އެމީހާގެ ކިބައިން ކަމަކަށް ބޭނުންނުވާޙާލު ހަމައެކަނީ ﷲ އަށްޓަކާ އެމީހަކު ދެކެ ލޯބިވެ އެމީހާއަށް ޒިޔާރަތްކުރުން: ﷲ ގެ ލޯބިވެވޮޑިގަތުން ލިބި ސުވަރުގެ ވަދެވެން އޮތް ޢަމަލެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 55ސ
އެމީހާގެ ކިބައިން ކަމަކަށް ބޭނުންނުވާޙާލު ހަމައެކަނީ ﷲ އަށްޓަކާ އެމީހަކު ދެކެ ލޯބިވެ އެމީހާއަށް ޒިޔާރަތްކުރުން: ﷲ ގެ ލޯބިވެވޮޑިގަތުން ލިބި ސުވަރުގެ ވަދެވެން އޮތް ޢަމަލެއް! އިން ޝާ ﷲ

މިއަދު މީހަކު ބަލިވެ އުޅުނަސް އަދި ޢާންމު ޙާލަތުގައިވެސް އެމީހަކަށް ޒިޔާރަތްކުރުން ވެފައި މިއޮންނަނީ އެމީހާގެ ކިބައިން ބޭނުމެއް ފުދިދާނެކަމުގެ އުންމީދުގަ ކުރާ ކަމަކަށެވެ. ނަމަވެސް އެއީ އެގޮތަށް ކުރަން އޮތް ކަމެއް ނޫނެވެ. އެއީ އެއަށްވުރެ މާފައިދާ ބޮޑު ފައިދާއެއް ޙާޞިލުކުރެވެން އޮތް ކަމެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބި ސުވަރުގެ ޙާޞިލުކުރެވެން އޮތް ކަމެކެވެ.

މީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އުޅޭ އޭނާގެ އަޚާއަށް ޒިޔާރަތްކުރިއެވެ. ދެން ﷲ ތަޢާލާ އޭނާ ދަތުރުކޮށްފައިދިޔަ މަގަށްމަލާއިކަތަކު ފޮނުއްވިއެވެ. ދެން އެމީހާ އެމަލާއިކަތާއާ އަރާހަމަވުމުން އެމަލާއިކަތާ ސުވާލުކުރެއްވިއެވެ. 

"ތިބާ ތިޔަދަނީ ކޮންތާކަށްހެއްޔެވެ؟" 

އޭނާ ބުންޏެވެ. "މިރަށުގައިވާ ތިމަންނަގެ އަޚާގެ ގާތަށެވެ."

މަލާއިކަތާ ސުވާލުކުރެއްވެވިއެވެ. "އޭނާގެ ކިބައިން ތިބާ އެދޭ އެދުމެއް ވޭހެއްޔެވެ؟"

އޭނާބުންޏެވެ. "ނޫނެކެވެ. ހަމަކަށަވަރުން އަހަރެން އޭނާދެކެ ލޯބިވަނީ ހަމައެކަނި ﷲ އަށްޓަކައެވެ." 

ދެން އެމަލާއިކަތާ ވިދާޅުވިއެވެ: 

فَإِنِّى رَسُولُ اللَّهِ إِلَيْكَ بِأَنَّ اللَّهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ.

މާނައީ: "އަހަރެންނަކީ ﷲ ތަޢާލާ ތިބާ، ތިބާގެ އަޚާދެކެ ލޯބިވީތީވެ، އެފަދައިން އެއިލާހު ތިބާދެކެ ލޯބިވެ ވޮޑިގެންނަވާކަން އެންގެވުމަށް އެއިލާހު ފޮނުއްވި ބޭކަލެކެވެ." [رواه مسلم]

އަދި ޤިޔާމަތް ދުވަހު ﷲގެ ހިޔާވަހިކަން ލިބެނިވި ހަތްބާވަތުގެ މީހުންގެ ތެރޭގައިވެސް ﷲ އަށްޓަކައި ލޯބިވެއުޅުނު މީހުން ހިމެނެވެއެވެ. އަދިވެސް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. 

(( سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ اللهعز وجل – ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ )) مُتَّفَقٌ عَلَيهِ . 

މާނައީ: "ޤިޔާމަތްދުވަހުގައި ﷲ ތަޢާލާ ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބަޔަކީ، ޢަދުލުވެރި ވެރިޔާއާއި އަދި އައަޅުކަމުގެމަތީ ބޮޑުވާ ޒުވާނާއާއި އަދި މިސްކިތާ އެމީހެއްގެ ހިތް ގުޅިފައިވާ މީހާއާއި އަދި ﷲ އަށްޓަކައި ލޯބިވެ އެކަމުގެ މަތީ ޖަމާވެ އެކަމުގެ މަތީ ވަކިވެދާ ދެމީހުންނާއި އަދި ރީތި، ނަސަބުވެރި އަންހެނަކު (ނުބައިކަމަކަށް) ގޮވާލާ ހިނދު ﷲ އަށް ތިމަން ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި އަދި އެކަނިހުރެ ﷲ ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ." 

އަދިވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( إنّ الله تَعَالَى يقول يَوْمَ القِيَامَةِ : أيْنَ المُتَحَابُّونَ بِجَلالِي ؟ اليَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إلاَّ ظِلِّي )). [رواه مسلم]  

މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ ޤިޔާމަތްދުވަހު ވަޙީކުރައްވާނެއެވެ. ތިމަންއިލާހަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވި މީހުން ކޮބާ ހެއްޔެވެ؟ ތިމަންރަސްކަލާނގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހު، މިއަދު ތިމަންރަސްކަލާނގެ އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހިޔާވަހިކަން ދެއްވާހުށީމެވެ. " 

- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

މިއަދު އޮންލައިން