މީސްތަކުން ކުރާ ކޮންމެ އަޅުކަމަކަށްވެސް އަރިއަޅާލިޔަ ނުދީ ތެދުކުރަން 2 ޝަރުޠަކާ 3 ތަނބެއްވެއެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މީސްތަކުން ކުރާ ކޮންމެ އަޅުކަމަކަށްވެސް އަރިއަޅާލިޔަ ނުދީ ތެދުކުރަން 2 ޝަރުޠަކާ 3 ތަނބެއްވެއެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ އަޅުކަމަކަށްވެސް 2 ޝަރުޠަކާ 3 ތަނބެއްވެއެވެ! 

ފުރަތަމަ ޝަރުޠަކީ އިޚްލާޞްތެރިކަމެވެ. އެއިގެ މާނައަކީ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. ޘަވާބަށް އެދިގެންނެވެ. ދެއްކުންތެރިކަން ނުވަތަ އެނޫންވެސް އެފަދަ ނިޔަތެއް އޮވެގެން ނުވާނެއެވެ.

ދެވަނަ ޝަރުޠަކީ ކޮންމެ އަޅުކަމެއްވެސް ރަސޫލް  ގެ ސުންނާއި އެއްގޮތަށް ކުރުމެވެ. އަމިއްލައަށް ކަންކަން ބަދަލުކުރުމެއް ނެތެވެ. ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ އެކަމެއް ކުރަން ރަސޫލް  އުނގަންނަވައި ދެއްވަވާފައިވާގޮތަށެވެ. 

ދެން އޮތީ އަޅުކަމުގެ 3 ތަނބެވެ. 

ފުރަތަމަ ތަނބަކީ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ނަމާދުކުރިނަމަވެސް ޤުރްއާން ކިޔެވިނަމަވެސް ޛިކުރްކުރިނަމަވެސް އަދި އެހެން އަޅުކަމެއް ކުރިނަމަވެސް އެކަމެއް ކުރަންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. އެކަލާނގެ ލޯބިވެވޮޑިގަތުން ހޯދުމަށެވެ. އެކަލާނގެއާއި ކުއްތަންވުމަށެވެ. ހަމަ އެއާއިއެކު ކޮންމެ އަޅުކަމެއް ކުރިނަމަވެސް ކުރަންވާނީ ކުރާހިތުންނެވެ. 

ﷲ ތަޢާލާ އަށް ލޯބިވުމުގައި އެއްވެސް އިމެއްނެތެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންވީ ލޯބި އިތުރުކުރުމަށެވެ. 

ދެވަނަ ތަނބަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ބިރުވެތިކަމާއިއެކު އަޅުކަންކުރުމެވެ. ތިމާކުރާ އަޅުކަން ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރު އަބަދުވެސް ހިތުގައި ބާއްވަންޖެހޭނެއެވެ. އަޅުކަން ކުރަންވީ ގޮތަށް ކުރެވޭނީ އެއިރުންނެވެ.

ތިނންވަނަ ތަނބަކީ ތިމާކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެ އުންމީދުގައި އަޅުކަންކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އުންމީދުކުރުމަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެކެވެ.

އެހެންވެ ބައެއް ޢިލްމުވެރިން ދޫންޏެއް ސިފަކުރައްވައެވެ. ބޮލަކީ ﷲ ތަޢާލާ ދެކެ ލޯބިވުން ކަމަށެވެ. ދެ ފިޔައަކީ ﷲ ތަޢާލާއަށް ބިރުވެތިވުމާއި ﷲ ތަޢާލާގެ ރަހްމަތަށް އުންމީދުކުރުން ކަމަށެވެ. ދޫންޏަށް އުދުހެވޭނީ ބޮލާއި ދެފިޔަ ސަލާމަތުން ހުރުމުން ކަމުގައިވާތީއެވެ. 

އަހުރެން ބުނާނީ ކުރާ ކޮންމެ އަޅުކަމެއް ވެސް ފުރިހަމަވާނީ މި ބަޔާންކުރި 3 ތަނބާއި އެކުގައެވެ. ނޫންނަމަ އޮންނާނީ އަރިއަލާލައިފައެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން