ސިފައަށް އަންނަ ބަދަލާ ގުޅިގެން ލޯބިނުވެ، ޙައްޤުތައް އަދާނުކުރާނަމަ މުއްދަތެއް ދިނުމަށްފަހު އަވަހަށް ވަކިވާށެވެ! ދިގުދަންމައިފިނަމަ ލިބޭދެރަ ފޫވެސް ނުބެއްދިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ސިފައަށް އަންނަ ބަދަލާ ގުޅިގެން ލޯބިނުވެ، ޙައްޤުތައް އަދާނުކުރާނަމަ މުއްދަތެއް ދިނުމަށްފަހު އަވަހަށް ވަކިވާށެވެ! ދިގުދަންމައިފިނަމަ ލިބޭދެރަ ފޫވެސް ނުބެއްދިދާނެ!

ވަރަށް ގިނައިން ދިމާވާ ކަމެކެވެ. 20، 25 އަހަރުގަ ކައިވެނިކުރަނީއެވެ. ބައެއް މީހުންގެ ސިފައަށް 35. 40 ގައިވެސް ބަދަލުތައް އައުދެއެވެ. ޚާއްޞަކޮށް އަންހެނުންނަށް މިމައްސަލަ ބޮޑަށް ދިމާވެއެވެ. އެންމެ ބޮޑު ސަބަބަކީ ވިހެއުމެވެ.  

ކޮންމެއަކަސް ސިފައަށް ބަދަލު އައުމުން ފިރިހެނުންގެ ހިތުގައި ފޫހިކަން އުފެދެއެވެ. ދެމީހުން ދުރުވަމުން ގޮސް އެއްދާން ނުކުރާ ހިސާބަށް ކަންކަން ދުއްވާލައެވެ. ދަރިން ތިބީތީ ނުވަތަ ވަކިވުމުން ތިމާއަށް ލިބިދާނެ ގެއްލުމެއް އޮތްނަމަ ވަކިނުވެ ހުރެދާނެއެވެ.  

މިޙާލަތު ކުރިމަތިވެގެން ވަރަށް ގިނަ އަންހެނުން ކައުންސިލިންގ ހޯދައެވެ. އަހުރެން ބުނަނީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުން ނުއޮންނަނަމަ، އަދި އެކަމަށް އެދުމުން ޢިޖާބަ ނުދޭނަމަ ވަކިވުން މާރަނގަޅު ކަމަށެވެ.  

އެހެން ބުނަންޖެހޭ ސަބަބަކީ އެހިސާބުން ވަކިވިނަމަވެސް ދެވަނަ ބައިވެރިއަކު ހޯދިދާނެއެވެ. ނަމަވެސް މައްސަލަ ޙައްލުކުރެވޭތޯ މަޑުކުރަމުން ގޮސް 10، 12 އަހަރު ފާއިތުވެ 50 ގެ އަހަރުތަކަށް ފެށުމުން ދެވަނަ ބައިވެރިއަކު ހޯދަން އުނދަގޫތަކެއް ކުރިމަތިވާނެތީއެވެ. ބައެއް އަންހެނުންނަށް ދެވަނަ ބައިވެރިއަކު ނުލިބި ޢުމުރުގެ ބާކީ ދުވަސްތައް އެކަނިވެސް ހޭދަކޮށްލަން ޖެހޭތީއެވެ.  

މިހެން ބުނީމާ ބައެއް މީހުން ހިތްހަމަވެސް ނުޖެހިދާނެއެވެ. ނަމަވެސް މިއީ މިކަން އޮތްގޮތެވެ. ޙަޤީޤަތް ޤަބޫލުކޮށްގެން ނޫނީ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ވީމާ އަހުރެންގެ ނަޞޭޙަތަކީ ކައިވެނީގައި މިބުނި ފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ޙައްލުކުރަން މުއްދަތެއް ދޭށެވެ. އެމުއްދަތުގައި ޢިޖާބް ނުދީފިނަމަ އެހިސާބުން ދެވަނަ ދިރިއުޅުމެއް ހޯދަން މަސައްކަތްފަށާށެވެ.  

މިމައްސަލަ ކުރިމަތިވާ ސަބަބު ވަރަށް ގިނައިން ބުނެވިއްޖެއެވެ. އެއީ މީހާ ދެކެ ލޯބިނުވެ އޭނާ ހުރި ސިފަ ދެކެ ލޯބިވެގެން ކައިވެނިކުރާކަމެވެ. މައްސަލައަށް އޮތް ހައްލަކީ މީހާ ދެކެ ލޯބިވެގެން ކައިވެނިކުރުމެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވާލޯތްބަކީ ﷲ ތަޢާލާއަށްޓަކައި ވާލޯތްބަކަށް ހަދާނަމަ މިމައްސަލައެއް ނުޖެހޭނެއެވެ. ހިތާމައަކީ ހަމަ މިބުނީއެވެ. ކައިވެނިކުރާއިރު ހުންނަ ސިފަ ދެކެ ލޯބިވެގެން ކައިވެނިކުރާކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން