ރަށުގައި ދަރުސްތަކެއް ބާއްވަން މަސައްކަތްކުރަމުންދަނިކޮށް ކަނޑުވެ މަރުވި ޒުވާނާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ރަށުގައި ދަރުސްތަކެއް ބާއްވަން މަސައްކަތްކުރަމުންދަނިކޮށް ކަނޑުވެ މަރުވި ޒުވާނާ-

ތިރީގައި އެވަނީ ލޯންޗް އެކްސިޑެންޓެއްގައި ކަނޑުވެ މަރުވި މީހަކާއިބެހޭ ގޮތުން ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅުގެ ހަނދާން އައުކޮށްލުމުގެ ބޭނުމަކީ ދުނިޔޭގައި ހުރެވޭ މަދު ވަޤުތުކޮޅުގައި ވީހާގިނަ ހެޔޮ ޢަމަލުތައް ކުރަން ހަނޑާންކޮށްދިނުމެވެ.

ކަނޑަށް ޣަރަޤްވެ މަރުވުމަކީވެސް ޝަހީދުންގެ ދަރަޖަ ދެއްވަވާ ކަމެކެވެ. އޭނާ ޣަރަޤްވެގެންއެދިއައީ ޢަމަލަުތަކުގެ ތެރެއިން އެންމެ ހެޔޮލަފާ، މީސްތަކުންނަށް އެންމެ ފައިޑާކުރާނެ ޢަމަލެއް ކުރަން މަސައްކަތްކުރަމުން ދަނިކޮށެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން މަސައްކަތްކުރަމުން ދަނިކޮށެވެ.

މީހަކު ހެޔޮ ކަމެއްކުރަން މަސައްކަތްކުރަމުން ދަނިކޮށް އެޢަމަލު ނުކުރެވެނީސް މަރުވެއްޖެނަމަ އެމީހަކު އެޢަމަލުކުރިކަމުގެ ޘަވާބު އެމީހަކަށް ދެއްވަވާނެ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ. ޙަދީޘްފުޅުތަކުން އެކަން އެނގެން އޮތުމުންނެވެ. ވީމާ އަހުރެމެންނަށް އޮތީ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރުމާއިއެކު ވީހާގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރުމެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޝައިޚްގެ ނަބޭޙަތަށްވެސް ވިސްނަވައިލައްވާށެވެ!

އަޅުގަނޑުގެ ގާތް ރަޙުމަތްތެރިޔަކު އުޅުނު. އޭނަޔާ އަޅުގަނޑާ އެއްފަހަރަކު ދިމާވެގެން ވާހަކަ ދެކެވުނީ ރަށަކަށްގޮސް ދަރުސްތަކެއް ބާއްވަން. ދެން ފަހެ، އަޅުގަނޑުމެން އެވާހަކަ ދައްކަން، އަދި ފަހުން ބައްދަލުވެގެން އިންޝާﷲ މިކަމާބެހޭ އިތުރު ވާހަކަތައް ދައްކާނީޔޭ، މިހެން ކިޔާފަ އަޅުގަނޑުމެން އެދުވަހުގަ ވަކިވީ ސަލާންގަލާން ކޮށްފައި އިންޝާﷲ.

ދެން އެ ކަނޑައެޅިފައިވާ ދުވަހުގެ ބައްދަލުވުމަށް އެދިގެން، އެހެންނަމަވެސް އެދުވަސް އައުމުގެ ކުރިން ކުއްލިއަކަށް އަޅުގަނޑަށް ޚަބަރެއް ލިބުނީ ލޯންޗް އެކްސިޑެންޓްވި ޙާދިޘާއެއްގައި، ރިސޯޓެއްގެ، ކަނޑިންމަ ހިސާބުގަ އެ ބޭފުޅަކު ނިޔާވެއްޖެކަމަށް. ލޯންޗު ދުއްވަން އިންދަ އޭގެ އަތްގަނޑު ލުހިގެން، ދެ ލޯންޗު ޖެހިގެންގޮސް، އަތްގަނޑު ލުހި، ޑުރައިވަރު ބުރައިގެންގޮސް، އޭނާ އިނީ ކަނޑު އަޑީގަ އަތްގަނޑު ހިފައިގެންކަމަށް.

ވަރަށް ރަނގަޅު އަޚެއް، ވަރަށް ގިނަ ހެޔޮ ޚިދުމަތްތަކެއް ކުރެއްވި އަޚެއް. އާދެ އޭނާ ﷲ ގެ ރަޙުމަތުގެ ތެރެއަށް ދަތުރުކޮށް އެދިޔައީ ކޮންފަދަ ގޮތަކަށްތޯ! ބަރާބަރަށް ނަމާދުކުރޭ، ވަރަށް ރަނގަޅު އަޚެއް، އާދެ ކަނޑުއަޑީގައި ހުންނެވިކަމުގަވިޔަސް، ﷲ ސުބުޙާނަހޫވަތަޢާލާ އެ އަޚާއަށް ހެޔޮޖަޒާ މިންވަރުކޮށްދެއްވާށި. ދަޢުވަތުގެ ކަންތައްތަކަށް މަސައްކަތްކުރެއްވި އަޚެއް.

އެހެންވެ އަޅުގަނޑުމެންނަކަށް ނޭންގޭނެ އަޅުގަނޑުމެން މަރުވާނީ ކޮންވަގުތެއްގައިކަމެއް. އެހެންވީމަ އަޅުގަނޑުމެނަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް، އަޅުގަނޑުމެންނަށް މިހާރު ދިރިތިއްބާ ކުރެވޭތޯ ބެލުމަކީ ކޮންމެހެން ލާޒިމުކަމެއް، ވަރަށް މުހިއްމު ކަމެއް އެކަން އެގޮތަށް ކުރުމަކީ.

--ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން