ފަށްކަނޑަން ކައިވެނިކުރާ ކައިވެނި ޞައްޙަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ފަށްކަނޑަން ކައިވެނިކުރާ ކައިވެނި ޞައްޙަވާނެތޯ؟

އަޅުގަނޑުގެ ދޮންތަ އިނީ 3 ފަށްވެފައެވެ. އެކަމަކު އަދިވެސް ބޭނުންވަނީ ކުރީގެ ފިރިމީހާ އާއި ކައިވެނިކުރުމަށެވެ. އެހެންވެ އުޅެނީ ފަށްކަނޑަން ކައިވެންޏެއް ކުރާށެވެ. ފަށްކަނޑަންކުރާ ކައިވެންޏަކީ ޞައްޙަ ކައިވެންޏެއްތޯއެވެ؟  

ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ފަށް ކެނޑުން ކިޔަނީ އެއް ދެމަފިރިއަކު 1 ފަހަރު، 2 ވަނަ ފަހަރު 3 ވަނަ ފަހަރަށް ވަރިކުރުމުން އެހެން ފިރިހެނަކާއި ކައިވެނިކުރުމަށްފަހު ނޫނީ ކުރީގެ ފިރިމީހާ އާއި 4 ވަނަ ކައިވެނި ނުކުރެވޭނެތީ 3 ފަށްވުމުން އެހެން ފިރިހެނަކާއި ކައިވެނިކުރުމަށެވެ. ކުރީ ޒަމާނުގައި ފަށްކަނޑަން ކައިވެނިކޮށްދޭ ފިރިހެނުން ތިއްބެވެ. އެމީހުންގެ ނަން ކިޔައި އުޅޭނީ ނަމުގެ ކުރިއަށް ފަށްކަނޑާ ލައިގެންނެވެ. މިސާލަކަށް ފަށްކަނޑާ ޢަލީ ފަދަ ނަންނަމެވެ.  

ނަމަވެސް މިއީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. އޮތީ 3 ފަށް ވެއްޖެނަމަ އޮތީ އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. ފަށްކެނޑުމަށް ކައިވެނިކުރުމެއް ނެތެވެ. ވީމާ ފަށްކެނޑުމުގެ ބޭނުމުގައި ކައިވެންޏެއް ނުކުރެވޭނެއެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް 3 ފަށްވުމުން ދިރިއުޅެން ކައިވެނިކުރި މީހާއާއިއެކު ނުއުޅެވިގެން ވަރިކޮށްފިނަމަ ކުރީގެ ފިރިމީހާ އާއި ކައިވެނިކުރެވިދާނެއެވެ. އެކައިވެނި ހުއްދަވާނެއެވެ.   

ކޮންމެއަކަސް ފަށްކެނޑުމާއިބެހޭ މިފަދަ ޘަޤާފަތެއް ރާއްޖޭގައި އެއިރު އޮތް ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީން އެކަމަށް ހުއްދަކުރާތީ ކުރަމުން އައިކަމެއް ނޫނެވެ. އެކަމުގެ ޙުކުމް ނުއެނގޭތީ ކުރަމުން އައި ކަމެކެވެ. "ފަށްކަނޑަން ކައިވެނިކުރުމަކީ ޙަރާމްކަމެއް" ކަމަށް އެއިރު ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ކުރުން ހުއްދަ ނޫން ކައިވެންޏެއް ކުރާތީކަމަށް ބެލެވެއެވެ.  

- ލިޔުމުގައި ހިމެނޭ ދީނުގެ ޙުކުމް: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

 

މިއަދު އޮންލައިން