ތިމާއާ އަޅާލައި އެހީތެރިވާނެ މީހަކު ނެތްކަމަށް ވިސްނި މާޔޫސްވެވޭނަމަ ފަރުވާ މިއޮތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތިމާއާ އަޅާލައި އެހީތެރިވާނެ މީހަކު ނެތްކަމަށް ވިސްނި މާޔޫސްވެވޭނަމަ ފަރުވާ މިއޮތީއެވެ!

ފުރަތަމަވެސް ބުނެލަން އޮތީ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކުން ތިމާ ސަލާމަތްކޮށް ދެއްވެވޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާކަން އަބަދުވެސް ޔަޤީންކުރާށެވެ! އެޔަޤީންކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! އެއިރުން އެއްވެސް މީހަކު ތިބާއަށް އެހީތެރިނުވިނަމަވެސް ހިތްހަމަޖެހިގެން އުފަލުގައި ހުރެވޭނެއެވެ.

އަހަރެމެން މުސްލިމުންގެ ތެރެއިން އަޅުކަންކޮށް އުޅޭ ބައެއް މީހުންނަށްވެސް ކުރިމަތިވާ ބައެއް ކަންކަމުގެ ސަބަބުން ތިމާއަކީ އެކަނިވެރިއެއްކަމާއި އަޅައިލާނެ އެއްވެސް މީހަކު ނެތްކަމަށް ޤަބޫލުކުރެވެއެވެ. އެގޮތަށް ވިސްނެން ފެށުމުން މާޔޫސްކަން ލިބެއެވެ. އަދި ވަރަށް ގިނަ ފަހަރު އަޅުކަންކުރުމާއި ދުރުހެލިވެސް ވެއެވެ.

މިއީ ހަމަ ކޮންމެ މީހަކަށް ނަމަވެސް ދިމާވެދާނެ ޙާލަތެކެވެ. އެފަދަ ޙާލަތެއް ކުރިމަތިވުމުން އެމީހާގެ އީމާންކަން ކުޑައީ ކަމަށް ދެކެގެންވެސް ނުވާނެއެވެ. ހަމައެކަނި ކޮށްލަންއޮތް ކަމަކީ އީމާންކަން ވަރުގަދަކޮށްލަން އިތުރަށް މަސައްކަތްކުރުމެވެ. ތިމާ މިހުރީ އެކަނި ނޫންކަމާއި ﷲ ތަޢާލާ ތިމާ އާއިއެކު އަބަދުވެސް ވޮޑިގެންވާކަން ހަނދާކުރަންވީއެވެ. މިއާޔަތަށް ވިސްނައިލަންވީއެވެ. މިއާޔަތަށް ޢަމަލުކުރަންވީއެވެ!

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)

ކޮށްލަން އޮތް ކަމަކީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކޮށްލަންވީއެވެ. ވީހައި ގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރަންވީއެވެ. ﷲ ތަޢާލާ ހަނދުމަކުރުމަކީ ހަމައެކަނި ނަމާދުގައި ކުރާކަމަކަށް ނުހަދާށެވެ. ގިނަގިނައިން ޛިކުރުކުރާށެވެ. ކޮންމެ މަސައްކަތެއް ކުރަމުންވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ.

އެ ނިޔަތުގައި ތިބާ ޢަމަލުކުރަން ފަށައިފިނަމަ އިސާހިތަކު ތިބާއަކީ ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރާ އަޅަކަށްވެވިދާނެއެވެ. އެއިރުން ތިބާ ވެގެންދާނީ ތިބާގެމަތިން ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރައްވަވާ އަޅަކަށެވެ. އެޙާލަތަށް ތިމާއަށް ދެވިއްޖެނަމަ ޙައްލު ނުކުރެވޭނެ މައްސަލައެއް ނުއޮންނާނެއެވެ. އަބަދުވެސް ހުރެވޭނީ ހަމަ އުފަލުންވެސްމެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން