ފާފައެއް ނުކޮށް ދޫކޮށްލާއިރު އެކަމުން ތިމާއަށް ޘަވާބު ލިބޭނެ ގޮތަށް އެކަން ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ފާފައެއް ނުކޮށް ދޫކޮށްލާއިރު އެކަމުން ތިމާއަށް ޘަވާބު ލިބޭނެ ގޮތަށް އެކަން ކުރާށެވެ!

މީހަކު ފާފައެއް ނުކޮށް ދޫކޮށްލާނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ޙާލަތެއްގައެވެ. 

އެންމެ ފުރަތަމަ ޙާލަތް : އެއީ ﷲ ތަޢާލާއަށް ބިރުން ފާފަ ނުކޮށް ދޫކޮށްލުމެވެ. 

މި ޙާލަތުގައި އެ ފާފަނުކޮށް ދޫކޮށްލުމުގެ ސަބަބުން އޭނާއަށް އަޖުރު ލިބޭނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ.  (  ތިމަން އިލާހަށްޓަކައި އޭނާ އެކަން ( އެބަހީ : އެ ފާފަ ) ނުކޮށް ދޫކޮށްލައިފިނަމަ، އެކަން އެއީ އޭނައަށްޓަކައި ހެޔޮކަމެއް ކަމުގައި ލިޔުއްވާށެވެ… ) 

رواه البخاري   

ދެވަނަ ޙާލަތް : 

މީސްތަކުންނަށް ދެއްކުންތެރިކަމުގެ ގޮތުން ނުވަތަ މީސްތަކުންގެ މަދަހަ ޘަނާ ލިބުމަށް އެދި އެ ފާފައެއް ނުކޮށް ދޫކޮށްލުމެވެ. މި ޙާލަތުގައި އެ ފާފަ ދޫކޮށްލުމުގެ ސަބަބުން، އެއްވެސް އަޖުރެއް ނުލިބޭނެއެވެ. ނަމަވެސް އޭގެ ސަބަބުން އޭނާ ފާފަ ވެރިވުންވެސް އެކަށީގެންވެއެވެ. އެހެނީ ފާފައެއް ކުރެވެން އޮށްވާ ނުކޮށްދޫކޮށްލުމަކީ އަޅުކަމެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަނބުރާލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ:  

"ފާފައެއް ކުރުމަށް ހިތައް އެރުވުމަށްފަހު، މަޚްލޫޤުންތަކަކަށް ބިރުން ނުވަތަ ދެއްކުންތެރިކަމުގެ ގޮތުން އެ ޢަމަލެއް ނުކޮށް ދޫކޮށްލައިފިނަމަ، ބުނެވެއެވެ: މިފަދަ ނިޔަތެއްގައި އޭނާ އެ ފާފަ ނުކޮށް ދޫކޮށްލައިފިނަ(ނިޔަތުގެ ސަބަބުން) އޭނައަށް ޢަޒާބު ލިބޭނެއެވެ. އެހެނީ ﷲ ތަޢާލާއަށް ގަންނަން ޖެހޭ ބިރަށްވުރެ، މަޚްލޫޤާތްތަކުންނަށް ގަންނަ ބިރު އިސްކުރުން ހުއްދަވެގެން ނުވެއެވެ. ހަމަ އެފަދައިން މަޚްލޫޤާތްތަކުންނަށް ދެއްކުތެރިވުމުގެ ޤަޞްދުގައި އެކަން ކުރުމަކީވެސް ޙަރާމްކަމެކެވެ. ފާފައެއް ދޫކޮށްލުން މިފަދަ ކަމަކާއި(މީސްތަކުންނަށް ބިރުންނާއި ދެއްކުންތެރިކަމާއި) ގުޅުވާލައިފިނަމަ އެ ދޫކޮށްލުމުން އޭނާއަށް ޢުޤޫބާތްލިބޭނެއެވެ. "

- جامع العلوم والحكم

އިބްނުލް ޤައްޔިމުލް ޖަވްޒިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ.  

"ދެވަނަ ޙާލަތަކީ : އެފާފަ ނުކޮށް ދޫކޮށްލާމީހާ، ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށްޓަކައި ދޫކޮށްލާ ދޫކޮށްލުމެވެ. މިއީ، މިކަން ނުކޮށް ދޫކޮށްލާ މީހާއަށް ޢުޤޫބާތް ލިބޭނެއެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ޢަމަލެއް(އަޅުކަމެއް) ކުރާމީހަކަށް ޢުޤޫބާތްލިބޭ ފަދައިންނެއެވެ. ފަހެ ހަމަކަށަވަރުން އެ ދޫކޮށްލި ދޫކޮށްލުމަކީ، ނުވަތަ އެ މަނާވެގަތް މަނާވެގަތުމަކީ ހިތުގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް އަނބުރާލުމަކީ ޢުޤޫބާތް ޙައްޤުވެގެންވާ ކަމެކެވެ.  "

شفاء العليل 

ތިންވަނަ ޙާލަތް : 

އެއީ މީސްތަކުންނަށް ލަދުން ފާފައެއް ނުކޮށް ދޫކޮށްލުމެވެ. މި ގޮތައް ދޫކޮށްލުމަކީ އޭނާގެ މައްޗަށް އެއްވެސް ފާފައެއް އޮތްކަމެއްނޫނެވެ. ނަމަވެސް އެ ދޫކޮށްލުމުގައި ޝަރުޢީ މަޤުޞަދެއް އެކުލެވިގެންވާނަމަ ފަހަރުގައި އެކަމަށް ޘަވާބުވެސް ލިބިދާނެއެވެ. މިޘާލަކަށް ދީނުގެ ދަޢުވަތުގައި  އުޅުއްވާ ދާޢީންނަށް ނުވަތަ ދީނުގެ އަހުލުވެރިންނަށް ނުވަތަ ދީނަށް ހުތުރު ލިބިދާނެކަމަށްޓަކައި(  މީސްތަކުންނަށް ލަދުން ) އެކަމެއް ނުކޮށް ދޫކޮށްލުމެވެ. 

މިޙާލަތާއި ، ކުރިން ބަޔާންވެ ދިޔަ ދެވަނަ ޙާލަތުގެ ތަފާތު ” شفاء العليلص 170  ގައި އަލް އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. 

ހަތަރުވަނަ ޙާލަތް : 

އެ ފާފަ ކުރުމަށް ޝައުޤުވެރިކަމެއް ނެތުމުގެ ސަބަބުން، އެކަން ނުކޮށް ދޫކޮށްލުމެވެ. މި ޙާލަތުގައި އޭނަ އެ ފާފަ ނުކޮށް ދޫކޮށްލަނީ ﷲ ތަޢާލާއަށް ބިރުވެތިވެގެންނެއްވެސް ނޫނެވެ. އަދި އެއްވެސް މަޚްލޫޤަކަށްޓައެއްވެސް ނޫނެވެ. މިގޮތުން ފާފަ ދޫކޮށްލިޔަސް އެއްވެސް އަޖުރެއް ލިބުމެއްނެތެވެ. އަދި ފާފަވެރިއެއްވެސް ނުވާނެއެވެ. 

ޝެއިޚުލް އިސްލާމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ:  

" މިއީ ނުބައިކަމެއް ކުރުމަށް ހިތަށް އެރުވުމެވެ : އެއްގޮތަކީ އޭނާ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަން ނުކޮށް ދޫކޮށްލުމެވެ. އަނެއްގޮތަކީ އެނޫން އެހެން ސަބަބެއް މެދުވެރިވެގެން އެކަން ނުކޮށް ދޫކޮށްލުމެވެ. ޙަދީޘްގައި އައިސްފައިވާ ފަދައިން ﷲ ތަޢާލާއަށްޓަކައި އެ ފާފަ ނުކޮށްދޫކޮށްލައިފިނަމަ ، ފުރިހަމަ ހެޔޮކަމެއްގެ އަޖުރު އޭނާއަށްޓަކައި ލިޔުއްވައެވެ. އަދި އެހެން ޙަދީޘެއްގައި އައިސްފައިވާ ފަދައިން އެނޫން ސަބަބަކަށްޓަކައި (އެ ފާފައާއި ހަމައަށް ވާސިލުވެވޭނެ މަގު ކޮންމެވެސް ގޮތަކުން ބަންދުވެގެން) އެ ފާފަ ނުކުރެވިއްޖެނަމަ އޭނާއަށްޓަކައި ފާފައެއް ނުލިޔުއްވައެވެ. "

مجموع الفتاوى 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން