"ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން، މި ޖަޒީރާތަކުގައި ދިވެހިން އުޅެމުން ދަނީ ވަރަށް އަމާންކަމާއެކު. ނަމަވެސް މި ނިޢްމަތަށް ޝުކުރުކޮށް ﷲ އަށް ކިޔަމަންތެރި ވުމުގެ ބަދަލުގައި ނުކިޔަމަންތެރިކަން އިސްކޮށް ފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ. ވިސްނާށޭ ޤައުމު!"
ޝައިޚް ޙަސަން ލަޠީފްގެ މިބަސްފުޅަކީ ރާއްޖޭގައި ހިންގަމުމުން މިގެންދާ އިސްލާމް ދީނާއި ދުރު ކަންކަން ކުރުން ހުއްޓާނުލައިފިނަމަ ކުރިމަތިވެދާނެ ނިކަމެތި ޙާލަތަކަށް ބިރުގަތުމަށް ދެއްވާފައިވާ އިންޒާރެއްކަމަށް ބެލެވެއެވެ.
މިސާލަކަށް މީގެ 60،70 އަހަރުކުރީގައިވެސް ދިޔަވަރު ބޮޑުވެއްޖެނަމަ ރަށުގެ ބިންގަނޑަށްވުރެ މޫދުގެ ލޮނުގަނޑު އުފުލެއެވެ. ރާޅުވެސް ކޮންމެވެސް ވަރަކަށް އަރައެވެ. ނަމަވެސް ރަށްތަކުގައި މީހުން ދިރިއުޅެމުން މިދަނީ ސަލާމަތުންނެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ރަޙަމަތުންނެވެ.
ވީމާ ޝައިޚް ޙަސަން ލަޠީފް ދެއްވާފައި އެވަނީ ރަށްތަކުގައި ﷲ ތަޢާލާގެ ދީނާއި ދުރު ކަންކަންކޮށް ދީނަށް ނިކަމެތިކަންދޭނަމަ ކުރިމަތިލާންޖެހިދާނެ ޙާލަތުގެ ވާހަކައެވެ. އެކަމަކު އަބަދުހެން އަޑުއަހަން މިޖެހެނީ މުޖުތަމަޢުގައި މުންކަރާތްތައް ޢާންމުވަމުންދާ ވާހަކައިގެ އަޑުތަކެވެ. ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވަމުން އަންނަ ކަމުގެ ވާހަކައެވެ. ބިރެއް ނެތި ފާޙިޝް ޢަމަލުތައްކުރުން ޢާންމުވާކަމުގެ ކަންބޮޑުވުންތަކެވެ.
މިޙާލަތުން މުޖުތަމަޢު ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ފާފަތަކަށް އަރައިގަންނަ މީހުންނާއިމެދު ފިޔަވަޅުއަޅައި އެމީހުން އިޞްލާޙްކުރަން ކަމާއިބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެނޫން އެއްވެސް މަގެއް ނެތެވެ.