ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ.
ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމެވެ. ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބުއްދަރުދާއުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "މީހަކު ޝަރުޢީ ޢިލްމު އުނގެނުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފިނަމަ ﷲ سُبْحَانَهُ وَتَعَالَى އެމީހަކަށްޓަކައި ސުވަރުގެއަށް މަގެއް ފަހި ކޮށްދެއްވައެވެ. ހަމަކަށަވަރުން، މަލާއިކަތް ބޭކަލުން ޢިލްމު އުނގެނޭ މީހާގެ ޢަމަލަށް ރުހިވަޑައިގެން އެ ބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކޮށްލައްވައެވެ. އަދި ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރެއެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތަ ނުކުރައްވައެވެ. ހަމަކަށަވަރުން އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެކެވެ."[1]
އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާނެކަން ކަށަވަރެވެ! މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެކެވެ.
މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ! އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދޭށެވެ! އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވާށެވެ! އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބަލާށެވެ!
ތިޔަ ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަންނާށެވެ! މާތް ﷲ ތިޔަ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ދަންނާށެވެ! މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަން ދަންނާށެވެ! އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއްކަން ދަންނާށެވެ!
ތިޔަ ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ދަންނާށެވެ! އެހެންކަމުން، ތިޔަ ލޮބުވެތި ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރާށެވެ!