ޚުޠުބާ: ސިޙުރުގެ ސަބަބުން މީސްތަކުންނަށް ނުލިބޭ ގެއްލުމެއް ނެތް! ދީނުން ބޭރުވާ މިފާސިދު ޢަމަލު މުޖުތަމަޢަށް ޢާންމުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 27ސ
ޚުޠުބާ: ސިޙުރުގެ ސަބަބުން މީސްތަކުންނަށް ނުލިބޭ ގެއްލުމެއް ނެތް! ދީނުން ބޭރުވާ މިފާސިދު ޢަމަލު މުޖުތަމަޢަށް ޢާންމުވެއްޖެ!

މުސްލިމް އަޚުންނޭވެ! މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ސިޙުރެވެ. ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވެއެވެ. ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދެއެވެ. ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅެއެވެ. ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހެއެވެ. އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ z ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ. މިނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމަޢަށް ޢާންމުވެފައެވެ. 

މުސްލިމް އަޚުންނޭވެ! މި ސުންޕާ ޢަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ޙަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަޚުންނާއި އުޚުތުން ހެއްޔެވެ؟ ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ ދަނީ ކިތައް ޢާއިލާ ހެއްޔެވެ؟ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިޙުރުގެ ސަބަބުންނެވެ.   

މުސްލިމް އަޚުންނޭވެ! ސިޙުރަކީ ޙަޤީޤަތެކެވެ. އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެކެވެ. ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫނެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެވެ. މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި،ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނެއެވެ. ކީރިތި ރަސޫލާ z އަށް ޖެހިވަޑައިގަތީ، މިބާވަތުގެ ސިޙުރެކެވެ. لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާ z އަށް ސިޙުރު ހެދީ، އެކަލޭގެފާނުގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެންނެވެ. ކީރިތި ރަސޫލާ z އަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ މި ޙާދިޘާއާ ގުޅިގެންނެވެ.[1] 

މުސްލިމް އަޚުންނޭވެ! ސިޙުރަކީ، ޙަޤީޤަތެއްކަން، ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ.  تَعَالَى ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ."އަދި سُلَيْمَانُ ގެފާނުގެ ވެރިކަމުގެ ޒަމާނުގައި، شَيْطَانُ ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تَبَعَ ވޫއެވެ. سُلَيْمَانُ ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شَيْطَانُ ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سِحْرُ އުނގަންނައިދިނުމުންނެވެ. އަދި بَابِلُ ގައިވާ هَارُوْت އާއި، مَارُوت އާއި ދެ مَلَائِكَةُ ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާ ވެސް (އެއުރެން تَبَعَ ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ، (إِيـْمَان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) اِمْتِحَان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ ވިދާޅުވެ (نَصِيْحَة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ مَلَائِكَةُ ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި، އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް، ވަކިކުރާނޭ ގޮތް، އެ ދެ مَلَائِكَةُ ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. الله ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخِرَةُ ގައި އެއްވެސް نَصِيْب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ. އެއުރެންގެ نَفْسُ ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ."[2] މި އާޔަތުގައި "ފަހެ (އެ ދަސްކޮށްގެން) كَافِرُ ނުވާށޭ" އޮތް ބަސްފުޅުން ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން އެނގެއެވެ. އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް  ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވަމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ ސިޙުރާއި، ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިވެގެންވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންނީ އެންމެހައި ކަންކަމުގައި މާތް الله ގެ ޙަޟްރަތުން ވާގިއެދި އެކަލާނގެއަށް ދުޢާ ދަންނަވާ ޞާލިޙު އަޅުން ކަމުގައި ލައްވާނދޭވެ! 

މިއަދު އޮންލައިން