ދެމަފިރިންކަމުގައިވީނަމަވެސް ދެބަސްވެ ޒުވާބުކުރުމުގެ ބައެއް އަދަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެމަފިރިންކަމުގައިވީނަމަވެސް ދެބަސްވެ ޒުވާބުކުރުމުގެ ބައެއް އަދަބުތައް-

ދެމަފިރިންކަމުގައިވީނަމަވެސް ޚިޔާލުތަފާތުގެ ދެބަސްވެ އަދި ޒުވާބުކުރަންޖެހޭ ފަދަ ޙާލަތުތައްވެސް ކުރިމަތިވާނެއެވެ. އެއީ އެކަކު އަނެކަކު ދެކެ ލޯބިނުވާތީއެއް ނޫނެވެ. ލޯބިވާވަރު ބޮޑުވާވަރަކަށް އެކަންކަން ބޮޑުވެސްވެއެވެ.

ކޮންމެއަކަސް މިބުނި ފަދަ ޙާލަތެއް ކުރިމަތިވެ ޒުވާބުކުރާނަމަ ޒުވާބުކުރަންވާނީ ވަކިކަމަކާއި ގުޅިގެންނެވެ. އެކަމަކާއި ގުޅިގެން ބުނަންޖެހޭ ބަސް ބުނެފައި އެހިސާބުން ނިންމާލަންވާނެއެވެ.

އެޒުވާބުގެ ތެރެއަށް ކަންތައްތައް އިތުރުނުކުރާށެވެ. ދިރިއުޅުމުގައި އެކި ދުވަސްމަތިން ކުރިމަތިވެފައި ހުންނަ ކަންކަން ޒުވާބުގެ ތެރެއަށް ވައްދާނަމަ ޒުވާބު ދިގުލައިދާނެއެވެ. ނިމުމެއް ނުއޮންނާނެއެވެ.

މިދެކަންތަކަށް ސަމާލުކަން ނުދިނުމުން ކަންކަން މެދުވެރިވާގޮތަކީ ކައްވަޅުކޮނުން ގިނަވަނީއެވެ. ގިނަވާވަރަކަށް (އިތުރަށް ކޮންނަވަރަކަށް) ފަސްތައް ދާނީ އިތުރުވަމުންނެވެ. ގިނަވަމުންނެވެ. ވީމާ ބުއްދިވެރި ބަހެއްގައި ބުނެފައި އޮންނަނީ ކިރިޔާ ފުދޭވަރަށް ކޮނެވުމުން އަވަހަށް ސަންދޯއް ވަޅުލައި ފަސްއަޅާށެވެ.

ދެން ބުނެލަން އޮތީ ޚިޔާލުތަފާތުވެ ބަހުގެ ޙަމަލާތައް ބަދަލުކުރިނަމަވެސް ހަޑިހުތުރު ބަހުރުވަ ބޭނުންނުކުރާށެވެ. ރިވެތިބަހުރުވައިން މުޢާމަލާތްކުރާށެވެ! އަދި ފަށަމުން ބުނިފަދައިން ފަހުބަސްބުނެފައި ދެމަފިރިން ސަލާމްކުރަންވާނެއެވެ. ބައްދާލައި ބޮސްދޭންވާނެއެވެ.

އެންމެ ފަހުކަމަކަށް ބުނެލަން އޮތީ އެހިސާބުން އެކަން ނިންމާލައި ފަހުން ފަށަފަށައިގެން އެކަމުގެ ވާހަކަ ނުދައްކާށެވެ. އެކަމުގެ ސަބަބުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އަދި އެވާހަކަ ތަކުރާރުކުރާނަމަ މައްސަލަ އިތުރަށް ހޫނުވުން ނޫންކަމެއް ނުވާނެއެވެ.

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން