ބައިވެރިޔާއަށް ކަރުނައަޅަން ޖައްސުވާފަ، ފަހުން ތިމާއަށް ކުރެވުނީ ކުށެއްކަން ވިސްނި ކަރުނަފުހެދޭން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ބައިވެރިޔާއަށް ކަރުނައަޅަން ޖައްސުވާފަ، ފަހުން ތިމާއަށް ކުރެވުނީ ކުށެއްކަން ވިސްނި ކަރުނަފުހެދޭން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެ!

ނުހަނު ލޯބިން ކުރާ ކައިވެނިތައް ރޫޅި ޒަވާޖީ ޙަޔާތް ބަރުބާދުވެގެންދާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން މިފާހަގަކޮށްލަނީ އަހުރެންނަށް އެންމެ ޢާންމު ސަބަބު ކަމުގައި ފާހަގަކުރެވޭ ސަބަބުގެ ވާހަކައެވެ.

އެއީ ފަހުން ހިތާމަކުރަންޖެހިދާނެ ކަންކަން ކުރެވުމެވެ. ފަހުން ހިތާމަކުރަންޖެހިދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ބަހެއްވެސް ނުބުނުމަށް ރަސޫލް ﷺ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އެހެންކަމާއިއެކުގައިވެސް ގިނަ ބައަކަށް އެކަމަށް ސަމާލުކަމެއް ނުދެވެއެވެ.

ކިރިޔާ ކަމެއް ދިމާވާއިރަށް ކަމުގެ ޙަޤީޤަތްވެސް ބެލުމެއް ނެތި ރުޅި އިސްކުރެވެއެވެ. ދުލުން ނުބައިބަސްތައް ބުނެވެއެވެ. ބައެއްފަހަރު އަތްވެސް އިސްކުރެވެއެވެ. ކަމުގެ ހަޤީޤަތް އެނގޭއިރު އޮންނަނީ ކުރެވުނު ކަންތަކާއިމެދު ހިތާމަކުރަންޖެހިފައެވެ. މާފަށް އެދެންވެސް ލަދުގަންނަ ހިސާބަށް ކަންކަން ގޮސްފައެވެ.

ދެން ބަލައިލަންވީ ފަރުވާކުޑަކުރެވުމަށާއި ބޭވަފާތެރިވުމަށެވެ. ބައިވެރިޔާ އެދޭ ކަންކަން ކޮށްދިނުމުގައި ފަރުވާކުޑަކުރުމަކީ ހަމަ ވަރަށް ގިނައިން ކުރެވޭ ކަމެކެވެ. އެކަންވެސް އެގޮތަށް ކުރަނީ ފަހުން ހިތާމަކުރަންޖެހިދާނެކަމަށް ބެލުމެއް ނެތިއެވެ. އަދި ގިނަ ފަހަރު އެކަކު އަނެކަކަށް ބޭވަފާތެރި ޢަމަލުތައް ކުރެވެނީވެސް ފަޅާއަރައިފިނަމަ ހިތާމަކުރަން ޖެހޭނެ ކަމަށް ބަލައިލުމެއް ނެތިއެވެ. ގިނަ ކައިވެނިތައް ރޫޅުމުން ފަހުން ހިތާމަކުރަންޖެހޭ ސަބަބަކަށް މިބަޔާންކުރި ކަންކަން އޮންނަނީވެފައެވެ.

ވީމާ ޙަދީޘްފުޅުގައިވާ ފަދައިން ފަހުން ހިތާމަކުރަންޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. އެފަދަ ބަސްތައްވެސް ނުބުނާށެވެ. އެކަމަކީ ޒަވާޖީ ޙޔާތަށް އުފާވެރިކަން ލިބިގެންދާނެ ކަމެއްކަމުގައިވެގެންދާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން