އިސްލާމީ ތަރުބިއްޔަތުގެ އުޞޫލްތައް ކީރިތި ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 4މ 57ސ
އިސްލާމީ ތަރުބިއްޔަތުގެ އުޞޫލްތައް ކީރިތި ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރްއާނަކީ ﷲ ސުބްހާނަހޫ ވަތަޢާލާގެ ކަލާމްފުޅެވެ. އަޅުގަނޑުމެން އުޅެންވީ ގޮތް އެފޮތުގައި އަންގަވާފައިވެއެވެ. އެގޮތުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްޗަކީ ރަނގަޅު ތަރުބިއްޔަތެއް ނުވަތަ ރަނގަޅު އަޚްލާޤެކެވެ. 

އެގޮތުން މިލިޔުމުގައި ބަލާލާނީ އިސްލާމީ ތަރުބިއްޔަތުގެ އުޞޫލްތައް ކީރިތި ޤުރްއާނުގައި އައިސްފައިވާ ގޮތްތަކަށެވެ. 

· އަޚްލާޤީ ގޮތުން ތަރުބިއްޔަތުކުރުން: 

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ރަނގަޅު އަޚްލާޤު އަށަގަންނަވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އަދި ނުބައި އަޚްލާޤުން ރައްކާތެރިވުމަށް އަންގަވާފައިވެއެވެ.

ﷲ ތަޢާލާ ލުޤްމާން ސީރަތުގެ 18 އަދި 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾‏ وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾‏

މާނައީ: އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (18) އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ. (19) 

· ޙިއްސުތައް ތަރުބިއްޔަތުކުރުން: 

ކީރިތި ޤުރްއާނުގައި ވިސްނާ ފިކުރު ކުރުމަށް އަންގަވާފައިވެއެވެ. 

ބަޤަރާ ސޫރަތުގެ 164 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿١٦٤﴾‏

މާނައީ: "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ. "(164)

މިއަދު އޮންލައިން