ހިތްދަތިކަމާ ތަކްލީފް އުފުލަންޖެހިފައިވާ މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރު ހިމެނޭ ސޫރަތް-

ކިޔުމަށް ހޭދަވާނީ 2މ 39ސ
ހިތްދަތިކަމާ ތަކްލީފް އުފުލަންޖެހިފައިވާ މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރު ހިމެނޭ ސޫރަތް-

ޢާއިޝަތު ރަފާޙް ޢަލީ

 

ސޫރަތުއް ޝަރްޙް އަކީ މައްކީ ސޫރަތެކެވެ. މި ސޫރަތް ބާވައިލެއްވުނީ ހިޖުރައިގެ ކުރިން މައްކާގައެވެ. އަދި ޟުޙާ ސޫރަތުގެ ފަހުންނެވެ. 

މި ސޫރަތުގައި 8 އާޔަތް ވެއެވެ. މިސޫރަތައް އިންޝިރާޙް ސޫރަތޭވެސް ކިޔައެވެ.

މި ސޫރަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވާފައިވާ މައިގަނޑު ބައިތަކަކީ: 

· ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަފުޅު، ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެން ވާނެކަން

· ﷲ ތަޢާލާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ދެއްވި ނިޢުމަތްތައް

· ﷲ ތަޢާލާ ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ އަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އީމާންކަމުން ހިތްޕުޅު ފުރުއްވެވުމާއި، ޢިލްމާއި ޙިކްމަތުން ހިއްޕުޅު އުޖާލާކުރެއްވެވުމާއި، ކުއްފާފަތަކާއި ހަވާނަފްސުގެ އެދުންތަކުން ޠާހިރުކުރެއްވުން ހިމެނެއެވެ. 

ﷲ ތަޢާލާ ޝަރްޙް ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾‏

މާނައީ: ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ (1) 

· މި ނިޢުމަތްތައް ﷲ ތަޢާލާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ދެއްވީ މައްކާގެ މުޝްރިކުން ކުރި ދުއްތުރާ އާއި އަނިޔާއާއި އަދި އެކަލޭގެފާނުގެ ދަޢުވަތު އެބައިމީހުން ޤަބޫލު ނުކުރުމުން އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަތް ހިތްދަތި ކަމަށް ހިތްހަމަޖައްސަވާ ދެއްވުމުގެ ގޮތުންނެވެ. 

· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅު ދުނިޔެއާއި އާޚިރަތުގައި މަތިވެރި ކުރައްވާ ދަރަޖަ އުފުއްލަވާނެކަން

ﷲ ތަޢާލާ ޝަރްޙް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾‏

މާނައީ: އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. (4)

އެގޮތުން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ނަންފުޅު ޝަހާދަތުގެ ފަހު ދެކަލިމާގައާއި، ބަންގީގައި ހިމަނުއްވުން

· މައްކާގައި މުސްލިމުންނަށް މުޝްރިކުންގެ ފަރާތުން ލިބުނު ދުއްތުރާތަކުގެ ސަބަބުން ދިރިއުޅެން ޖެހުނު ދަތި ޙާލާއި، މުސްލިމުންނަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ﷲ ތަޢާލާ މި ސޫރަތުގައި ކޮންމެ ދަތިކަމަކާއި ބުރަކަމަކަށްފަހު ލުއެއް އަންނާނެކަން ހަނދުމަކޮށްދެއްވާފައިވޭ

ﷲ ތަޢާލާ ޝަރްޙު ސޫރަތުގެ 5 އަދި 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾‏ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾

މާނައީ: ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (5) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (6) 

ހިތްދަތިކަމާ ތަކްލީފް އުފުލަންޖެހިފައިވާ މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރު މިއާޔަތުގައި އެވަނީއެވެ. " ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."

 

މިއަދު އޮންލައިން