހަގަކޮށްލެވޭ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. އެއީ، އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައެވެ. އެހެންކަމުން މަދުމީހަކު މެނުވީ ފިޠުރު ޒަކާތް ދައްކައެވެ. ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަނގަ ކުރެވެއެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެކެވެ. ނުވަތަ ކުށްހީއެކެވެ. އެހެނީ ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތެވެ. ފިޠުރު ޒަކާތަކީ ވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެއެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބަޔެވެ. މުސްލިމުން ނަމާދު ކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު، ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާބެހޭ ޙުކުމްތައްވެސް ދަސްކުރަން ޖެހޭނެއެވެ. ވަކިން ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިން، މިކަން ކުރަން އޮންނަގޮތް ދެނެގަތުން ހުއްޓެވެ. މާތްﷲ އަޅަމެންނަކީ ޒަކާތް ދައްކާ ބަޔަކުކަމުގައި ލައްވައި އެމަގަށް ތައުފީޤު ދެއްވާށިއެވެ!
ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭކަން ކަށަވަރެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާނެއެވެ. އެބައިމީހުންގެ މެދުގައި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި އަތްމަތި ދަތިމީހުންނާއި، މިހުރިހާ އެންމެން ދެއަތް އުފުލައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށް ހެޔޮ ދުޢާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި الله ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެތެވެ. މިމަޤާމުގައިހުރެ އަހުރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެތަކުންނަށް ދީނުގެ ރުކުނެއް ކަމުގައިވާ ޒަކާތް ދެއްކުމަށް ފަރުވާތެރިވެ، ޒަކާތް ދެއްކުމަށް ގޮވާލައި އިލްތިމާސް ކުރަމެވެ. މިދުނިޔެ ދޫކޮށްފައި ދާންޖެހޭނެ ވަގުތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. މާތް ﷲ ތިބާގެ އަތްމަތި ތަނަވަސް ކުރައްވައި އެކަލާނގެ ފަޟްލުވަންތަކަން ދެއްވީ އިމްތިހާނަކަށަވެ. އެކަން ހަނދާންކުރާށެވެ!