އަނބިމީހާ ވަކިން ގެންގުޅެވެން ނެތިގެން ތިބާގެ ޢާއިލީ ގޭގައި އަނބިމީހާ ގެންގުޅުނަސް އަނބިމީހާއަކީ އެޢާއިލާގެ އެންމެނަށް ޚިދުމަތްކުރާ ނޯކަރަކަށް ނުހެދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އަނބިމީހާ ވަކިން ގެންގުޅެވެން ނެތިގެން ތިބާގެ ޢާއިލީ ގޭގައި އަނބިމީހާ ގެންގުޅުނަސް އަނބިމީހާއަކީ އެޢާއިލާގެ އެންމެނަށް ޚިދުމަތްކުރާ ނޯކަރަކަށް ނުހެދޭނެ!

ކައިވެނިކުރުމަށްފަހު އަނބިމީހާ ގޮވައިގެން ވަކިން ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން ނޫނީ މައިންބަފައިންނާއިއެކު ދިރިއުޅެން މަސައްކަތްނުކުރާށެވެ. ފުރަތަމަ ފެށޭނީ ވަރަށް ލޯބިންނެވެ. ދުވަސްވާވަރަކަށް ކަންކަން ގޯސްވަމުން ގޮސް ލޭއޮހޮރުވާ ހިސާބަށް ކަންކަން ދަނީ މަދަކުންނޫނެވެ!  

ކައިވެނިކުރުމަށްފަހު އިންނާނެ ތަނެއް ދެއްކުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަން ނުކޮށް ޢާއިލާގެ ތެރޭގައި ގެންގުޅެން ޖެހުމުން ކަންކަން ގޯސްވެ ފިތުނައަކަށްވުމުން އަނބިމީހާ ކުށްވެރިނުކުރާށެވެ! ކުށްވެރިއަކީ އަނބިމީހާ އިންނާނެ ތަނެއް ނުދެއްކުނު ފިރިމީހާއެވެ.  

މިކަމުގައި އެންމެ ބޮޑަށް ކުރިމަތިވާ މައްސަލައަކީ އަނބިމީހާ އާއި ތިމާގެ ޢާއިލާގެ މީހުންނާއި މައްސަލަ ޖެހުމުން އަނބިމީހާ ކުށްވެރިކުރެވޭކަމެވެ. އެއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ. ތިމާގެ ސަބަބުން ގޯސްގޮތެއް މެދުވެރިވުމުން އެހެން މީހަކު ކުށްވެރިކުރުމަކީ ކިހައި ބޮޑު ބޭއިންޞާފެއް ހެއްޔެވެ؟ 

ވީމާ އަނބިމީހާއަށް ބޯހިޔާވަހިކަން ދެވެން ނެތިގެން ތިމާގެ ޢާއިލާއާއިއެކުގައި ގެންގުޅޭނަމަ ތިމާގެ ޢާއިލާގެ މީހުން ރުއްސަން އަނބިމީހާ ކުށްވެރިކޮށް ނިކަމެތިކުރުމަކީ ހިންގާ ވަރަށް ބޮޑު ޖަރީމާއެކެވެ. ވީމާ އެޙާލަތުގައި މައްސަލައެއް ޖެހުނަސް ޙުކުމް އިއްވަންޖެހޭނީ ޢާއިލާގެ މީހުން ރުއްސާކަށް ނޫނެވެ. އިންޞާފުންނެވެ.  

ތަކުރާރުކޮށް ބުނެލާނަމެވެ. ތިބާއަށް އަނބިމީހާ ވަކިން ގެންގުޅެވެން ނެތިގެން ތިބާގެ ޢާއިލީ ގޭގައި އަނބިމީހާ ގެންގުޅުމަކީ އަނބިމީހާއަކީ ތިބާގެ ޢާއިލީ ގޭގެ ނޯކަރަކަށް ވާންޖެހެންވީ ސަބަބެއް ނޫނެވެ. އަނބިމީހާއަށް ޚިދުމަތްކުރަން ވާޖިބުވާނީ ފިރިމީހާއަށެވެ. ފިރިމީހާގެ ޢާއިލާގެ އެންމެންނަކަށް ނޫނެވެ! 

ވީމާ ގޭގެ އެންމެންނަށް ކައްކައިނުދީގެން އެންމެންގެ އެއްޗެތި ދޮވެނުދީގެން ނުވަތަ އިސްތިރިކޮށްނުދީގެން ނުވަތަ މުޅިގެ ސާފުނުކޮށްގެން އަނބިމީހާދެކެ ރުޅި އައުމުގެ އެއްވެސް ޙައްޤެއް ފިރިމީހާއަކަށް ނުއޮންނާނެއެވެ. އަދި އަނބިމީހާ ފިރިމީހާގެ ޢާއިލާއަށް ޚިދުމަތްކުރާނަމަ އެއީ އޭނާގެ ރަނގަޅުކަމެވެ. އެކަމަށް އޮތީ ޝުކުރުވެރިވުމެވެ. މަޖުބޫރުކުރުމެއް ނެތެވެ.  

މަޢުލުމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން