ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް!: ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ދަރިން މެދުމިނުގަ ތަރުބިއްޔަތު ނުކުރުމަކީ ކުދިން ހަލާކުކުރުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް!: ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ދަރިން މެދުމިނުގަ ތަރުބިއްޔަތު ނުކުރުމަކީ ކުދިން ހަލާކުކުރުން-: މުފްތީ މެންކް

ތިމާއަކީ ކިތަންމެ ތަނަވަސް މީހަކު ނަމަވެސް ދަރިން ތަރުބިއްޔަތުކުރަން ޖެހޭނީ ލިބޭ މިންވަރަކުން ނުވަތަ ކަނޑައަޅާ ޢަދަދެއްގެ ތެރެއިން ދިރިއުޅުން ހަމަޖައްސަން ދަސްކޮށްދެވޭ އަޚްލާޤެއްގެ ތެރެއިންނެވެ. އެކަމަށް ދަރިން ހޭލުންތެރިކުރުވަންވާނެއެވެ. ކިތަންމެ އާދައިގެ ދިރިއުޅުމެއް އުޅެން ޖެހުނު ނަމަވެސް އުޅެވޭނެ ގޮތަށެވެ.

އެހެންކަމުން ފަޤީރުންވެސް ދުނިޔޭގައި އުޅޭކަން ބުނެދީ ފަޤީރުންގެ ދިރިއުޅުމާއިބެހޭ މައުލޫމާތު އެންމެ ކުޑައިރުންސުރެ ދަރިންނަށް ދޭންޖެހޭނެއެވެ! އެކުދިން އެފަދަ ހާލަތަކަށް ހޭލުންތެރިކުރުވަންވާނެއެވެ!

އަބަދުވެސް ވިސްނަންވާނީ ލިބިފައިވާ ތަނަވަސްކަން ތިމާމެންގެ ކިބައިންވެސް ގެއްލިދާނެ ކަމަށެވެ. ނިކަމެތި ހާލަތެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށެވެ. ދަރިން ތަރުބިއްޔަތު ކުރަންވާނީ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ދަރިންނަށް ތައުލީމު ދޭން މަސައްކަތްކުރާ ފަދައިން ދިރިއުޅުމުގެ ރިވެތި ސިފަތައް ދަސްކޮށްދިނުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

މިހާރަކަށް އައިސް ވަރަށް ކުޑަ ކުދިންވެސް އެންމެ އަގު ބޮޑު އެއްޗެތި ހޯދަން މައިންބަފައިން ގާތުން އެބައެދެއެވެ. އާދައިގެ ފެންވަރުގެ ތަކެތި ޤަބޫލު ނުކުރަންވެގެން އެބަ ބޮޑާ ހާކައެވެ. މިކަން މިގޮތަށް މެދުވެރިވަނީ ހަމައެކަނި އެހެން ކުދިން އެފަދަ ތަކެތި ގެންގުޅޭތީއެއް ނޫނެވެ.

އަމިއްލަ ގޭތެރެއިންވެސް އެފަދަ ކަންކަން ފެންނާތީއެވެ. މައިންބަފައިންގެ މެދުގައިވެސް އެފަދަ މައްސަލަތައް ހުންނާތީއެވެ. ދަރިންގެ ކުރިމަތީގައި އެފަދަ ވާހަކަތައް ދެކެވޭތީއެވެ. ހިތާމައާއިއެކުވެސް ބުނަން ޖެހެނީ ބައެއް މައިން އެންމެ އަގު ބޮޑު ފޯނު ނޫނީ ބޭނުން ނުކުރަން ބޮޑާހާކާތަން ދަރިންނަށް އެބަ ފެންނަ ކަމަށެވެ. ބޭނުންވާ ކަންކަން ބައްޕަ ކޮށް ނުދޭކަމުގެ ޝަކުވާގެ ވާހަކަތައް ދަރިންނާއިވެސް ހިއްޞާކުރާ ކަމަށެވެ.

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ޚާއްޞަކޮށް އަންހެންދަރިންނަށް މިފަދަ މަންޒަރުތައް ފެނި އަޑުތައް އިވުމުން އެމީހުން ކައިވެނިކުރުމަށްފަހު އެމީހުންވެސް ފިރިންގެ ކިބައިން މިފަދަ ކަންކަމަށް އެދުން ކައިރިއެވެ. ފިރިމީހާގެ ކިބައިގައި އެފަދަ ތަނަވސްކަން ނެތިއްޖެނަމަ މައްސަލަ ޖެހި ވަރިވާތަންވެސް އެބައާދެއެވެ!

މީގެ އިތުރުން ދަރިންނަށް އެންމެ އަގުބޮޑު ތަކެތި ހޯދައިދިނުމަކީވެސް ހަމަ މައްސަލައެކެވެ. އެއިރުން އެމީހުންނަށް ދަސްވެފައިހުންނާނީ ވަރަށް އަގު ބޮޑު ދިރިއުޅުމެކެވެ. ލިބޭ ފިރިމީހާއަކީ އެފެންވަރުގެ މީހަކަށް ނުވެއްޖެނަމަ ހަމަ ކުރިން ބުނި މައްސަލަތައް ކުރިމަތިވާނެއެވެ. މިފަދަ ކަންކަން މިހާރުވެސް ދަނީ ހަމަ ހިނގަމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން