ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރާ މީހާއަށް މާޔޫސްވާކަށް ނުޖެހޭނެ! ރަޙްމަތް ލައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތިމާގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރާ މީހާއަށް މާޔޫސްވާކަށް ނުޖެހޭނެ! ރަޙްމަތް ލައްވަވާނެ!: މުފްތީ މެންކް

ތިމާގެ އަމަލުތައް އެއް ދުވަހުން އަނެއް ދުވަހަށް އިޞްލާޙްކުރަން ކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އެގޮތުގައި މަސައްކަތްކުރާ މީހަކަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާނެތެވެ. އެގޮތަށް ކުރެވޭ މަސައްކަތްތަކަށް ކުރިއެރުން މިންވަރުކުރައްވަވާނެތެވެ.

އެންމެ ފުރަތަމަ ބަލައި ވިސްނަންވީ އެންމެ ކުޑަމިނުން ތިމާއަށް ދީނުގެ ފަރުޟުތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ! ޢާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ! މައިންބަފައިންގެ ހައްޤުތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ! ތިމާ އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އިޚްލާޞްތެރިކަމާއެކު އަދާކުރެވޭތޯއެވެ!

އެމީހަކު އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ. އެހެން މީހަކަށް ނުޖެހޭނެއެވެ. ވީމާ އެހެން މީހުން ކުރާ ކަންކަމަށް ވިސްނަން ތިމާގެ އަގުހުރި ވަގުތުތައް ބޭކާރު ނުކުރާށެވެ! ތިމާ އިޞްލާޙްކުރަން ހުރި ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ! ތިމާއަށް އިތުރު ކުރިއެރުން ލިބޭނެ ގޮތްތަކަށް ވިސްނައި އިތުރު ކުރިއެރުން ހޯދާށެވެ! ދެ ދުނިޔެ ކާމިޔާބު ކުރެވޭނީ އެއިރުންނެވެ!

ކޮންމެ ދުވަހަކުވެސް ވިސްނައިލާށެވެ! ތިބާގެ ކިބައިން އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކާއިމެދުގައެވެ. ހަމަޖެހިލައިގެން އިނދެ ވިސްނައިފިނަމަ ކޮންމެ ދުވަހަކުވެސް އިތުރު ކަންތައްތައް ފާހަގަ ކުރެވޭނެއެވެ. ފާހަގަ ކުރެވުނު ކަންކަން އިޞްލާހް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

މިއީ ވަރަށް ގިނަ ބައަކު އިހްމާލުވަމުންދާ ކަމެކެވެ. ގިނަ ބައަކު އަބަދުވެސް ބަލަނީ އަނެކާގެ ހުންނަ އުނި ސިފަތަކަށެވެ. ބަލަނީ އަނެކާގެ ކަންކަމަށް ފާޑުކިޔޭތޯއެވެ. ތިމާގެ ކިބައިގައި ވެސް އުނި ސިފަތަކެއް ހުރިކަމާއިމެދުގައި ވިސްނައިވެސް ނުލައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެނީ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ޒިންމާއަކީ އެމީހެއްގެ އަމަލުތައް އިޞްލާޙްކުރުން ކަމުގައިވާތީއެވެ. އެއަށްފަހު އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބައެއްގެ އަމަލުތައް އިޞްލާޙްކުރުވުން ކަމުގައިވާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން