ނަމާދުގަ އަލްޙަމްދު ކިޔަވާއިރު ކޮންމެހެން އެނގެން ޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 26ސ
ނަމާދުގަ އަލްޙަމްދު ކިޔަވާއިރު ކޮންމެހެން އެނގެން ޖެހޭ ބައެއް ކަންކަން-

ބިންމިﷲ އަކީ އަލްފާތިޙާ ސޫރާތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯ؟  

މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ވަނީ ޚިލާފުވެވަޑައިގެންފައެވެ. 

އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ: بسم الله އަލްފާތިޙާ ސޫރަތުގެ އާޔަތެކެވެ. އަދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަލްފާތިޙާ އާއި އެކު بسم الله ވެސް އަޑުހަރުކޮށް ކިޔަވަންވާނެއެވެ. އަދި بسم الله ނުކިޔަވާ ކަމުގައި ވަނީނަމަ ނަމާދު ޞައްޙަވެސް ނުވާނެކަމުގައި އެބޭކަލުން ދެކެވަޑައިގަންނަވައެވެ. އެހެނީ އެބޭކަލުންގެ ގާތުގައި އެއީ އަލްފާތިޙާގެ އާޔަތެކެވެ. 

އަދި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ: بسم الله އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫނެވެ. އެހެން ނަމަވެސް އެއީ ﷲ ގެ ފޮތުގައިވާ މުސްތަޤިއްލު އާޔަތެކެވެ. މި ބަސްފުޅަކީ މިއީ ޙައްޤު ބަހެކެވެ. ނައްޞުންނާއި ސޫރަތުގެ އާޔަތްތައް ބާވައިލައްވާފައިވާ ގޮތުން ނުވަތަ ސިޔާޤުން ވެސް މިބަހަށް ދަލީލު ލިބެއެވެ. 

ނައްޞުގެ ދަލީލް: އަބޫ ހުރައިރާ ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ. 

قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ،  فَإِذَا قَالَ {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} [الفاتحة: 2]، قَالَ اللهُ تَعَالَىحَمِدَنِي عَبْدِي، وَإِذَا قَالَ: {الرَّحْمَنِ الرَّحِيمِ} [الفاتحة: 1]، قَالَ اللهُ تَعَالَىأَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ: {مَالِكِ يَوْمِ الدِّينِ}، قَالَمَجَّدَنِي عَبْدِي فَإِذَا قَالَ: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} [الفاتحة: 5] قَالَ الله تعالىهَذَا بَيْنِي وَبَيْنَ عَبْدِي نصفين، وإذا قال  ( اهدنا الصراط المستقيم ) قال الله تعالىهذا لعبدي وَلِعَبْدِي مَا سَأَلَ 

މާނައީ: "ތިމަން އިލާހާއި ތިމަން އިލާހުގެ އަޅާއާ ނަމާދު (އެބަހީ: އަލްފާތިޙާ) ދެ ބަޔަކަށް ބެއްސެވީމެވެ. އަޅާ ( الحمد لله رب العالمين )  އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ ތިމަންއިލާހަށް ޙަމްދުކޮށްފިއެވެ. އަދި އަޅާ (الرحمن الرحيم އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހުގެ މައްޗަށް ޘަނާކިޔައިފިއެވެ. އަދި އަޅާ (مالك يوم الدينއޭ ކިޔެވުމުން ﷲ ތަޢާލާ ވަހީކުރައްވާނެއެވެ. ތިމަންއިލާހުގެ އަޅާ ތިމަންއިލާހު މަތިވެރިކޮށްފިއެވެ. އަދި އަޅާ ( إياك نعبد و إياك نستعين ) އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. މިކަންތައް މި ވަނީ ތިމަންއިލާހާއި ތިމަން އިލާހުގެ އަޅާއާއި ދެމެދުގައި ދެބަޔަކަށް ބެހިގެންނެވެ. އަދި އަޅާ  اهدنا الصراط المستقيم )  އޭ ކިޔެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. މިކަން މިވަނީ ތިމަން އިލާހުގެ އަޅާއަށްޓަކައެވެ. އަދި ތިމަން އިލާހުގެ އަޅާއަށް އެއަޅާ އެދުނުކަމެއް ހުއްޓެވެ." 

މި ޙަދީޘަކީ بسم الله އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫންކަމަށް ދަލީލްކޮށްދޭ ނައްޞެކެވެ. އަދި ޞަޙީޙުގައި އަނަސް ބުން މާލިކް ރަޟިޔަﷲޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

صَلَّيْتُ خَلَفَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ، وَعُمَرَ، وَعُثْمَانَ، فَكَانُوا يَسْتَفْتِحُونَ بِالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ)، لَا يَذْكُرُونَ {بِسْمِ اللهِ الرَّحْمَنِ الرَّحِيمِ} [الفاتحة: 1] فِي أَوَّلِ قِرَاءَةٍ وَلَا فِي آخِرِهَا  

މާނައީ:  ނަބިއްޔާ صلى الله عليه و سلم އާއި އަބޫ ބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާންގެފާނުގެ ފަހަތްޕުޅުގައި ތިމަންކާލޭގެފާނު ނަމާދުކުރެއްވީމެވެ. ނަމާދު ފައްޓަވާއިރު އެބޭކަލުން ފައްޓަވަނީ ( الحمد لله رب العالمين )  މި އާޔަތުންނެވެ. އޭބޭކަލުން ކިޔަވަން ފެއްޓެވުމުގެ ކުރިންވެސް އަދި ފަހުންވެސް (އެބަހީ: އަލްފާތިޙާ އަށް ފަހު ކިޔަވާ ސޫރަތް ކިޔެވުމުގެ ކުރިންވެސް) بسم الله الرحمن الرحيم  ޒިކުރުނުކުރައްވައެވެ. " 

މިތަނުގައި ޒިކުރުނުކުރައްވައޭ ވިދާޅުވުމުގެ މުރާދައަކީ އެބޭކަލުން އަޑުހަރުކޮށް بسم الله الرحمن الرحيم ކިޔަވާވިދާޅުނުވާކަމެވެ. އެހެންކަމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި بسم الله الرحمن الرحيم  އަޑުހަރުކޮށް ނުކިޔަވާ އަލްފާތިޙާ ސޫރަތް އަޑުހަރުކޮށް އެބޭކަލުން ކިޔަވާވިދާޅުވުމުން އެނގިގެންދަނީ بسم الله الرحمن الرحيم  އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫންކަމެވެ. އެބޭކަލުން މި ދެ އެތި ތަފާތު ކުރެއްވުމުން ދޭހަކޮށްދެނީ މިކަމެވެ. 

