ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ނަޞޭޙަތެއް!: ތިބާއަށް ޤަބޫލުކުރެވޭނަމަ ޢަމަލުކުރަން އަވަސްވެގަންނާށެވެ! އެކުވެރިންނަށް ޝެއާވެސް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ނަޞޭޙަތެއް!: ތިބާއަށް ޤަބޫލުކުރެވޭނަމަ ޢަމަލުކުރަން އަވަސްވެގަންނާށެވެ! އެކުވެރިންނަށް ޝެއާވެސް ކުރާށެވެ!

އޭ ﷲ ތަޢާލާ އެމީހަކަށް ބުއްދިއާއި ވިސްނުމުގެބާރު ދެއްވެވި އިންސާނާއެވެ. ނިކަންބުނެބަލާށެވެ! ތިބާ ކަނޑުގައި ދަތުރުކުރަނީއެވެ. ވިއްސާރަ ވިލާގަނޑުތައް ހުރީ ނަގައި ބޯމަތިކޮށްފައެވެ. ކޮންމެ ވަގުތަކުވެސް ގަދަކޮޅިގނޑެއްގައި ޖެހި ކޮންމެ ފަދަ ގޮތެއްވެސް މެދުވެރިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އެޙާލަތުގައި ތިބާ ރައްކައުތެރިކަން ނުހޯދައި ހަމަ ހަމަޖެހިލައިގެން ދަތުރުކުރަމުންގެންދާނީހެއްޔެވެ؟ ނޫންނަމަ ރައްކައުތެރިކަން ހޯދާނީހެއްޔެވެ؟

ދިރިއުޅުމަކީ ހަމަ މިފަދަ ކަމެކެވެ. ދުނިޔެއަށް އާދެވުމަށްފަހު މުޞީބާތްތައް ކުރިމަތިވާނެ ވަގުތެއް ނުއެނގެއެވެ. އަދި މަރުވާނެ ވަގުތެއްވެސް ނުއެނގެއެވެ. އެކަންކަމަށް ތައްޔާރުނުވެ ޙަޔާތުގެ ދުވަސްތައް ބޭކާރުކުރަމުން ގެންދާނަމަ ތިބާއަކީ ހުޝިޔާރު ކައްޕިތާނަކަށްވެދާނެ ހެއްޔެވެ؟ ނިކަން މިސުވާލުގެ ޖަވާބު ދީބަލާށެވެ!

އޭ ﷲ ތަޢާލާ އެމީހަކަށް ބުއްދިއާއި ވިސްނުމުގެބާރު ދެއްވެވި އިންސާނާއެވެ! އަވަހަށް ތައުބާވާށެވެ! ކޮންމެ ދުވަހަކު މަދުވެގެން 100 ފަހަރު އަސްތަޣްފިރުﷲ ހިތާއި ދުލުން ކިޔަމުންގެންދާށެވެ! ފަރުޟުތައް ބަރާބަރަށް އަދާކުރާށެވެ! ވެވުނުހާ ގިނައިން ސުންނަތްތައް ކުރަމުން ގެންދާށެވެ! ގިނަގިނައިން އަސްތަޣްފާރުކުރާށެވެ!

ފެންނަންހުރި ވިލާގަނޑުތަކުގެ އަސަރެއްނުކޮށްވެސް ހިނގައިދާނެއެވެ. ވިލާގަނޑުގެ ކޮޅިގަނޑުގައި ޖެހިފައި ސަލާމަތްވެސް ވެދާނެއެވެ. ތައްޔާރުވާންވީ ޔަޤީންކަމާއިއެކު ކުރިމަތިވާނެ ކޮޅިގަނޑަށެވެ. އެއީ މަރުވުމެވެ. ބަރުޒަޚުގެ ޢާލަމެވެ. ޤިޔާމަތްދުވަހެވެ. މަޙްޝަރުގެ މައިދާނެވެ. ތިމާގެ ޢަމަލުތައް މީޒާނުގައި ކިރޭނެ ވަގުތެވެ. އެއްވެސް އެހީތެރިއަކު ނެތި ތިމާއެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާންޖެހޭނެ ވަގުތެވެ.

އަހުރެން މިދެއްކި ވާހަކައާއި ދެއްކި މިސާލުތަކާއި ދިން ނަޞޭޙަތް ތިބާއަށް ޤަބޫލުކުރެވޭނަމަ ޢަމަލުކުރަން އަވަސްވެގަންނާށެވެ! އަދި އެކުވެރިންނަށް ޝެއާވެސް ކުރާށެވެ! އެކަމުގެ ރަޙްމަތް ތިބާއަށް ލައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން