ކުރާ ކައިވެނިތައް ރޫޅިގެންދާތީ ކަންބޮޑުވާނަމަ ބަލައިލަންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ކުރާ ކައިވެނިތައް ރޫޅިގެންދާތީ ކަންބޮޑުވާނަމަ ބަލައިލަންޖެހޭ ކަންކަން-

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަކީ ހަމަ އަޅުގަނޑު ފަދައިން އަންހެނެކެވެ. ޢުމުރުން އަދި 30 އަހަރެއް ނުވެއެވެ. އެކަމަކު 3 ކައިވެނިކޮށްފިއެވެ. ކޮންމެ ކައިވެންޏެއްވެސް ދަނީ ފޭލްވަމުންނެވެ. އެކުވެރިޔާއަކީ އަޅުކަންކުރާ ހެޔޮލަފާ ތަޤްވާވެރިއެކެވެ. އޭނާ ކައިވެނިކުރާ މީހުންގެ ކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުން އެކުވެރިޔާ ސަލާމަތްކުރެވޭތޯ ދޭން އޮތް ނަޞޭޙަތަކީ ކޮބައިތޯއެވެ؟  

ކިޔުންތެރިޔާގެ ތިއަ ސުވާލާއި ގުޅިގެން ދަންނަވަން އޮތީ ކައިވެނި ފޭލްވާ ސަބަބު ބަޔާންކުރެއްވިނަމަ އިތުރަށް ތަފްޞީލްދޭން ފަސޭހަވީހެވެ. އެހެންކަމާއިއެކުވެސް ތިރީގައިވާ ލިޔުމުން ޙައްލެއް ފެނިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

"އިންސާނުންގެ ތެރޭގައި ކުރެވޭ މުއާމަލާތްތަކުގައި އިސްލާމްދީން އެންމެ އިސްކަމެއްދެނީ ތަޤްވާއަށެވެ. މިޘާލަކަށް ކައިވެންޏާއި ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.  

"އަންހެނަކާއި ކައިވެނި ކުރެވެނީ ހަތަރު ސަބަބަކަށްޓަކައެވެ. އެއީ: އޭނާގެ މުދާވެރިކަމަށްޓަކައި، އޭނާގެ  ޤަދަރުވެރިކަމަށްޓަކައި، އޭނާގެ ރީތިކަމަށްޓަކައި، އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރި މީހަކު އިޚްތިޔާރުކުމުން ކާމިޔާބު ޙާޞިލުކުރާހުށިކަމެވެ." 

ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘުން މީގެ އިދިކޮޅު މާނަވެސް ރަނގަޅުކަން އެނގެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެމީހެއްގެ ދީންވެރިކަމާމެދު ތިބާ ހިތްހަމަޖެހޭ މީހަކު ތިބާގެ އަންހެންދަރީގެ ކައިވެންޏަށް އެދެފިނަމަ އެދެމީހުން ކައިވެނި ކޮށްދޭށެވެ. އެފަދައިން ކަންތައް ނުކޮށްފިނަމަ މިބިންމަތީ ފަސާދަ ފެތުރިދާނެއެވެ."

އިންސާނުން އެކަކު އަނެކެއްގެ މައްޗަށް މާތްވެގެންވަނީ އެމީހެއްގެ މުދާވެރިކަމަކުން ނޫނެވެ. އަދި އެމީހެއްގެ ނަސަބުގެ ޢިއްޒަތްތެރިކަމުން ނުވަތަ އެމީހެއްގެ ކުލައަކުން ނޫނެވެ. އަދި އެމީހެއްގެ މަތީ މަގާމަކުންވެސް ނޫނެވެ. ﷲ ތަޢާލާގެ ވަޙީ ކުރައްވަނީ:  

﴿ يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا  إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ  إِنَّ اللَّـهَ عَلِيمٌ خَبِيرٌ  (سورو الحجرات ١٣)

މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ." 

ވީމާ ކައިވެނިކުރާއިރު ސިފައަށާއި ފައިސާވެރިކަމަށް ނުބަލައި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނިކޮށް ނިކަން ތަޖުރިބާކޮށްލަބަލާށެވެ. ޤުރްއާނާއި ޙަދީޘުން ފެންނަން އޮތް މަގުން ކުރިއަށްދާނަމަ ރަނގަޅު ގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ  ﷲ

 

މިއަދު އޮންލައިން