ކޮންމެ ދުވަހަކު 5 ނަމާދާ ސުންނަތްތައްކުރާއިރު އެންމެ ރަކްއަތެއްވެސް ޚުޝޫޢަތްތެރިކަމާއިއެކު ނުކުރެވޭކަމަށް ކަންބޮޑުވާ މީހުންނަށް މިއޮތީ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކޮންމެ ދުވަހަކު 5 ނަމާދާ ސުންނަތްތައްކުރާއިރު އެންމެ ރަކްއަތެއްވެސް ޚުޝޫޢަތްތެރިކަމާއިއެކު ނުކުރެވޭކަމަށް ކަންބޮޑުވާ މީހުންނަށް މިއޮތީ މަގެއް!

މިއަދުނޫހުގެ ކިޔުންތެރިންގެ ސުވާލުތައް އެންމެ ގިނައިން ލިބޭ އެއްކަމަކީ ނަމާދުގައި ޚުޝޫއަތްތެރިވެވޭނެ ގޮތަކާއިމެދުގައެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވުމެވެ. އެހީތެރިކަމެއް ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.  

ކުރާ ނަމާދު ނަމާދަކަށް ވަނީ ޚުޝޫޢަތްތެރި ކަމާއިއެކު ނަމާދުކުރުމުންނެވެ. އެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ސުވާލަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟  

ކޮންމެ ދުވަހަކު އަހަރެމެން ފަރުޟު 5 ނަމާދު އެބަ ކުރަމުއެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތްވެސް އެބަ ކުރަމުއެވެ. ވީމާ ޖުމުލަ ގޮތެއްގައި ކޮންމެ ދުވަހަކު 11 ނަމާދު އެބަ ކުރަމުއެވެ. ސުވާލަކީ މިތަނުން އެންމެ ނަމާދެއްވެސް ޚުޝޫޢަތްތެރިކަމާއިއެކު ކުރެވޭ ހެއްޔެވެ؟ ކޮންމެ ދުވަހަކު 11 ނަމާދުގައި 27 ރަކްއަތް ކުރާއިރު އެންމެ ކުޑަމިނުން އެންމެ ރަކްއަތެއްވެސް ޚުޝޫޢަތްތެރިކަމާއިއެކު ކުރެވޭ ހެއްޔެވެ؟  

މިކަން މިވާ ގޮތަކާއިމެދު ވިސްނަނީ ކިތައް މީހުން ހެއްޔެވެ؟ ސަބަބު ހޯދަން ވިސްނައިލަމު ހެއްޔެވެ؟

އަހަރެންނަށް ވިސްނޭ ގޮތުން މިވާގޮތަކީ އިސްލާމް ކަމުގެ ފުރަތަމަ ރުކުނާއިމެދު ފަރުވާ ކުޑަކޮށްލާފައި 2 ވަނަ ރުކުން އަދާކުރަން މަސައްކަތް ކުރެވެނީއެވެ. ތަރުތީބު އޮޅުވައިލެވެނީއެވެ.  

އިސްލާމް ކަމުގެ ފުރަތަމަ ރުކުނަކީ އީމާންކަމެވެ. ހިތުގައި ފުރަތަމަ ވަރުގަދަކުރަން ޖެހެނީ އީމާންކަމެވެ. އީމާންކަމެއް ނެތި ނަމާދުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަމާދުކުރަން އޮތް ގޮތަށް ނަމާދުކުރެވޭނީ އީމާންކަން ހިތުގައި އަށަގަނެގެންނެވެ. އީމާންކަން ނެތި ކުރެވޭނީ ކޮން ނަމާދެއް ހެއްޔެވެ؟ އީމާންކަން ނެތި ޚުޝޫޢަތްތެރި ނުވެވޭނެތީއެވެ. 

ވީމާ ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ބިރުވެތިވުމާއި އަދި ﷲ ތަޢާލާއަށް ލޯބިވުން އިތުރުކުރާށެވެ! މުންކަރާތްތަކާއި ދުރުހެލިވާށެވެ! ބުނާ ބަސްތަކާއި އަމަލުތައް ސީދާކުރާށެވެ! ތިމާ ނަމާދަށް ހުއްޓި މިހުންނަނީ ކީއްކުރަންކަން ވިސްނޭނީ މިބުނި ކަންކަން ފުރިހަމަކުރުމުންނެވެ. ތިމާ ކުރަން މިއުޅޭ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުންތަކެއް ދަންނަވަންކަން ހިތް މައްޗަށް ނުގެނެވި ކުރަން މިއުޅެނީ ކިހައިވަރެއްގެ ބޮޑުކަމެއްކަން ވިސްނޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ!  

ވީމާ ފުރތަމަކަމަކަށް ކުރަންވީ ކަމަކީ އީމާންތެރިކަން ވަރުގަދަ ކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރުމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވެވޭނީ މިކަންކަން ފުރިހަމަކުރެވުނު މިންވަރަކުންނެވެ. ނަމާދާއި މެދު ވިސްނަންވީ ޙަރަމްބަންނަ ވަގުތަކު ނޫނެވެ. މިސްކިތަށް ނަމާދަށް އަރަންވާނީވެސް ނަމާދާއިމެދު ވިސްނަމުންނެވެ. ނަމާދަށް ފެށުމުގެ ކުރިން ނަމާދާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެއިރުން ނަމާދަށް ފަށަންވާއިރު ހިތާއި ސިކުނޑި އޮންނާނީ އެކަމަށް ތައްޔާރުވެފައެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން