ޢާއިލާގެ ދެމަފިރިއަކު ނުވަތަ އެކުވެރިންގެ ތެރެއިން ދެމަފިރިއަކު ދިރިއުޅެމުން ގެންދަނީ ވަރަށް އުފަލުގައިކަމަށް ޤަބޫލުކުރެވޭނަމަ އެކަމަށް ޙަސަދަވެރިނުވެ އުފާކުރާށެވެ. އަދި ތިމާގެ ބައިވެރިޔާ ކުށްވެރިނުކުރާށެވެ. ތިމާއަށް ދިރިއުޅެންޖެހިފައިވާ ޙާލަތު ގޯސްކަމަށްވެސް ނުދެކޭށެވެ.
އެދެމަފރިންގެ މެދުގައިވެސް އަދި ކޮންމެ ދެމަފިއެއްގެ މެދުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. އެކަންކަން އެހެން މީހުންނަށް ނުއެނގެނީ ހެޔޮލަފާ ބައިވެރިން އެމީހުންގެ ބައިވެރިޔާގެ ކުށްތައް ޢާންމުނުކޮށް ފޮރުވާތީއެވެ. ސިއްރުކުރާތީއެވެ.
"ބައިވެރިޔާ ތިމާޢަށް މިވެނި ކަމެއް ކޮށްފި، މިވެނި އެވެނި ބަހެއް ބުނެފި، މިވެނިކަމެއް ކޮށެއް ނުދިން، ކަމަކު އެދުމުން ކޮށްދެނީ ވަރަށް ލަހުން" ފަދަ ވާހަކަތަކަކީ އެެހން މީހުންގެ ގާތުގައި ދައްކަން ރަނގަޅު ވާހަކަތަކެއް ނޫނެވެ. އެބާވަތުގެ ކަންކަމުގެ ވާހަކަ ދައްކަންވާނީ ދިރިއުޅުމަށް އަސަރުކުރާ ވަރަށް އެމައްސަލަތައް ހުރިނަމައެވެ. އަދި އެޙާލަތުގައިވެސް އެންމެންގެ ގާތުގައި އެފަދަ ވާހަކަތައް ނުދައްކާށެވެ. މައްސަލަ ޙައްލުކުރަން ހެޔޮލަފާ ނަޞޭޙަތެއް ދީފާނެކަން ޔަޤީންކުރެވޭ މީހެއްގެ ގާތުގައި ނޫނީ ނުދައްކާށެވެ.
ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން ޙައްލަށް އެދިގެން ސުވާލުކުރެވޭ ކަންކަމުގެ ތެރޭގައި ވަރަށް އާދައިގެ ކުދިކުދި ކަންކަންވެސް ހިމެނެއެވެ. އެފަދަ ކަންކަމުގައި ސުވާލުކުރާ މީހުންގެ ގާތުގައި އަހުރެން އަބަދުވެސް ބުނަނީ އެކަންކަމަކީ މައްސަލަތަކެއް ކަމުގައި ނުހެދުމަށެވެ. އެއީ މައްސަލަތައް ކަމުގައި ވިސްނާނަމަ އެމީހަކަށް އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމުގެ ތެރޭގައި ކަމަށްވާތީއެވެ.
އަބަދުވެސް ބުނާފަދައިން އެއްވެސް މައްސަލައެއް ނެތި ތިބެވޭނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. ދުނިޔޭގެ ޙަޔާތުގައި އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ. ވީމާ އެބާވަތުގެ ކުދިކުދި ކަންކަން ކުރިމަތިވުމުން ވިސްނާލުން އެންމެ މުހިންމީ ތިމާގެ ކިބައިގައިވެސް މައްސަލަތަކެއް ހުންނާނެކަމާއި ބައިވެރިޔާ ތިމާއާއިއެކު ދިރިއުޅެމުން އެގެންދަނީ ތިމާގެ ކިބައިގައި ހުރި މައްސަލަތަކާއިއެކުގައި ކަމެވެ.
--މަޢުލޫމާތު: ހީމާ ޚާން-މުޚްތާރުގެ ވާހަކަފުޅަކުން