އަނބިމީހާއަށް ކަމަށްވިޔަސް ހިތުގަ ޖެހޭފަދަ ކަމެއް ކުރިނަމަވެސް އެފަދަ ބަހެއް ބުނި ނަމަވެސް ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެކަން އެމީހަކާ ބައްދަލުކުރާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަނބިމީހާއަށް ކަމަށްވިޔަސް ހިތުގަ ޖެހޭފަދަ ކަމެއް ކުރިނަމަވެސް އެފަދަ ބަހެއް ބުނި ނަމަވެސް ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެކަން އެމީހަކާ ބައްދަލުކުރާނެ!: މުފްތީ މެންކް

ބައެއް މީހުން ދުލުން ބަސްތައް ބުނެއުޅެނީ އަދި ކަންކަން ކުރަނީ އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތިއެވެ. ވިސްނައި ނުލައެވެ. ހިތަށް އެރިހައި ބަހެއް ބުނެލަނީއެވެ. ހިތަށް އެރިކަމެއް ކޮށްލަނީއެވެ. އަނެކާ ހުރި ޙާލަތަށް ބަލައިލުމެއްވެސް ނެތިއެވެ.

ބައެއް މީހުން އެހެން މީހުންގެ ހިތުގައި ޖެހޭފަދަ ބަސްތައް ބުނަނީ މާބޮޑު ކަމަކަށް ހަދައިގެނެއްވެސް ނޫނެވެ. ސަމާސައަކަށް ހަދައިގެންވެސް ބުނެފާނެއެވެ. ސަމާސަކުރަންވެސް ބަސްތައް ބުނަންވާނީ އަނެކާގެ ހިތުގައި ނުޖެހޭނެ ގޮތަށް ބަލައިގެންނެވެ. ޤަޞްދުގައި ނޫން ނަމަވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެވިއްޖެނަމަ އެކަންވާނީ އޭނާއަށް ކުރެވުނު ބޮޑު އަނިޔާޢަކަށެވެ.

އެވަޤުތަކީ ތިބާ ހިތްހަމަޖެހިލައިގެން އުފަލުގައި ހުރި ވަޤުތަކަށްވެދާނެއެވެ. ނަމަވެސް އަނެކާހުރީ ކޮން ޙާލެއްގައިކަމެއް ނުއެނގޭނެއެވެ. ކިތަންމެ ރީތި ހެދުމެއް ލައި، ކިތަންމެ މީރުވަސްދުވާ ސެންޓެއް ޖަހައިގެން އަދި މޫނުމަތިން ހިނިތުންވުން ދައްކައިގެން ހުރިނަމަވެސް އެވަޤުތަކީ ކޮންމެވެސް ކަމަކާއި ދެރަވެ ހިތުގައި ޖެހި އޭނާގެ ހިތް އަނދަމުންދާ ވަޤުތަކަށްވެސް ވެދާނެއެވެ.

މިއީ ދެމަފިރިން ކަމުގައިވީނަމަވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނުމަކީ ކުރެވޭ އަނިޔާއެކެވެ. ވީމާ ބަސްބުނަންވާނީ އެކަމަށް ވިސްނައިގެންނެވެ.

ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. އަނބިމީހާއަށް ކެއްކިފައި ހުރީ އެހައިމީރުކޮށް ނޫންކަމަށްވެދާނެއެވެ. އެވަޤުތު އަނބިމީހާއާއި ދިމާއަށް ތިބާއަކީ އެއްވެސް އެއްޗެއް މީރުކޮށް ކައްކަން އެނގޭ މީހެއް ނޫންކަމަށް ނުވަތަ ފަރުވާކުޑަކޮށް ކައްކާ މީހެއް ކަމަށް ބުނެގެން ނުވާނެއެވެ. ސަބަބަކީ ހަމައެކަކުވެސް ޤަޞްދުދުގައި ހަމައެކަކުވެސް ރަހަ ނުބައިވާ ގޮތަކަށް ނުކައްކާނެއެވެ.

އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ކަމެއްކޮށްފިނަމަ އެކަން އެނބުރި އެމީހަކާއި ދިމާއަށް އަންނާނެއެވެ. ނުއެނގެނީ އަންނާނެ ވަޤުތަކާއި އަންނަނާނެ ގޮތެކެވެ. އަދި އެވަރަކުންވެސް ނުނިމޭނެއެވެ. ޤިޔާމަތްދުވަހުވެސް އެކަން އެމީހަކާއި ކުރިމަތިލާނެއެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެއްސުމަކީ ކުޑަކަމެއްކަމަށް ހީވެސް ނުކުރާށެވެ! އެއީ ވަރަށް ބޮޑު ކަމެކެވެ.

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން