އުޅޭނެތާކު އުޅޭނެ އިރެއްވަންދެން އުޅެފައި ގޮސް ގެއަށް ވަނުމުން ހަމަޖެހުން ނުލިބޭތީ ކިތަންމެ ރުޅިގަދަވިޔަސް ހަމަޖެހުމެއް ނުލިބޭނެ! ހަމަޖެހުން ލިބޭނީ އަނެކާއަށްވެސް ހަމަޖެހުން ދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އުޅޭނެތާކު އުޅޭނެ އިރެއްވަންދެން އުޅެފައި ގޮސް ގެއަށް ވަނުމުން ހަމަޖެހުން ނުލިބޭތީ ކިތަންމެ ރުޅިގަދަވިޔަސް ހަމަޖެހުމެއް ނުލިބޭނެ! ހަމަޖެހުން ލިބޭނީ އަނެކާއަށްވެސް ހަމަޖެހުން ދީގެން!

އުޅޭނެ ތަނެއްގައި އުޅޭނެހައި އިރެއްވަންދެން އުޅެފައި ގޮސް ގެއަށް ވަދެފައި ހަމަހިމޭންކަން ބޭނުންވާ ކަމަށް ބުންޏަކަސް އެކަމެއް ނުލިބޭނެއެވެ. ނުލިބުނީމާ ޝޯތަކަށް އަރައިތިބެ ކިތަންމެ ބާރަށް އެކަމުގެ ޝަކުވާ ކުރުރިޔަސް ހަމަޖެހުމެއް ނުލިބޭނެއެވެ.  

ހަމަހިމޭންކަމަކީ ހޯދުމުން ލިބޭ އެއްޗެކެވެ. އެކަން ލިބިގަންނަން މަސައްކަތްކުރުމުން ލިބޭ އެއްޗެކެވެ. އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްދީގެން ހޯދޭނެ އެއްޗެކެވެ.  

މަސައްކަތް ނިމުނަސް ގެއަށް އަންނަނީއެއް ނޫނެވެ. ގެއަށް އަޔަސް ފެންވަރާލައި ރީތިވެލައިގެން ނުކުމެގެންދަނީއެވެ. ނިދަން އަންނަނީ މެންދަމުން ފަސްވާފަހުންނެވެ. އެކަމަކުވެސް މިބުނަނީ ހަމަޖެހުން ބޭނުންވާ ކަމަށެވެ. އެފަދައިން ބުނާ ފިރިން ގާތުގައި ބުނަން އޮތް ބަހަކީ އުޅޭނެހައި ގޮތަކަށް އުލެފައި ހަމަޖެހުން ބޭނުންވާނަމަ ކައިވެނިނުކުރާށެވެ! ދަރިން ނުހޯދާށެވެ! އެކަނިހުރެގެން އުޅެން ބޭނުންވާ ގޮތަކަށް އުޅޭށެވެ!  

އަނބިމީހާއަށްވެސް ހަމަޖެހުން ބޭނުންވެއެވެ. ހެޔޮލަފާ އަނބިންނަށް ހަމަޖެހުން ލިބޭނީ ފިރިމީހާގެ ކިބައިން ލިބެންޖެހޭ ލޯތްބާއި އަޅައިލުން ލިބިގެންނެވެ. އެކުގައި ވަޤުތު ހޭދަކޮށްގެންނެވެ. ދަރިންނަށް ބޭނުންވާ ހަމަޖެހުން ދަރިންނަށް ލިބޭނީ ދަރިންނަށް އަޅާލައިގެންނެވެ. ދަރިންނާއިއެކުގައި ވަޤުތު ހޭދަކޮށްގެންނެވެ.  

ޚުލާޞާއަކީ އެންމެންވެސް ހަމަޖެހުން ބޭނުންވެއެވެ. ވީމާ ހަމަޖެހުން ވާންޖެހޭނީ ޗޭނެއްގެ ބޮޅުތަކަކަށެވެ. ބޮޅުތައް ގުޅި ގުޅިލާމެހިގެން ނޫނީ ޗޭނު ފުރިހަމައެއް ނުކުރެވޭނެއެވެ. ޗޭނު ފުރިހަމަ ނުވުމުން ހަމަޖެހުން ނުލިބޭނީ ވަކިމީހަކަށް ނޫނެވެ. ހަމަ އެކަކަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ވީމާ ހަމަޖެހުން ބޭނުންވާނަމަ ޗޭނު ފުރިހަމަކުރާށެވެ!  

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން