މަތިން އިންޒާރެއް އައުމުން ނޫނީ ތައުބާނުވާން މަޑުކުރާ މީހާއަށް ގާތީ ތައުބާވުމުގެ ފުރުޞަތު ނުލިބުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 14ސ
މަތިން އިންޒާރެއް އައުމުން ނޫނީ ތައުބާނުވާން މަޑުކުރާ މީހާއަށް ގާތީ ތައުބާވުމުގެ ފުރުޞަތު ނުލިބުމެވެ!

އިންސާނާ އަބަދުވެސް ދުނިޔޭގައި އުޅެން ބޭނުންވަނީ އުފަލާއި އަރާމުގައެވެ. އަބަދުވެސް ބޭނުންވެގެން އުޅެނީ ފައިސާޔާ ތަނަވަސްކަމެވެ. މިދުނިޔޭގައި ދިރިއުޅެމުންދާ ގިނަ އިންސާނުން އެމީހުންގެ  ހުރިހާ ވަގުތެއް ހޭދަކުރަނީ، ނުވަތަ އެމީހުން ކުރާ ހުރިހާކަމެއް ބިނާކުރަނީ ހެޔޮ ރަނގަޅު ހަޔާތެއް ނުވަތަ އަރާމު އުފާވެރި ހަޔާތެއް ހޯދުމަށެވެ. އެހެންކަމުން ގިނަ އިންސާނުންވަނީ އެ އުފާވެރިކަން ހޯދުމަށްޓަކައި، ޣާފިލް ކަމުގެ ކަނޑެއްގައި ޣަރަޤުވެފައެވެ. އޭގެ ސަބަބުން ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުމަކީ ކޮބައިކަން ވަނީ އޮޅިފައެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި ފޮނި މީރުކަމާ ހިސާބަށް ވަނީ ވާޞިލް ނުވެވިފައެވެ.

 

ނޭނގި ނަމަވެސް ނުވަތަ ގަސްތުގައިނަމަވެސް، ގިނަމީހުން ހިތްހަމަޖެހުމާއި އުފާ ހޯދުމަށްޓަކައި އިޚްތިޔާރުކުރާ މަގަކީ ޚާލިޤްވަނަތަ ﷲގެ މަގުން އެއްކިބާވެގެންވާ މަގެވެ. އެފަދަ މީހުންނަށް ބުނެލަންއޮތީ، ތިބާ ތިވަނީ ތިބާ ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހުގެ މަތިން ހަނދާން ނައްތާލާފައެވެ. ތިބާ ތިޔަ ބޭނުންވެގެން އުޅޭ ހިތްހަމަޖެހުމާއި އުފަލަކީ ކޮންފަރާތަކުން ތިބާއަށް ދެއްވާ އެއްޗެއްކަމާމެދު ތިބާ ވިސްނާލިން ހެއްޔެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތިބާ އުރެދޭ ޙާލުވެސް އެ އިލާހު ތިބާއަށް ރިޒްޤު ތަނަވަސްކޮށްދެއްވައި، އުޅޭނެ  ހެޔޮމަގު ދައްކަވައިދެއްވައި، އެންމެހާ ގިނަގުނަ ނިޢުމަތްތައްދެއްވިކަމީ އެއިލާހު ތިބާގެ މައްޗަށް އޯގާވެރިވެ ވޮޑިގެންވާކަމުގެ ފުރިހަމަ ދަލީލެކެވެ. 

އަދި ތިބާގެ ޙަޔާތަށް  “އިސްލާހު ވެވުނު ނަމައޭ ﷲ އާއި އެއިލާހުގެ ރަސޫލަށް ބޯލެނބުނުނަމައޭ ގިނަ ހެޔޮ ޢަމަލުތަކެއް ކުރެވުނު ނަމައޭ” މިހެން ބުނާނެ ދުވަސް އަންނާނެކަން  ކަށަވަރެވެ.  ނަމަވެސް އެދުވަހަކީ ތިބާ، އެހެންބުނާ  ބުނުމަކުން ތިބާއަށް އެއްވެސް ފައިދާއެއް ކުރާނެ  ދުވަހެއްކަމުގައި  ނުވާނެއެވެ.  އެދުވަހަކީ ތިބާ މިހުރިހާ ދުވަސްވަންދެން،  އެ ދަތުރަކަށްޓައި  ތައްޔާރުވި ދަތުރު ނުވަތަ އެ ދަތުރެއްގެ މަތިން ޣާފިލްވެފައިވާ، ނިމުމެއްނުވާ ދަތުރުގެ  ކެޕްޓަން އައިސް ތިބާގެ ގޭގެ  ދޮރުގައި ޓަކިދޭ ދުވަހެވެ. އަދި ދަތުރަށް ފަށަންވެއްޖެ ކަމުގެ  ފުރަތަމަ އަދި ފަހުގެ  އިންޒާރު ދޭނެ ދުވަހެވެ. އެހިނދުން ތިބާއަށް  އެއްވެސް  ދެކޮޅުވެރިކަމެއް   ނުދެއްކޭނެއެވެ. ދުނިޔަވީ  ޤާނޫނު އާދެ! ﷲ ގެ ސުންނަތުގެމަތިން ތިބާޔަށްޖެހޭނީ އެދަތުރަށް ފަށާށެވެ.  އެއްކުރެވިފައިވާ ކޮއްތުކޮޅަކާއިގެންނެވެ. ގިނަ ކަމުގައިވިޔަސް އަދި މަދުކަމުގައިވިޔަސްމެއެވެ.  ދެވަނަ  ފުރުސަތެއް  ލިބުމަކާއި ނުލައެވެ. އަދި ހިނދުކޮޅަކަށްވިޔަސް މަޑުކުރުމެއްނެތިއެވެ. 

وَلِكُلِّ أُمَّةٍ أَجَلٌ فَإِذَا جَاءَ أَجَلُهُمْ لا يَسْتَأْخِرُونَ سَاعَةً وَلا يَسْتَقْدِمُونَ (الأعراف: 34)

"ކޮންމެ އުންމަތަކަށްވެސް އަޖަލެއް ވެއެވެ. ފަހެ،  އެބައިމީހުންގެ އަޖަލު އައުމުން، އެއްމެ ހިނދުކޮޅަކަށްވެސް އެބައިމީހުންނަކަށް ލަހެއްނުކުރައްވާ ހުއްޓެވެ. އަދި އަވަހެއްވެސް ނުމެކުރައްވާ ހުއްޓެވެ." 

މި ދިގު ދަތުރަށް ކޮންމެވެސް ދުވަހަކުން ތިބާ ފަށަންޖެހޭނެކަންދަނެ، ފުރިހަމަ ޔަޤީންކަމާއެކު ތައްޔާރުވެއްޖެނަމަ ތިބާއަށް އެއްވެސް ބިރެއްނެތެވެ. އަދި ތިބާ ތިއެދޭ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ދިރިއުޅުން މިދުނިޔޭގައިވެސް ތިބާއަށް ﷲ ދެއްވާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި އެކަމާމެދު އާދެ! ތިބާގެ މަރާއިމެދު ޣާފިލެއްގެ ގޮތުގައި ދިރިއުޅޭނަމަ ތިބާއަށް ވަނީ ބިރުވެރިކަމާއި ނާންމާންކަމެވެ. 

ހަނދާންކުރާށެވެ!  މަރަކީ އަންނާނެ އެއްޗެކެވެ.  ވަގުތު ނޭނގޭ  ބިރުހުރި އެއްޗެކެވެ. މިއަދު، މާދަން، ނޫނީ ކޮންމެވެސް ދުވަހަކުން ތިބާޔާ ބައްދަލު ކުރާނެ އެއްޗެކެވެ.  އޭ އަޚާއެވެ! އޭ އުޚްތާއެވެ!  ތިބާ ތިޔަ އިންތިޒާރުކުރަނީ ކޮން  ދުވަހަކަށްހެއްޔެވެ؟؟؟  މާދަމާޔަށް ހެއްޔެވެ؟ ނުވަތަ އަނެއް ދުވަހައް ހެއްޔެވެ؟  ތައުބާވެ ހެޔޮކަންތައް ކުރަން މާދަމާޔަށް ފަސްކުރަނީހެއްޔެވެ؟ ތިބާ ހަނދުމަ ނުކުރަނީ ހެއްޔެވެ! ތިބާ ފިކުރު ނުކުރަނީ ހެއްޔެވެ! މާދަމާޔަކީ އަންނާނެ ދުވަހެއް ނޫނެވެ.  އަބަދުވެސްވަނީ،  މިއަދެވެ.   މިވަގުތެވެ.   ތިބާގެ  މާޒީޔާ   އެކުވެފައިވާ  ފަޅި ސިކުންތަކަށްވެސް  ތިބާއަށް އެއްވެސް  ބާރެއް ނުފޯރުވޭނެއެވެ.  އަދި މުސްތަޤުބަލުގައި  ތިބާގެ ހަޔާތަށް އަންނަށް އޮތް ފަޅި  ސިކުންތްކަށްވެސް  ތިބާއަށް ބާރެއް ނުފޯރުވޭނެވެ.  ވަގުތަކީ ހަމަ މިވަގުތެވެ. މިވަގުތުގެ ބޭނުން ހިފާށެވެ. މިވަގުތުން ފެށިގެން ތައުބާވާށެވެ.  މިވަގުތުން ފެށިގެން ހެޔޮޢަމަލުތަކުގައި ދެމިހުންނާށެވެ. 

ޝައްކެއްނެތެވެ. އަޅުގަނޑުމެންމިވަނީ އަޅުގަނޑުމެންގެ ހަޔާތް ފާފަކުރުމުގައި އިސްރާފުކޮށްފައެވެ. ދެން ބާކީ އޮތީ ކިތައް އަހަރުކަމެއް، ކިތައް މަސްކަމެއް، އަދި ކިތައް ދުވަސްކަމެއްވެސް އެނގެނީ ފަހެ ކާކަށްހެއްޔެވެ. މިވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ ދެން ބޭނުންހިފޭނީ ކޮން ވަގުތެއްގެ ހެއްޔެވެ. ކިތައްމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އޯގާވަންތަ ﷲ ގެ ޙަޟްރަތައް ކުއްތަންވެ ތައުބާވުމަށް ޖެހިލުން ނުވާށެވެ. ﷲ އީ ތިބާ އަށް އެންމެ އޯގާވަންތަ ފަރާތެވެ. އެއިލާހުގެ ޙަޟްރަތުން އުންމީދުކަނޑާނުލާށެވެ.

قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ ( الزمر: 53 )

"އެބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފަކުރުމުން  އިސްރާފުކޮށްފައިވާ ތިމަންއިލާހުގެ އަޅުތަކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދުކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ،  އެންމެހާ ފާފަތައް  ފުއްސަވާ އިލާހެވެ.  ހަމަކަށަވަރުން  އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ." 

މި އާޔަތުންވެސް އަޅުގަނޑުމެންނަށް އެނގިގެން މިދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް އޯގާވެވޮޑިގެންވާ މިންވަރެވެ. ތިބާ ގެ އިޚްލާސްތެރި ތައުބާޔާމެދު އެއިލާހު އުފާވެ ވޮޑިގަންނަވާނެއެވެ. ދުނިޔެއިން އަޅުގަނޑުމެންދެކެ އެންމެ ލޯބިވާ  ފަރާތަކީ އަޅުގަނޑުމެންގެ މައިން ބަފައިންނެވެ. ނަމަވެސް ތިބާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެއިލާހު ތިބާދެކެ ލޯބިވެވޮޑިގެން ވެއެވެ. އެހެންކަމުން، އޭ ﷲ ގެ އަޅާއެވެ! އޭ އަޚާއެވެ! އޭ އުޚްތާއެވެ! އެންމެ މިނެޓަކަށްވެސް މަޑު ނުކުރާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުމަށް އަވަސްވެ ގަންނާށެވެ! އެއިލާހުގެ ރަޙްމަތާއި، ޙިމާޔަތަށް އެދޭށެވެ! ހަވާނަފުސުގެ އަޅަކަށްވެ، އަވާމެންދުރަކަށް ތަބާނުވާށެވެ! ދިންނަވާ ނަސީބުލިބި، އުފާވެރި ހަޔާތެއް ލިބޭނީ އޭރުންނެވެ.

 

- އައްޝައިޚް މުޙައްމަދު ޝާހިދު

 

މިއަދު އޮންލައިން