ޒަވާޖީޙަޔާތުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް އުފަލުގައި ދިރިއުޅުމަށްޓަކައި އެހެން މީހުންގެ ލަފާ ބޭނުންވާނެއެވެ. ސުވާލަކީ ލަފާހޯދަންވީ ކޮންބައެއްގެ ކިބައިން ހެއްޔެވެ؟ ޖަވާބަކީ ލަފާދޭން އެނގޭ މީހުންގެ ކިބައިންނެވެ.
ދެން އުފެދޭނެ ސުވާލަކީ އެއީ ކޮންބައެއް ހެއްޔެވެ؟ ޖަވާބަށް ދިއުމުގެ ކުރިން ބުނެލާނަމެވެ. ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ޙައްލުނުކުރެވި ކަންބޮޑުވުމުގައި އުޅެމުން އަންނަ މީހުންގެ ކިބައިން ލަފާ ނުހޯދާށެވެ! އަދި ކައިވެނީގައި އެކަށީގެންވާ މުއްދަތެއް ހޭދަނުކުރެވޭ މީހުންގެ ކިބައިންވެސް ލަފާނުހޯދާށެވެ!
ދެން މިބުނަނީ ލަފާހޯދަންވީ ކޮންބައެއްގެ ކިބައިން ކަމެވެ. ލަފާ ހޯދަންވީ ޖެހޭ މައްސަލަތައް ކާމިޔާބުކަމާއިއެކު ޙައްލުކޮށް އުފަލުގައި ދިރިއުޅެމުން އަންނަ މީހުންގެ ކިބައިންނެވެ. ކައިވެނީގައި ދިގުމުއްދަތެއް އުފަލުގައި ހޭދަކޮށްފައިވާ ޟީހުންގެ ކިބައިންނެވެ.
ހަމައެއާއިއެކު އިތުބާރުކުރެވޭ، ހެޔޮލަފާ އެކަކުގެ ކިބައިން ލަފާހޯދާށެވެ. ދަންނަ އެންމެންނާއި ކަންކަން ޙިއްޞާނުކުރާށެވެ. އެހެން ގޮތެއް ނެތިގެން އެކުވެރިންގެ ތެރޭގައި ހުންނަ އެންމެ އިތުރުބާރުކުރެވޭ އެކަކަށް ކަންކަން ޙިއްޞާކޮށް އެކެއްގެ ކިބައިން ލަފާހޯދުމުންވެސް މައްސަލަތައް އެބަކުރިމަތިވެއެވެ.
އެހެންކަމަށްވާއިރު ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ ކަމަށްބަލައިގެން ނަމަވެސް ގިނަ ބައަކާއި ކަންކަން ޙިއްޞާކުރުމުން ކަންކަން މެދުވެރިވަމުން އަންނަނީ ވަރަށް ހިތާމަކުރަން ޖެހޭ ގޮތަށްކަން އޮންނަނީ ތަޖުރިބާކުރަން ޖެހިފައެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.
-ހީނާ ޚާން މުޚްތާރުގެ ބަސްފުޅަކުން