އާޔަތްތައް އައިސްފައިވާ ގޮތަށް ބަލާލައިރު އާޔަތްތަކުގެ މާނައަށް ބާލައިރު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާގޮތުގައި އަލްފާތިޙާގައިވަނީ ހަތް އާޔަތެވެ. (ކުރީގައި ބަޔާންވެދިޔަ ޤުދުސިއްޔާ ޙަދީޘް) قسمت الصلاة بيني و بين عبدي نصفين… މި ޙަދީޘްގައި ވާފަދައިން ތިބާ އަލްފާތިޙާ ސޫރަތް ދެބަޔަކަށް ބަހަން މަސައްކަތްކޮށްފިނަމަ އޭގެ މެދަށް ވަނީ إياك نعبد و إياك نستعين މި އާޔަތެވެ. އޭރުން ( الحمد لله رب العالمين )    ވަނީ ފުރަތަމަ އާޔަތަށެވެ. (الرحمن الرحيم ވާނީ ދެވަނަ އާޔަތަށެވެ. (مالك يوم الدينވާނީ ތިންވަނަ އާޔަތަށެވެ. މި ތިން އާޔަތުގައި ޒިކުރުކުރެވިގެން މިވަނީ މުޅިންވެސް ﷲ ގެ ޙައްޤުތަކުގެ ވާހަކައެވެ. އަދި ހަތަރު ވަނައާޔަތަކަށް ވަނީ ( إياك نعبد و إياك نستعين ) މި އާޔަތެވެ. މާނައީ: ( އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބަ އިލާހަށެވެ. އަދި ވާތްގަށް އެދެނީވެސް ހަމައެކަނި އިބައިލާހުގެ ހަޟުރަތުންނެވެ.) މިއީ މެދު އާޔަތެވެ. އެހެންކަމުން މި އާޔަތް 2 ބަޔަކަށް ބެހިގެންވެއެވެ. މިއާޔަތުގެ ފުރަތަމަކޮޅުގައި ވަނީ ﷲ ގެ ޙައްގެއްގެ ވާހަކައެވެ. އަދި ފަހުބައިގައި ވަނީ އަޅާގެ ޙައްޤެކެވެ.  ދެން އެއަށްފަހު އަންނަނީ ( اهدنا الصراط المستقيم ) އެވެ. މާނައީ: ( އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ.) މި އާޔަތަކީ އަޅާއަށްވާ އާޔަތެކެވެ. އަދި ދެން އަންނަނީ ( صراط الذين أنعمت عليهم ) މި އާޔަތެވެ. މާނައީ: ( އެއީ އެއުރެންނަށް އިބައިލާހު ނިޢުމަތްދެއްވެވި މީހުންގެ މަގެވެ.) މިއާޔަތްވެސް ވަނީ އަޅާއަށެވެ. ދެން އެއަށްފަހު އަންނަނީ ( غير المغضوب عليهم و لا الضالين ) މި އާޔަތެވެ. މާނައީ: ( އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެވެ.) މި އާޔަތްވެސް ވަނީ އަޅާއަށެވެ.

އެހެންކަމުން އަލްފާތިޙާ ގައި ހިމެނެނީ ﷲ އަށް ވާ ތިން އާޔަތެވެ. އެއީ ފުރަތަމަ ތިން އާޔަތެވެ.  އަދި އަޅާއަށް ވާ ތިން އާޔަތެވެ. އެއީ ފަހު ތިންއާޔަތެވެ. އަދި ﷲ އާއި އަޅާ އަށް ވާ އެއް އާޔަތެވެ. އެއީ މެދު އާޔަތެވެ. އެއީ ހަތަރުވަނަ އާޔަތެވެ. 

ދެން އެއަށްފަހު އާޔަތްތައް އައިސްފައިވާ ގޮތަށް ބަލާއިރު، އާޔަތުގެ ލަފްޒުތައް އައިސްފައިވާ ގޮތަށް ބސލާއިރު بسم الله الرحمن الرحيم   އަކީ އަލްފާތިޙާ ސޫރަތުގެ ފުރަތަމަ އާޔަތްކަމުގައި ބަލައިފިކަމުގައި ވަނީ ނަމަ އެ ސޫރަތުގެ ފަހު އާޔަތް ދެ އާޔަތުގެ ދިގުމިނަށް  ދިގުވެގެން އެބަދެއެވެ. އެހެންނަމަވެސް ޢިލްމުވެރިންގެ މެދުގައި އެނގިގެންވާ ގޮތުގައި އަޞްލަކީ ޢާޔަތްތައްތަކުގެ ދިގުމިނާއި ކުރުމިނުގައި އެއްގޮތްވެގެންވުމެވެ.

އެހެންކަމުން އެއްވެސް ޝައްކެތްނެތްގޮތުގައި އެންމެ ރަނގަޅުގޮތަކީ بسم الله الرحمن الرحيم   އަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްކަމުގައި ނުވުމެވެ. އަދި އެހެން ސޫރަތްތަކުގެ އާޔަތެއްކަމުގައިވެސް ނުވުމެވެ.

=ނުނިމޭ= 

އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެ

 

މިއަދު އޮންލައިން