ގެފުޅު މުގުރާލާނެ، އަބްރަހަތުލްއަޝްރަމްގެ ޢާއިލާއިން ނުކުންނަމީހަކު ޤުއްޞުވެޤަތައިނި އެވެކިޔާމީހަކު ނިކުމެ މުޅޯއެއް ހިފައިގެން އައިސް ހަމަ ގަލަކުން ގަލަކުން މިހެން ޖަހާ ކަޢުބަތުﷲ ގެފުޅުގެ ހުރި ބަރަކާތްތެރި ގާފޮޅު އެގާފޮޅުތައް އެގާފޮޅުތަކާ އެއްޗެހި އެމީހުން ތަޅަމުން ތަޅަމުން ގެންގޮސް މުޅި ކަޢްބާ ފުނޑުފުނޑު ކޮށްލާނެ! މިހިސާބުން ޙައްޖެއް ނުވެވޭނެ، އެހިސާބުން ޢުމްރާއެއް ނުވެވޭނެ، އެހިސާބުން އެކަންވެސް ބަންދުވީ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
މިއީ މުސްލިމުންނަށް ވަރަށް އަސަރުކުރާ ވާހަކަކޮޅެކެވެ. ބައެއް މީހުންނަށް ޤަބޫލުކުރަން އުނދަގޫތަކެއް ކުރިމަތިވާ ވާހަކައެކެވެ. އެހެނީ މައްކާގެ ޙަރަމްފުޅަކީ ދުނިޔޭގެ ބިންމަތީގައިވާ ބިނާ ތަކުގެ ތެރެއިން މުސްލިމުން އެތަނެއް ދެކެ އެންމެ ބޮޑަށް ލޯބިވާ ތަނެވެ. ވީމާ ޙަރަމްފުޅު ނެތިގެން ދިއުމަކީ މުސްލިމުންނަށް އެންމެ ބޮޑަށް އަސަރުކުރާނެ އެއްކަންތަކެވެ.
ނަމަވެސް އެއީ އެކަމުގެ ވަޤުތުޖެހުމުން ހިނގާނެ ކަމެއްކަމާއި އެކަންކުރާނެ މީހާގެ ނަމަށްދާންދެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ވީމާ އެއީ އެގޮތަށް އެކަން ހިނގާނެ ކަމެއްކަމާއިމެދު ޝައްކުކުރުމެއް ނެތެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ވިސްނައިލާށެވެ! މައްކާގެ ޙަރަމްފުޅު ތަޅައި ސުންނާފަތިކޮށްލަން ބޮޑު ލަޝްކަރެއް އައިހިނދު އެމީހުންނަށް ﷲ ލެއްވެވި ކޯފާ އާއި އެމީހުން ނިމިދިއަ ގޮތް އަލް ފީލް ސޫރަތުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
"އެތުގެ އެކުވެރިންނާމެދު (އެބަހީ: ފީލު ބާގައިމީހުންނާމެދު) ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟ (1)
އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟ (2)
އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. (3)
ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ. (4)
ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ."(5)
އެހެންކަމަށްވާއިރު އެންމެ މީހަކަށް ހަމައެޙަރަމްފުޅު ތަޅައި ނެތިކޮށްލެވެނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. އޭނާގެ ބާރުގަދަކަމަކުންނޫނެވެ. އޭނާގެ ބާރު ކިތަންމެ ގަދަ ނަމަވެސް އޭނާއަށް ކުރެވޭނީ އެކަމެއް ކުރަން ﷲ ތަޢާލާ އިރާދަކުރައްވަވާ ކަމެކެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން